ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ

ލައިކަންސްއާއި ބީބީ ނިއު ޖެނެރޭޝަނަށް ރަނގަޅު ފެށުމެއް

ރ. މަޑުއްވަރީގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ގްރޫޕް ސްޓޭޖުގައި އެފްސީ ލައިކަންސްއާއި ބީބީ ނިއު ޖެނެރޭޝަން ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ރޭ ބީބީ ނިއު ޖެނެރޭޝަންއިން ހޯރަ ކަންމަތި ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބީބީ ނިއު ޖެނެރޭޝަންސްގެ މުހައްމަދު ޝަހާއު ދެ ގޯލު ޖެހި އިރު، އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ އަހުމަދު ހައްމާދުގެ އިތުރުން އަހުމަދު ނަބީލް އަދި އަތީފް ޒާހިރެވެ. މެޗުގައި ހޯރަ ކަންމަތި ޖެހި ހަމައެކަނި ގޯލަކީ މުހައްމަދު ސާމިން ޖެހި ގޯލެކެވެ.

ގްރޫޕް ބީގައި ރޭ ވާދަކުރީ އެފްސީ ލައިކަންސްއާއި އެފްސީ ކޮންފިޑާންސެވެ. އެ މެޗު ލައިކަންސްއިން 9-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖައިލަމް ޖަމީލް ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ސަރާއު ހަމީދު މެޗުގައި ދެ ގޯލް ޖަހައިދިން އިރު، ލައިކަންސްގެ އިތުރު ގޯލުތައް ޖަހައިދިނީ އަލީ މުރުތަލާއާއި ހުސައިން ޒަމީމް އަދި އާދަމް މުޒްހިރެވެ.

މެޗުގައި އެފްސީ ކޮންފިޑާންސުން ޖެހި ދެ ގޯލުވެސް ޖަހާފައިވަނީ އަލީ މާއިދު އަހުމަދެވެ.

މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ކުޅުން ހޯމަ ދުވަހުގެ ރޭ ފަށާފައިވާ އިރު، ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމު ހުށަހެޅިފައިވާ އިރު، މުބާރާތުގެ ގުރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުޅެން ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުތަކެވެ.

ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.