ދީން

ޝުކުރުވެރި އަޅަކަށް ވެވޭނީ ފުއްދުންތެރިވުމުން

އަބްދުﷲ ފާރޫގް ހަސަން

1

އިންސާނެއްގެ ކިބައިގައި ހުރުން އެންމެ އެދެވޭ މުހިއްމު އަޚްލާޤީ ސިފަތަކުގެ ތެރޭގައި ފުއްދުންތެރިކަން ވެސް ހިމެނެއެވެ. ރަނގަޅު، ހެޔޮލަފާ މުޖުތަމަޢެއް އާރާސްތުކުރަން ބޭނުންވާ އެއްކަމަކީ އެމުޖުތަމަޢެއްގެ އަފްރާދުންގެ ކިބައިގައި ފުއްދުންތެރިކަމުގެ މިޒާޖު އުފެއްދުމެވެ. އެމުޖުތަމަޢެއްގެ އަފްރާދުންގެ ކިބައިގައި ފުއްދުންތެރިކަމުގެ ސިފަ ހުންނަ މުޖުތަމަޢެއްގެ ދޭދޭ މީހުންގެ މެދުގައި ޢާއްމުވެފައި އޮންނާނީ ލޯބިވެތިކަމެވެ. ކުލުނުވެރިކަމެވެ. އެމުޖުތަމަޢެއްގެ މެމްބަރުންގެ ކިބައިގައި މި ބޭނުންތެރި ސިފަ އަށަގެންފައި ނުވާނަމަ އެމުޖުތަމަޢެއް ވާނީ އެކަކު އަނެކެއްގެ މެދުގައި އެއްވެސް ކުލުނެއް އޯގާވެރިކަމެއްނެތް މުޖުތަމަޢެއް ކަމުގައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައި ވެއެވެ. "އިސްލާމްދީން ޤަބޫލުކޮށްގެން ހުރި، އެމީހެއްގެ ރިޒުޤު އެމީހަަކަށް ލިބެމުންދާ، އަދި އޭނާއަށް މާތްﷲ ދެއްވި އެއްޗަކާމެދު ފުދިގެންވާ މީހަކީ ކާމިޔާބާއި ބާއްޖަވެރިކަން ލިބިގެންފި މީހެކެވެ."

މިދުނިޔޭގައި އިންސާނެއްގެ އެންމެ ބޮޑު ހެޔޮ ނަސީބަކީ އޭނާގެ ވެރި ރަސްކަލާނގެ ރަސްކަންފުޅަށް ޝުކުރުވެރިވާ އަޅެއްގެ ގޮތުގައި ދިރިއުޅުމުގެ ނަސީބު ލިބުމެވެ. ޙަޤީޤީ މާނައިގައި ޝުކުރުވެރިވާ އަޅަކަށް ވެވޭނީ އެމީހެއްގެ ކިބައިގައި ފުއްދުންތެރިކަން ހުރި މީހަކަށެވެ. ކައުސާހިބާގެ ޙަދީޘުފުޅެއްގައި ވެއެވެ. "ކަލޭގެ ފުއްދުންތެރިޔަކަށް ވާށެވެ. އޭރުން މީސްތަކުންކުރެ އެންމެ ބޮޑަށް ޝުކުރުވެރިވާ މީހާ ކަމުގައި ވާނެއެވެ."

ފުއްދުންތެރިކަން ލިބިގަތުމުން އިންސާނާއަށް ހިތްހަމަޖެހުން ލިބެއެވެ. ފުއްދުންތެރި ނުވުމުން އުފެދޭނީ ދަހިވެތިކަމުގެ މިޒާޖެވެ. ދަހިވެތިކަމުގެ މިޒާޖު ހުންނަ މީހަކަށް އެއްވެސް ޙާލެއްގައި، އެއްވެސް ކަމެއްގައި ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެމީހަކަށް އަބަދުވެސް ހުރެވޭނީ "މަށަށް މަދު، މަށަށް މަދު" ކިޔާލަކިޔާލައެވެ. ޝަކުވާ ކޮށްލަކޮށްލައެވެ.

ފުއްދުންތެރިކަމުން އިންސާނާއަށް ހިތްހަމަޖެހުން ލިބޭ ފަދައިން ފުއްދުންތެރި ނުވުމުން އިންސާނާ ހައްޔަރުވާނީ ދަހިވެތިކަމުގެ ހައިހޫނުކަމުގައެވެ. ދަހިވެތިކަމުން އިންސާނާގެ ކިބައިގައި އުފެދެނީ ވިސްނުމުގެ ކިލަނބުކަމެވެ. ފުއްދުންތެރިކަން އިންސާނާ ގެންދަނީ ފިކުރީ އާއުސްމިންތަކަކަށެވެ. ދަހިވެތިކަން މީހާ ގެންދަނީ ދަށުދަރަޖައިގެ ވިޔާނުދާ ޚިޔާލުތަކާ ދިމާޔަށެވެ. ފުއްދުންތެރިކަން އިންސާނާ އެހެން މީހުން ދެކެ ލޯބިވާ މީހަކަށް ހަދައެވެ. ދަހިވެތިކަން މީހާގެ ކިބައިގައި އުފައްދަނީ އެހެން މީހުންނަށް ނަފްރަތު ކުރުމުގެ އުނިސިފައެވެ. ފުއްދުންތެރިކަމަކީ ރޫޙާނީ ތަރައްޤީގެ ޒަރީޢާއެކެވެ. ދަހިވެތިކަން އިންސާނާ ވައްޓާލަނީ ރޫޙާނީގޮތުން ދަށު ދަރަޖައަށެވެ.

ފުއްދުންތެރިކަން އިންސާނާގެ ކިބައިގައި އުފައްދަނީ ކުދިކުދި ކަންތަކަށްވުރެ މައްޗަށް ތެދުވެ މަތިވެރި ޙަޤީޤަތްތަކުގެ ދުނިޔޭގައި ދިރިއުޅުމުގެ ޤާބިލުކަމެވެ. ކެތްތެރިކަން އިންސާނާ ބަދަލުކޮށްލަނީ ސާދާ ދިރިއުޅުމެއް އުޅޭ ޚިޔާލު މަތިވެރި އިންސާނަކަށެވެ.