ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ނުދެއްވައިފިނަމަ އޭނާ ގޮނޑިން ބޭލުމުގެ މަސައްކަތް ކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށްވުރެ އެންމެ ރީތިގޮތަކީ މަސީހު އިސްތިއުފާދެއްވުން ކަމަށެވެ. ނަމަވެސް އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މައްސަލައަކީ ކުރީގަވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން 45 މެމްބަރުން ސޮއިކުރައްވާފައި ވައްދާފައިވާ މައްސަލައެއްކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ރޮޒައިނާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި މެމްބަރުންތިބީ މަޖިލީހުގެ މެޖޯރިޓީއާ އެއްގޮތަށް ނޫން ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީވެސް ހިންގަމުން ދަނީ އެމްޑީޕީގެ ދެ މެމްބަރުން ފިޔަވައި ޕީޕީއެމްގެ މެމްބަރުން ލައިގެން ކަމަށާއި ހުރިހާ މިނިވަން މުއައްސަސާތައް އޮތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ "މުށުތެރޭގައި" ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށްވެސް މިހާރު މިއޮތް ޓްރާންސިޝަލަން ޕީރިއަޑްގެ ތެރޭގައި ޕްރެޒިޑެންޓް އިލެކްޓް އިބްރާހިމް މުހައްމަދު ސޯލިހަށް އެބޭފުޅުން އެއްބާރުލުން ދެއްވީމަ ރައީސް ޔާމީންގެ ފަރާތުން އެއްވެސް ނުފޫޒެެއް ފޯރުވުމުގެ ފުރުސަތު އަޅުގަނޑުމެން ނުދޭނަމޭ. އެބޭފުޅުން މަގާމުން ވަކިކުރަން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ ގާނޫނާ އެއްގޮތަށް އަމަލުކުރަން ފެށީމަ،" ރޮޒައިނާ ވިދާޅުވިއެވެ.
ބޮޑު ބައްޔަޔަކުން ބަލިވުމުން ގައުމުގެ މަސްލަހަތު ނަގާލުމަށް ރައީސް ޔާމީން އުޅުއްވާ ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލި ގަބޫލުކުރުމަށްފަހު ރައީސް ޔާމީން ކުރައްވަން އުޅުއްވާ ކަންތައްތައް ބަލައި ނުގަނެވޭނެ ކަމަށާއި ގާނޫނާ ޚިލާފަށް އެމަނިކުފާނު ކުރަން އުޅުއްވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުއްޓުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާތުބާރު ނެތްކަމަށް މީގެކުރިން ހުށަހެޅި މައްސަލަ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އިދިކޮޅު މެމްބަރުން ތުހުމަތުކުރާގޮތުގައި އެ މައްސަލަ ކާމިޔާބުނުވީ ރައީސް ޔާމީން މެމްބަރުންނަށް ނުފޫޒު ފޯރުވުމުންނެވެ.