ގާސިމް އިބްރާހިމް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅެނީ ރައީސް ސޯލިހަށް ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ނުދޭން: ގާސިމް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ނުދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނިޒާމީ ވޯޓުގައި ވަރަށް މަތީ އަޣުލަބިއްޔަތަކުން ދިވެހި ރައްޔިތުން ޖުމްހޫރީ ނިޒާމު ބަލައިގެންފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް މަތީ އަޣުލަބިއްޔަތަކުން ނިޒާމީ ވޯޓުގައި ބަލައިގެންފައި މިވަނީ ޖުމްހޫރީ ނިޒާމު. ދެން މިއަދު އެ ބަދަލުކުރަން އަޅުގަނޑުމެން ވަކި ބޭފުޅަކު އުޅުނޭ ކިޔާފައި ކިހިނެއްތޯ އެކަން ކުރަނީ. އެއީ މިއަދު އިބްރާހިމް މުހައްމަދު ސޯލިހު ފަސް އަހަރު ދުވަހުގެ ވެރިކަމެއް އަދާކުރުމުގެ ފުރުސަތު ވެސް ނުދިނުމަށްޓަކައި ކުރު ގަންނަވާލާފައި އަވަހަށް ބާރަށް ވެރިކަމަށް އައިސް، އިށީންނަ ހިތުން. އަޅުގަނޑު ދަންނަވާނީ މިވަރު ތަންފުކެއް ބޮޑޭ. އަމިއްލަ އެދުން ވެސް އޮންނަންވާނީ ވަކި ވަރަކަށް ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ރައްދުދެއްވަމުން ގާސިމް ވިދާޅުވީ ސުޕާ މެޖޯރިޓީ ހޯދައިގެން އަމިއްލައަށް ބޭނުންވަނީ ގާނޫނު އަސާސީ ބަދަލުކުރަން ކަމަށާއި އެއީ އަމިއްލަ އެދުން ބޮޑުވުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ހޭލުންތެރިކަމާއެކު ތިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.