ރ. މަޑުއްވަރީގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ގްރޫޕު ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް ލައިކަންސް އެފްސީ އާއި އެފްސީ ޔުނައުޓެޑުން ކާމިޔާބުކޮށްފިއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅެފައި ވަނީ ގްރޫޕު އޭ އަދި ގްރޫޕު ބީގެ މެޗެކެވެ. ގްރޫޕު އޭގައި އެފްސީ ޔުނައިޓެޑު އަދި ހޯރަ ކަންމަތިވެސް ކުޅެފައިވަނީ އެޓީމުތަކުން ގްރޫޕު ސްޓޭޖުގައި ކުޅުނު ފަހު މެޗެވެ. ރޭގެ މެޗުގައި އެފްސީ ޔުނައިޓެޑުން 4-3ގެ ނަތީޖާއަކުން ހޯރަ ކަންމަތި ބަލިކޮށް، ގްރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލް ޔަގީން ކުރީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންވެެ.
ގްރޫޕު ސްޓޭޖުގައި ހޯރަ ކަންމަތި ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެ މުބާރާތުން ކަޓާފައިވާ އިރު، އެ ގްރޫޕުން ދެން ސެމީއަށް ދާ ޓީމު އެނގޭނީ މިރޭ އެފްސީ ރުއްގަނޑާއި ބީބީ ނިއުޖެނެރޭޝަން ވާދަ. ކުރާ މެޗުންނެވެ.
ރޭގެ މެޗުގައި އެފްސީ ޔުނައިޓެޑުގެ ހަސަން ރިޒާން އާއި މުހައްމަދު ޖުމާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހައިދީފައިވާ އިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައި ވަނީ ޖުމާންއަށެވެ. ހޯރަ ކަންމަތީގެ ގޯލުތައް ޖަހައި ދިނީ ހަސަން ރިޒާގެ އިތުރުން މުހައްމަދު ނާފިއު އަދި މުހައްމަދު ސާމިނެވެ.
ގްރޫޕު ބީގައި ރޭ ލައިކަންސް އިން ވިދާބަބުޅާ ބަލިކުރީ 27-0 އިންނެވެ. އެ މޮޅާއެކު ލައިކަންސް އިން ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފައިވާ އިރު، ގްރޫޕުން ދެން ސެމީއަށް ދާ ޓީމު ޔަގީން ވާނީ މިރޭ ޓީމު ވާލު އަދި އެފްސީ ކޮންފިޑެންސް ކުޅޭ މެޗުންނެވެ.
މެޗުގައި ލައިކަންސްގެ ޖައިލަމް ޖަމީލު 16 ގޯލު ޖަހާފައިވާ އިރު، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ. އާދަމް މުޒުހިރު ހަތަރު ގޯލު ޖަހައިދީފައިވާ އިރު، ސަރާއު ހަމީދު، މާއިޝް މުހައްމަދުގެ އިތުރުން އަލީ ރިޔާޒް، މުހައްމަދު ޝަދީދު، އަބްދުﷲ ޒަމީރު އަދި މުހައްމަދު ނާއިމް ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހައިފައެވެ.
މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މުބާރާތުގައި މިރޭ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ ފަހު ދެ މެޗެވެ.