ދީން

އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީނެވެ.

އަބްދުﷲ ފާރޫގް ހަސަން

1

ސާފުތާހިރުކަމަކީ އިސްލާމްދީން ވަރަށްބޮޑަށް ލޯބިކުރައްވާ ކަމެކެވެ. އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. "ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ." (އަލްބަޤަރާ: 222)

އިންސާނާއަށް ފާފައެއް ކުރެވުމަށްފަހު އެކަމާ ދެރަވެ ލަދުވެތިވެ އަލުން ހެޔޮކަމުގެ ފަރާތަށް އެނބުރި އަންނަ އައުމަށް ކިޔަނީ ތައުބާވުމެވެ. ތައުބާވުމުން އިންސާނާގެ އެތެރެފުށް ޠާހިރުވެއެވެ. ފެނަކީ އިންސާނާގެ ބޭރުފުށް ޠާހިރުކުރުމުގެ ޒަރީޢާއެކެވެ. ތައުބާގެ ޒަރީޢާއިން އިންސާނާ އޭނާގެ ރޫޙު ޠާހިރުކުރެއެވެ. ފެނުގެ ވަސީލަތުން އޭނާގެ ހަށިގަނޑު ޠާހިރުކުރެއެވެ. މިދެކަމަށްވެސް އިސްލާމްދީން ވަނީ ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވާ ގޮތުގައި ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. (މުސްލިމު) އިތުރު ސާހިބާގެ އެހެން ބަސްފުޅެއްގައި ވެއެވެ. "އަރަހުށި މާތްﷲ އީ ސާފުޠާހިރުވަންތަ ރަސްކަލާނގެއެވެ. ސާފުޠާހިރުކަމަށް އެކަލާނގެ ލޯބިކުރައްވައެވެ." (ތިރުމިޒީ) އިބްނު މާޖާ އެކަލޭގެފާނުގެ ޞަޙީޙުގެ ކިތާބުއްޠަހާރަތުގައި ވަނީ ސާފުޠާހިރުކަމުގެ ޘަވާބުގެ މައްޗަށް މުސްތަޤިއްލު ބާބެއް ލިޔުއްވާފައެވެ.

އިންސާނާއަކީ ޚާއްޞަ ގޮތެއްގައި ޙައްސާސިއްޔަތުކަން ލައްވައިފައިވާ މަޚްލޫޤެކެވެ. އެހެންކަމުން ފިޠުރީ ގޮތުންވެސް އިންސާނާ ސާފުތާހިރުކަމަށް ލޯބިކުރެއެވެ. އަނެއްކޮޅުން އިސްލާމްދީނަކީ ފިޠުރަތުގެ ދީނެވެ. އެހެންކަމުން އިސްލާމްދީނުގައި ސާފުތާހިރުކަމުގެ އަހައްމިއްޔަތު ވަކީން ބޮޑެވެ. އިސްލާމްދީން ގޮވާލައްވަނީ އިންސާނާ ސާފުތާހިރުކަމުގައި ހުރުމަށެވެ. އޭނާގެ ހަށިގަނޑާއި، ފޭރާމާއި، އޭނާގެ ގެދޮރާއި، ހުރިހާ ތަނަކާއި އެއްޗެއްސެއް ސާފުތާހިރުކަމުގައި ބެހެއްޓުމަށެވެ.

ފެންވަރައި ތާހިރުވުމަކީ ބައެއް ޙާލަތްތަކާ ގުޅިގެން އިސްލާމްދީން ވާޖިބުކުރައްވައިފައިވާ ކަމެކެވެ. ބައެއް ކަންކަމާ ވިދިގެން ހިނައިގަތުން ވަނީ ސުންނަތެއް ކަމުގައި ލައްވައިފައެވެ. އެހެންކަމުން ޞަޙާބީން ސާފުތާހިރުކަމަށް ވަރަށްބޮޑަށް ލޯބިކުރެއްވިއެވެ. ދުވާލަކު އެއްފަހަރު ނާނެފިއްލެވުމަކީ ޞަޙާބީންގެ ޢާއްމު އާދަފުޅެކެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ބައްޕާފުޅު ކޮންމެ ނަމާދަކަށް ވުޟޫ ކުރެއްވުމުގެ ކުރީން ނާނެފިއްލަވައެވެ. އާދެ، ދުވާލަކު ފަސް ފަހަރު ނާނެފިއްލަވައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟