ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން އެ އިންޑަސްޓްރީ ތަމްސީލް ކުރައްވާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމްް އިބްރާހީމާ ބައްދަލު ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ މެންބަރުންނާއި މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް އަބްދުﷲ މުހައްމަދު ދެއްކެވި ވާހަކައިގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ މެންބަރުން މަޖިލީހުގެ ރައީސަށް ކަމާބެހޭ މައުލޫމާތު އެރުވިކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިމަޝްވަރާތައް ކުރެއްވީ އެމްއެންއޭސީއައިގެ ރައީސް އަބްދުﷲ މުހައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، މަޖިލީހުގެ ރައީސް ގާސިމްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަކަމަށެވެ.