މޫސުމަށް އަންނަ ބަދަލާއި ކޮވިޑުގެ ހާލަތު ބޮޑުވެފައިވާ ދުވަސްވަރެއްގައި ރޯގާގެ އަލާމާތްތައްހުރެ ކޮވިޑާއި އާދައިގެ ރޯގާއެއްކަން ވަކިކުރަން ނޭނގޭ ގޮތް ދިމާވެއެވެ. އެހެންކަމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ގުދުރަތީ ވަސީލަތްތަކުން ލިއްބައިދޭ ވިޓަމިނާއި މިނެރަލުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.
މި ފަހަރު މި ބަލައިލަނީ ބީޓްރޫޓާއި ކެރެޓު އަދި އިނގުރުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކަށެވެ.
ބީޓްރޫޓަކީ ދަގަނޑުގެ ބައި ގިނަ އަދި ވިޓަމިން ސީ ލިއްބައިދޭ ބާވަތަކެވެ. މި ދެ މާއްދާގެ ސަބަބުން ހަށިގަނޑުގެ ރެޑް ބްލަޑް ސެލްތައް އުފައްދައިދޭ މިންވަރު އިތުރުކޮށްދީ ހަށިގަނޑުގައި އުފެދޭ ބަލިތައް ދިފާއުކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ބީޓްރޫޓުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެން ވުމުން، ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމުގައިވެސް މުހިއްމު ރޯލެއް ކުޅެއެވެ.
ކެރެޓަކީ ވިޓަމިން އޭ އަދި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެންވާ ތަރުކާރީއެއްކަމުން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދިނުމުގެ ގޮތުން އެންޓިއޮކްސިޑަންޓެއްގެ ގޮތުގައި ހަރަކާތްތެރިވެދީ، ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭ ސެލްތައް ހަލާކުވިޔަ ނުދިނުމަށް ބާރަކަށް ވެދެއެވެ. ކެރެޓުގައި އިތުރަށް ބީ26 ވިޓަމިން ގިނަ އަދަދަކަށް އެކުލެވިގެންވުމުން ހަށިގަނޑުގައި ދިފާއީ ބައި ހަރަކާތްކުރުމަށް އެހީތެރިވެދެއެވެ.
އިނގުރުގައި އެކުލެވިގެންވާ ޖިންޖެރޮލް ކިޔާ މާއްދާއެއްގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ބެކްޓީރިއާ އާއި ދެކޮޅަށް މަސައްކަތްކޮށް، ގައިން ގަޔަށް އަރާ ބަލިތަކުން ހަށިގަނޑު ދިފާއުކޮށް ވަރުގަދަކޮށްދެއެވެ.
ބީޓުރޫޓާއި ކެރެޓު އަދި އިނގުރު އެކުގައި ބޭނުންކޮށްގެން ދިފާއީ ބާރު ވަރުގަދަކޮށްލުމަށް އަންނަނިވި ބުއިން ތައްޔާރުކޮށްލެވިދާނެއެވެ.
1 ކެރެޓާއި 1 ބީޓުރޫޓު ކޮށާލުމަށްފަހު މިކްސަރަށް އަޅާލައި މީގެ ތެރެއަށް 1 އިންޗި އިނގުރު އަދި ކުޑަ ލުނބޯހުތް ކޮޅަކާއި ކުޑަކުޑަ ލޮނުކޮޅެއް އަޅާލުމަށްފަހު ގިރާލާށެވެ.