އިލެކްޝަންސް ކޮމިޝަން

ބިރު ދެއްކުމަކީ ގާނޫނުގެ ދަށުން މަސައްކަތްކުރުން ހުއްޓުވޭނެ ކަމެއް ނޫން : އަކްރަމް

އަހުމަދު ޖައިޝަން

ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ ގާނޫނުގެ ތެރެއިން މަސައްކަތް ކުރުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ފަރާތަކާ މެދު ޒާތީ ނުވާނެ ކަމަށެވެ. އަދި ގާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް އަކްރަމްގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އަކްރަމް މިހެން ވިދާޅުވިއިރު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ) އުފެއްދުމަށް ހުށަހަޅުއްވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިލެކްޝަނާ ދެކޮޅަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީ އުފައްދަން ހުއްދަ ނުދިނުން އެއީ އުސޫލީ މައްސަލައެއް ނޫން ކަމަށާއި ޒާތީ މައްސަލައެއް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.