ދީން

އެމީހެއްގެ ޙައްޤު އެމީހަކަށް ދެއްވާށެވެ.

އަބްދުﷲ ފާރޫގް ހަސަން

1

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ސަލްމާނުލްފާރިސީ ރަޟިޔަﷲ ޢަންހުއާއި، އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުއާ ދެބޭކަލުން އަޚުކޮށްދެއްވިއެވެ. އެދެބޭކަލުން އެކުގައި އުޅުއްވާން ފެއްޓެވުމުން ސަލްމާނަށް އެނގިވަޑައިގަތީ އަބުއްދަރްދާއު ދުވާލު ހުންނަވަނީ ރޯދަފުޅަށް ކަމެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރައްވަނީ ނަމާދު ކުރެއްވުމުގައި ކަމެވެ. އެހެނިހެން އިންސާނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރައްވާކަށެއް އެކަލޭގެފާނަކަށް އެކަށީގެންވާ ވަގުތެއް ލިބިވަޑައެއްނުގަންނަވައެވެ.

ސަލްމާނު، އަބުއްދަރްދާއު އެގޮތަށް އުޅުއްވުން މަނާ ކުރެއްވިއެވެ. ވިދާޅުވިއެވެ. "އޭ އަބުއްދަރްދާއެވެ. މާތްﷲ ގެ ޙައްޤުފުޅުތަކުގެ އިތުރަށް ކަލޭގެފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަޚްލޫޤުންގެ ޙައްޤުތަކެއްވެސް އެބަވެއެވެ. އެހެންކަމުން ކަލޭގެފާނު ހުރިހާ ޙައްޤުވެރީންގެ ޙައްޤުތައް އަދާކުރައްވާށެވެ. ހުރިހާ ފަރާތްތަކެއްގެ ޙައްޤުތަކެއް އެފަރާތްތަކަށް ދެއްވާށެވެ." އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެޚަބަރު ލިބިވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. "ސަލްމާނު އެވިދާޅުވީ ރަނގަޅަށެވެ." އެހެން ރިވާޔަތެއްގައި ވާގޮތުން، ކައުސާހިބާ އިތުރަށް ޙަދީޘު ކުރެއްވިއެވެ. "ސަލްމާނަކީ ފަޤީހެކެވެ. އެކަލޭގެފާނަށް ވަނީ ޢިލްމުގެ ޙިއްޞާއެއް ލިބިވަޑައިގެންފައެވެ." (ފަތުޙުލްބާރީ، ބި ޝަރަޙި ޞަޙީޙިލް ބުޚާރީ)

ޙައްޤުވެރީންނަށް އެބައިމީހުންގެ ޙައްޤު އަދާކުރުމަކީ އިސްލާމްދީނުގައި ވަރަށް އާދަޔާ ޚިލާފު ބާރެއް އަޅުއްވައިފައިވާ ކަމެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ޙަދީޘު ކުރައްވައިފައި ވެއެވެ. "ކަލޭގެ ދުނިޔެމަތީގައި، ޙައްޤުވެރީންނަށް އެބައިމީހުންގެ ޙައްޤު އަދާނުކޮށްފިނަމަ ކަލެޔަށް ޤިޔާމަތްދުވަހުން އެބައިމީހުންނަށް އެ ޙައްޤުތައް އަދާކޮށްދޭން ޖެހޭނެއެވެ." (މުސްލިމު) މާނައަކީ މި އިމްތިޙާނުގެ ދުނިޔޭގައި ޙައްޤުތައް އަދާކުރުމުގައި ނާކާމިޔާބު ވެއްޖެމީހާ އަންނާން އޮތް ނިޔާ ކަނޑައަޅުއްވާ ދުވަހު މާބުރަދަން ހުރި ގޮތެއްގައި އެކަމުގެ މަސްއޫލިއްޔަތު އުފުއްލާން މަޖުބޫރު ވާނެއެވެ.

ޙައްޤުތައް އަދާކުރުމާ ގުޅުންހުރީ އެއްކަމެއް ދެކަމަކާ ނޫނެވެ. އަދި ކީއްތޯއެވެ؟ އެތައް ކަމަކާއެވެ. އެތައް ފަރާތްތަކަކާއެވެ. މިސާލަކަށް ގޭގެ ޙައްޤަކީ ކަލާގެ އަނބިކަނބަލުންނާއި، ބޭފުޅުންނާ ބެހޭގޮތުން ކަލާގެ ކޮނޑުފުޅުގައި އެޅިފައިވާ ހުރިހާ ޒިންމާތަކެއް އަދާކުރެއްވުމެވެ. އަވަށްޓެރީންގެ ޙައްޤުތަކުގެ ތެރޭގައި ކަލާ އެބައިމީހުންނަށް އުނދަގޫ ނުކުރެއްވުމާއި މަސްއަލަތައް ނުއުފެއްދެވުން ހިމެނެއެވެ. މަގުމަތީގެ ޙައްޤަކީ، މަގުހިނގާ އެހެން މީހުންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ނުކުރެއްވުމެވެ. މުޖުތަމަޢުގެ ޙައްޤަކީ ކަލާ އެމުޖުތަމަޢުގެ އެންމެންނަށް ޙަޤީޤީ މާނައިގައި ހެޔޮ އެދިވަޑައިގަތުމެވެ. ޤައުމުގެ ޙައްޤަކީ ކަލާ ޤައުމުގެ މަޞްލަޙަތު ނަންގަވައިނުލެއްވުމާއި، ޤައުމުގެ ތަރައްޤީއާއި، އިޞްލާޙާއި ލާބަޔަށް ޓަކައި ކަލާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކުޑަކޮށް ވެސް ޣާފިލު ވެވަޑައިނުގަތުމެވެ.

ޙައްޤުވެރީންނަށް އެބައިމީހުންގެ ޙައްޤުތައް ބަރާބަރަށް އަދާކުރުމަކީ އިސްލާމްދީނުގައިވާ ވަރަށް ފުރިހަމަ ނަޒަރިއްޔާއެކެވެ. ޙައްޤުތަކާ ގުޅެނީ އެއްކަމެއް ދެކަމަކާ ނޫނެވެ. އިންސާނާގެ ޙަޔާތުގެ ހުރިހާ މުޢާމަލާތަކަކާވެސް ޙައްޤުތަކާ ވަރަށް ވަރުގަދަ ގުޅުމެއް ވެއެވެ.