ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޕީޕީއެމާ ގުޅިވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަލްހާން މިއަދު ފޮނުވި ސިޓީގައި ވަނީ އޭނާއަށް ރައްޔިތުންނަށް އެންމެ ރަނގަޅަށް ޚިދުމަތް ކުރެވޭނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އިދިކޮޅު އިއްތިހާދާއެކު ކަމަށެވެ.
އަލްހާން ވިދާޅުވީ މިހާރު ޕީޕީއެމްގައި ހުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އެ ޕާޓީން ވަކިވާން ނިންމާފައިވާ ކަމަށެވެ.
އަލްހާނަކީ 2008 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ފޭދޫ ދާއިރާއަށް ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވާފައެވެ. އަދި އެއަށްފަހު ވަކި ހިސާބަކުން އޭރުވެރިކަމުގައި އޮތް އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ނަމަވެސް އެ ޕާޓީގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެފައި ވަނިކޮށް، އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ. އެއަށްފަހު އޭނާ ގެންދެވީ ރައީސް ނަޝީދަށާއި އެމްޑީޕީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ދާދިފަހުން ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވީ އިބޫއަކީ އޭނާގެ ޓްރީމް ޕްރެޒިޑެންޓު ކަމަށާއި އެމްޑީޕީގައި އުޅުއްވިއިރު އެގޮތަށް އުންމީދު ކުރެއްވި ކަމަށެވެ.