ގާސިމް އިބްރާހިމް

އެމްޑީޕީގެ މެނިފެސްޓޯއަށް ގާސިމް ފާޑުވިދާޅުވުން: ކޮން ޖަޒީރާ ރާއްޖެއެއްތޯ، ކީކޭ ކިޔަންތޯ މިއުޅެނީ؟

ޝަހީދާ އަބްދުﷲ ސައީދު

އެމްޑީޕީގެ ''ޖަޒީރާ ރާއްޖެ'' މެނިފެސްޓޯއަށް ކޯލިޝަންގެ އެެއް ލީޑަރު ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމްް ވިދާޅުވީ އެމަނިކުފާނަކީ ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ކަމަށެވެ. އަދި ފަސްޖެހިވަޑައިގަންނަވާ ބޭފުޅަކު ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖަޒީރާ ރާއްޖެ ކިޔައިގެން އުޅެނީ ރައްޔިތުންނަށް ވާނުވާ އޮޅުވައިލަން ކަމަށެވެ.

''އަނެއް ދިވެހި ރާއްޖެ. އެއީ ކޮން އަނެއް ދިވެހި ރާއްޖެއެއްތޯ، ދެން މިހާރު ޖަޒީރާ ރާއްޖެ. މި ދިވެހި ރާއްޖެއަށް ކިޔާ އެހެން ރާއްޖެއެއް ނޯވޭ. ދެން އެހެން އެއްޗެއްވެސް ކިޔަންވީނޫންތޯ. މީ މިއުޅެނީ ކޮންއެއްޗެއްް އޮޅުވާލަންތޯ.'' ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ 87 ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރަން ނިންމުމާ ގުޅިގެން ގާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށެވެ.

މަޖިލީހަށް ވާދަކުރުމުގައި ކޯލިޝަނުން ހެދި އެއްބަސްވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ މިހާ އަވަހަށް އެއްބަސްވުން މީޑިއާގައި ޝާއިއުކުރަން ބޭނުންފުޅު ނުވަނީ އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ވަގުތު އައީމާ އެކަންވެސް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ފަހަކަށް އައިސް ގާސިމް ގެންދަވަނީ އެމްޑީޕީއާ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.