ގާސިމް އިބްރާހިމް

އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހު މަގާމުން ދުރުކޮށް، ވަކި މީހަކު ވެރިކަމަށް ގެނައުމަށް ރާވަމުންދޭ: ގާސިމް

އެމްޑީޕީގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރުކޮށް، ވަކި މީހަކު ވެރިކަމަށް ގެނައުމަށް ރާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ފަސާދަ އުފައްދައި، ބޮޑު ހައިޖާނެއް ރާވައިގެން ރައީސް ސޯލިހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމުގެ އަމާޒު ގެންގުޅޭ ކަމަށެވެ.

"މިހާރު އެ ޕާޓީގެ ތެރެއިން ބޮޑު ސިންގާ ފަސާދައެއް އުފައްދައި، އެ ޕާޓީގެ ތެރެއިން ބޮޑު ސިންގާ ކަންތައްގަނޑެއް ރާވައިގެން، ބޮޑު ސިންގާ ހައިޖާނެއް ރާވައިގެން އެމަނިކުފާނުގެ ނޯ ކޮންފިޑެންސް ވޯޓު ނެގުމާ ދިމާއަށް އަމާޒުކޮށް، ސަރުކާރު ވައްޓާލައި އަނެއްކާ ވަކި މީހަކު ވެރިކަމަށް އައުމުގެ ބޭނުމުގައި ރާވަމުންގެންދާ ކުޅިގަނޑު އަޅުގަނޑުމެން މިތިބީ ރަނގަޅަށް ބަލަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކުރިމަތިލުމަށް ގައުމީ މަޖިލީހުގައި ވޯޓަށް އަހާފައިވަނީ ރައީސް ސޯލިހު ރިޔާސަތުގައި އިންނަވައިގެން ނޫން ކަމަށާއި ޕާޓީތަކުގެ މެދުގައި ހެދިފައިވާ އެއްބަސްވުން އާންމުންކުރަން ޖެހޭ ވަގުތު އާންމުކުރާނެ ކަމަށެވެ.

"ޗެއާޕާސަނަކަށް ހުންނަވާ ބޭފުޅަކު މިބުނަނީ ނޫނޭ އެއްބަސްވުމެއް ނޯންނާނެއޭ. ކޮން ގޮތަކަށް ނެތް ވާހަކަތޯ. އަޅުގަނޑުމެން ނޫހުގައި އެ ޝާއިއުކުރަންވީތޯ. އެކަމަކު އަޅުގަނޑުމެންގެ ރެސްޕެކްޓަށްޓަކައި އަޅުގަނޑުމެން ބޭނުންނުވަނީ އެކަހަލަ ހަޑިމުޑުދާރު ކަންތައްތައް މިހާ އަވަހަށް ކޮށްލަން. އެކަމަކު ވަގުތު އައީމާ އެކަންވެސް ކުރާނަން. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ސޮއިކުރައްވާފައި ހުރި ލިޔުންތައް. އަޅުގަނޑުމެން އަދި ބޭނުމެއް ނޫން ބާޒާރުމަތީގައި ބަކަރިއެއްގެ ކަރުގައި ވާ ޖަހައިގެން ދަމާހެން ދަމަން،" އޭނާ ވިދާޅުވިއެވެ.