އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 84

އަބްދުﷲ ފާރޫގް ހަސަން

(26 އޭޕްރީލްގެ އަދަދާ ގުޅޭ)

سعد އޭނާގެ ކޮއްކޮމެން ގޮވައިގެން ބައްޕަ ހޯއްދަވަން ނުކުމެވަޑައިގެންފިއެވެ. سيـر بــن أبى بـكـر ވެސް އެބޭފުޅުންނާ ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންނަށް عبـدالمـنعــم ފެނިވަޑައިގެންނެވިއިރު އޭނާ އިންނެވީ ޒަޚަމުވެފައިވާ މީހެއްގެ މުލައްދަނޑީގައި ބޭސް އަޅުއްވައިދެއްވާށެވެ. އެބޭފުޅުން އިރުކޮޅަކު އޭނާގެ އަރިހުގައި ތިއްބެވިއެވެ. عبـدالمـنعــم ބެންޑޭޖު ކުރައްވައި ނިންމަވައިފައި ތެދުވެވަޑައިގެންނެވުމުން سعد ވިދާޅުވިއެވެ. "ބައްޕާފުޅާ! މިހުންނެވީ أميــرالبحـر سيـر بــن أبى بـكـر! އޭނާ އެހުންނެވީ ބައްޕާފުޅާ ބައްދަލުކުރައްވަން ވަރަށްބޮޑަށް ޝައުޤުވެރިވެވަޑައިގެންފައި."

عبـدالمـنعــم ނުހަނު ޝައުޤުވެރިކަމާއެކު سيـر އާ މުސާފަޙާ ކުރެއްވިއެވެ. އެވަގުތު ބަރުބަރީ ޤަބީލާތަކުގެ ވަރަށްގިނަ ޝައިޚުންނާއި ސިފައިންގެ ވަރަށްގިނަ އޮފިސަރުން عبـدالمـنعــم ގެ އަރިހަށް ޖަމާވެވަޑައިގެންފިއެވެ.

އައު ހޭލުންތެރިކަމާއި އައު ހިތްވަރާއި ޖޯޝު

ޒަލާޤާގެ ޝަހީދުންވަނީ އެބައިމީހުންގެ ލެއިން އަންދަލުސުގެ ތާރީޚުގެ އައުބާބެއްގެ ސުރުޚީ އަޅައިފައެވެ. އެމަތިވެރި ފަތަޙައިގެ ޚަބަރާއެކު އަންދަލުސުގެ ދިގާއި ހުރަހުގައިވަނީ އުފާވެރިކަމުގެ ރާޅެއް ދަތުރުކުރާން ފަށައިފައެވެ. ކޮންމެ ޒުވާނަކާއި މުސްކުޅިޔެއްގެ ދުލުކުރީގައިވަނީ أميـر يـوسف ގެ ނަންފުޅެވެ. ހުރިހައި މިސްކިތްތަކެއްގެ މިންބަރުތަކަކުން ގެންދިޔައީ އޭނާގެ އުމުރުފުޅު ދިގުކުރެއްވުންއެދި ދުޢާކުރަމުންނެވެ. ހަނގުރާމައިގައި ބައިވެރިވެވަޑައިނުގެންނެވި أميـر ންވެސް ފަތަޙައިގެ އުފާފާޅުކުރުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި أميـر يـوسف ގެ އަރިހަށް ޖަމާވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.

أميـر يـوسف ޒަލާޤާގެ މައިދާނުގައި ދުވަސްކޮޅަކު މަޑުކުރެއްވުމަށްފަހު މިސުރާބު ޖެއްސެވީ އިޝްބީލިއްޔާއަށެވެ. އަންދަލުސުގެ މުލޫކުއްޠަވާއިފުންނާއި ޢިލްމުވެރީން އޭނާގެ އަރިހުގައި ވަޑައިގެންނެވިއެވެ. ދަތުރުކުރެއްވި މަގުމަތީން ކޮންމެ އަވަށަކުންނާއި ކޮންމެ ރަށަކުންވެސް ފައިއިނދޭ ފުރައިން މީހުން ނުކުމެ އެބައިމީހުންގެ މުޙުސިނާ އިސްތިޤުބާލުކުރަމުން ގެންދިޔައެވެ.

أميـر يـوسف ގެ ޖުލޫސު އިޝްބީލިއްޔާގެ ރަށްބޭރަށް އައުމާއެކު ރަށުގެ އަހުލުވެރީންގެ ވަރަށް ބައިބޯ އެއްވުންތަކެއް އެމަނިކުފާނު ވަށައިލިއެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން ގެންދިޔައީ އަނެކަކު ފަހަތަށްޖައްސައިލައިފައި ކުރިޔަށް އަރާށެވެ. އަންދަލުސުގެ ވެރީން ތިއްބެވީ ފަށުވި ފޮއްޗާއި އަތުލަސް ފޮތީގެ ޖުއްބާކޮޅުތައް ތުރުކުރައްވައިގެންނެވެ. އެބޭފުޅުންގެ ފަގުޑިކޮޅުތަކާއި ތާކިހާކޮޅުތަކުގައިހުރީ އަގުބޮޑު ޖަވާހިރާއި އަލިމަސް ޖަހައިފައެވެ. އެބޭފުޅުން ސަވާރުވެވަޑައިގެން ތިއްބެވި އަސްތަކުގައިވެސްހުރީ ގަހަނާ އަޅުވައިފައެވެ. އެކަމަކު أميـر يـوسف بــن تـاشـفـيـن ހުންނެވީ އުއިފަލަ ފޮތީގެ ދެރަ ހެދުންކޮޅެއްގައެވެ. އެހެންކަމާއެކުވެސް
މާތް اللّـه ގެ އަޅުތަކުންގެ ސަމާލުކަން ރައްދުވާ މަރުކަޒަކަށް ވެފައިވަނީ أميـر يـوسف بــن تـاشـفـيـن އެވެ. އެއްބަޔަކު އެމަނިކުފާނާ ދިމާޔަށް މާމެލާމެލި އުކަމުން ގެންދިޔައިރު އަނެއްބަޔަކު ގައިގައިމައްޗަށް އަރައިގެން މަސައްކަތްކުރީ أميـر يـوسف ގެ އަހުގެ ރިކާބުގައި ބޮސްދެވޭތޯއެވެ. ދުނީގެ ވާރޭގެ ތެރޭގައި މަތިހަށި ނަންގަވައިގެން ހުންނަވާ މުޖާހިދު އާއްމުންގެ ނިހާޔަތެއްނެތް ލޯތްބާއި ކަމޭހިތުމުގެ ސަބަބުން މިހާރު އެހުންނެވީ އިސްދަށަށް ޖެއްސެވިފައެވެ. އާއްމުންގެ ބައިބޯކަމާހުރެ ޖުލޫސަށް ކުރިޔަކަށް ނުދެވެއެވެ. އިޝްބީލިއްޔާގެ ސިފައިންނާއި ފުލުހުން ކުރިޔަށް އަރައި أميـر يـوسف އަށް މަގު ހުޅުވަން މަސައްކަތްކުރާން ފަށައިފިއެވެ. މީހުންތައް ކޮއްޕައި ގަންނަވައި ދުރުކުރާން ފަށައިފިއެވެ. أميـر يـوسف ދެކޭހިތުން އެއްވެފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މުސްކުޅިޔަކު ފުލުހުންގެ ކޮއްޕުމުގެ ސަބަބުން އަނގަވަތަށް ބަންޑުން ވެއްޓިއްޖެއެވެ. أميـر يـوسف އަށް އެތަން ފެނިވަޑައިގެންނެވުމާއެކު އަސްމަތީން ފައިބައިވަޑައިގެންފިއެވެ. އަވަސްއަވަހަށް ވަޑައިގެން އެ މުސްކުޅި ބޭބެއަށް ތެދުވަން އެހީތެރިވެދެއްވަން ފައްޓަވައިފިއެވެ. މީހުންތައް އަނެއްކާވެސް ދުވެފައި އައިސް އެމަނިކުފާނު ވަށައިލައިފިއެވެ. أميـر يـوسف އެމަނިކުފާނުގެ ވަށައިގެން ގޮނިހަދަން މަސައްކަތްކުރަމުން ގެންދިޔަ ސިފައިންނާއި ފުލުހުން ކޮއްޕަވައި ދުރުކޮށްލައްވައިފައި ވިދާޅުވިއެވެ. "އަހަރެން ތިޔަބައިމީހުންގެ ރައްކާތެރިކަމެއް ބޭނުމެއް ނޫން!"

އެއްވެފައިވާ މީހުންތައް އަމިއްލަޔަށް ތަން ހަދައިގެން أميـر يـوسف ކުރިޔަށް ވަޑައިގަންނަވަން މަގު ތަނަވަސްކޮށްދޭން ފަށައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނަށް ހުންނެވުނީ އެހެނިހެން ބައިވެރިންނަށްވުރެ މާކުރިޔަށް ވަޑައިގެންނެވިފައެވެ. އަންދަލުސުގެ ރަސްރަސްކަލުންނާއި أميـر يـوسف އާ ދެމެދު މިހާރުވަނީ އެއްވެފައިތިބި މީހުންގެ ރާޅުޖަހަޖަހައިއޮތް ކަނޑެއް ހުރަސްވެފައެވެ. އެހުރިހައި ރަސްރަސްކަލުންނަށް މިހާރު ޔަގީންވެވަޑައިގަންނަވަނީ މި "ބަރާތުގެ އަރޫސަކީ" އެހެން ބޭފުޅެއްކަމެވެ. އެބޭފުޅުންގެ ޝާހީ ދެއްކުންތެރިކަމާއި ޝާނުޝައުކަތުގެ އެއްވެސް އަސަރެއް އެއްވެސް މީހަކަށް ނުކުރިކަމެވެ. ތާރީޚުގެ އެންމެ ހާދިސާއަކުން އެބޭފުޅުންވަނީ އަމިއްލަފުޅު ޤައުމުގައި ބީރައްޓެހީންނަށް ހަދައިފައިކަމެވެ. އެބޭފުޅުންގެ ކުރިފުޅުމަތީގައި ތިބި ހުރިހައި އެންމެންގެ ސަމާލުކަން ހުއްޓިފައިހުރީ أميـر يـوسف އާ ދިމާޔަށެވެ. އެބޭފުޅުންގެ ފަހަތްޕުޅުގައި ތިބި މީހުންތަކުގެ ތެރޭގައިވެސް އެބޭފުޅުންނަށް ތާއީދުކޮށް އަޑުއުފުލާ މީހަކު ނެތެވެ. އެބޭފުޅުންގެ ފައިތިލަފުޅުދޮށަށް އެންމެ މަލެއް އެއްލައިލާނެ މީހަކުވެސް ނެތެވެ.

أميـر يـوسف بــن تـاشـفـيـن މަޑުކުރެއްވީ އިޝްބީލިއްޔާގެ އެންމެބޮޑު މިސްކިތުގެ ދޮރުމައްޗަށެވެ. އެމަނިކުފާނު އެމިސްކިތުގެ ދޮރުމަތީގެ ހަރުފަތްތަކުން އަރައިވަޑައިގެން އެންމެމަތީ ހަރުފަތްމަތީގައި ހުއްޓިވަޑައިގެންފިއެވެ. މާގިނައިރެއްނުވެއެވެ. މިސްކިތުގެ ދޮރުމަތީގައި އޮތް މާސިންގާ ތަނަވަސް މައިދާން އޮތީ މީހުންތައް އެއްވެ ފުރިބާރުވެ ސިކާރަވެފައެވެ. މީހުންތައް ރަކަރަކަ އަޅާއިރު ހީވަނީ އުޑު ބޯމައްޗަށްލައިގެން އުޅޭހެންނެވެ. އެކަމަކު أميـر يـوسف އަތްޕުޅު މައްޗަށް އުފުލައިލެއްވުމާއެކު މީހުންތައް ރަމަތަވެ ހަމަހިމޭން ވެއްޖެއެވެ...... أميـر يـوسف އިރުކޮޅަކު ހިމޭނުން ހުންނަވައިފައި ވިދާޅުވިއެވެ.

"މިއްލަތުގެ ލޮބުވެތި އަޚުން! ޤައުމުގެ މާތް އަޝްރާފުން! އަޅުގަނޑަކީ ތިޔަފަދަ ކަމޭހިއްތެވުމަކާއި ޢިއްޒަތް ދެއްވުމަކަށް ޙައްޤު މީހަކީމެއް ނޫން! ޒަލާޤާގެ މައިދާނުގައި އަޅުގަނޑުމެންނަށް ލިބުނު ފަތަޙައަށްޓަކައި ނިޢުމަތްތަކުގެ ވެރި اللّـه އަށް ޙަމްދުކުރަން! އެފަތަޙައިގެ ހުރިހައި ތަޢުރީފަކާއި ޝަރަފެއް ޙައްޤުވެގެންވަނީ ދީނާއި މިއްލަތަށްޓަކައި ޒަލާޤާގެ މައިދާނުގައި ޝަހީދުވި ޝަހީދުންނަށް! އެ މުޖާހިދުން މިހާރަކު އަޅުގަނޑުމެންގެ ތެރެޔަކު ވަޑައިގެނެއް ނެތް. އެކަމަކު އެ ޝަހީދުންނަކީ އަބަދަށް ދިރިތިއްބަވާނެ ބައެއް! އަޅުގަނޑު މިއައީ އެމަންމައިންގެ ލޮބުވެތި ބޭފުޅުން އަޅުގަނޑުމެންނާ ކޮނޑާއި ކޮނޑު ޖައްސަވައިގެން ތިއްބަވައި ހަނގުރާމަކުރައްވައި ޝަހީދުވި ޝަހީދުންގެ މަންމައިންނަށް ސަލާމް ދަންނަވަންވެގެން! އެ މުޖާހިދުން ޝަހީދުވި ވަރަށް މަތިވެރި މަޤުޞަދަކަށްޓަކައި! އެ މުޖާހިދުން އެ މަޤުޞަދަކަށްޓަކައި ޝަހީދުވި މާތް މަޤުޞަދު ފުރިހަމަކުރެއްވުމަކީ ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ މުޤައްދަސް ފަރުޟެއް! އެފުރިކާގެ ޙާލަތާއި އަޅުގަނޑުގެ ޒިންމާތައް މާގިނަދުވަހަކު އަޅުގަނޑަށް ތިޔަބޭފުޅުންގެ ރަށުގައި މަޑުކުރުމުގެ އަމުރު ދޭނެހެނެއް ހީއެއްނުވޭ! އެހެންކަމުން ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން އަޅުގަނޑު ބޭނުންވާ ވާހަކަތަކެއް އެބަހުރި.

އަޅުގަނޑުމެންވަނީ ތިޔަބޭފުޅުންގެ ދުޝްމިނުން ޒަލާޤާގެ މައިދާނުގައި ނުހަނު ޞަރީޙަ ގޮތެއްގައި ބަލިކޮށްލައިފައި. ދުޝްމިނުންގެ ލަޝްކަރު ސަރުޤިސްޠާގެ ޙިޞާރު ދޫކޮށްލައިފައި ހިނގައްޖެކަމާއި ބަލަންސިއްޔާގެ ސަރަޙައްދު ހުސްކުރަމުން ގެންދާކަމުގެ އުފާވެރި ޚަބަރު ތިޔަބޭފުޅުން މިހާރުވާނީ އަޑުއައްސަވައިފައި! އެހެންކަމުން ދެން އޮތީ އަންދަލުސު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް އެއީ ތިޔަބޭފުޅުންގެ ކަމެއް! އަޅުގަނޑު ބިރުގަންނަނީ ތިޔަބޭފުޅުން އަނެއްކާވެސް ދާޚިލީ ބައިބައިވުމާއި އަރައިރުމުގައި ހައްޔަރުވެވަޑައިގެންފާނެތީ! އޭގެ ނަތީޖާއެއްގެގޮތުން ޒަލާޤާގެ ޝަހީދުންގެ ޤުރުބާނީ ބޭކާރުވެގެން ހިނގައިދާނެތީ! އެހެންވެއްޖެނަމަ ދުޝްމިނުން ކޮންމެވެސް ދުވަހަކުން ކުރިޔަށްވުރެ މާވަރުގަދަޔަށް ތައްޔާރުވެގެން މާވަރުގަދަ އާރާއި ބާރާއެކު ތިޔަބޭފުޅުންނާ ޙަމަލަދީފާނެތީ! ތިޔަބޭފުޅުންގެ ދާޚިލީ ބަލިކަށިފުޅުކަން ފިލުވައިނުލައްވާހައި ހިނދަކު ދުޝްމިނުން އަންދަލުސަށްދޭ ޙަމަލަތައް ފަށްފަށްކުރަމުން ގެންދާނެ.

ތިޔަބޭފުޅުންގެ ކިބައިގައިވާ އެންމެބޮޑު ބަލިކަށިފުޅުކަމަކީ އިސްލާމްދީނާ މާދުރަށް ތިޔަބޭފުޅުންނަށް ވަޑައިގެންނެވިފައިވާކަން. އަޅުގަނޑު ޔަގީންކަމާއެކު ދަންނަވަން! ތިޔަބޭފުޅުންގެ ދިފާޢީ ޙިޞާރު އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ބިނާކުރައްވައިފިނަމަ ދުނިޔޭގައިވާ ހުރިހައި ޣައިރު މުސްލިމު ޤައުމުތައް އެއްބައިވެ އެކަތިގަނޑަކަށްވެގެން އައިކަމުގައިވިޔަސް ތިޔަބޭފުޅުން ބަލިކޮށެއް ނުލެވޭނެ! އެކަމަކު ތިޔަބޭފުޅުން އިސްލާމްދީނާ އެއްފަރާތްވެވަޑައިގެން ސަލާމަތުގެ މަގެއް ހޯއްދަވަން އުޅުއްވާކަމުގައިވާނަމަ ތިޔަބޭފުޅުންގެ މިސާލަކަށްވާނީ ދެމެމުން އަންނަ ސައިލަކުން ސަލާމަތްވުމަށްޓަކައި ފަރުބަދައެއްގެމަތީން ފައިބައި ވެލިފުންޏަކަށް އަރާ ބައެއްގެ މިސާލު! ތިޔަބޭފުޅުން މާތް اللّـه ގެ މަގުގައި އަޅުއްވާ ކޮންމެ ފިޔަވަޅެއް ކާމިޔާބުވާނެ! މާތް اللّـه ގެ ތައުފީޤާއި ހެޔޮ މަދަދު ތިޔަބޭފުޅުންނާ އެކުގައިވާނެ! ތިޔަބޭފުޅުން އިސްލާމްދީނާ ދުރަށް ފެއަށް ޖެހިވަޑައިގެން އަޅުއްވާ ކޮންމެ ގޯޅި އެޅުއްވުމަކުން ވަޑައިގެންނެވޭނީ ހަލާކާ ދިމާޔަށް! އަންދަލުސުގެ އަޚުންނާއި އަންދަލުސުގެ ވެރީންނަށް އަޅުގަނޑު ކުރާ އެންމެފަހުގެ އިލްތިމާސަކީ ތިޔަބޭފުޅުން ދުނިޔޭގައި މަތީ މަގާމާއި ޝަރަފުވެރިކަމުގައި ދެމިތިއްބަވަން އެދިވަޑައިގަންނަވާކަމުގައިވިޔަސް މާތް اللّـه އާއި އެކަލާނގެ ރަސޫލާ صلّى اللّـه عليه وسلّم ގެ ކިޔަމަނުގައި ވެވަޑައިގަންނަވާށޭ!..... އަޅުގަނޑު ތިޔަބޭފުޅުންނަށް އުފާވެރިކަމުގެ ޚަބަރު ދަންނަވަން! ތިޔަބޭފުޅުން ކީރިތި ޤުރުއާނުގެ އަމުރާއި ނަހީއަށް ތަބާވެވަޑައިގެން މާތް اللّـه އާއި އެކަލާނގެ ރަސޫލާއަށް ތަބާވެވަޑައިގެން އުޅުއްވާހައިހިނދަކު މުޅި ބިންމަތީގައި ވާހައި ނިޢުމަތްތަކެއްވާނީ ތިޔަބޭފުޅުންނަށްޓަކައި! ތިޔަބޭފުޅުންނަށް ހަމަކޮންމެ މައިދާނެއްގައިވެސް ނަޞުރާއި ކާމިޔާބީ ހޯއްދެވޭނެ! ޒަލާޤާގެ ތާރީޚު އިއާދަ ކުރެއްވިދާނެއެވެ!

އުމުރުން ދުވަސްފުޅުވީ މުސްކުޅިފުޅު ބޭފުޅެއް މީހުންތައް އެއްފަރާތް ކުރައްވަމުން ކުރިޔަށް ވަޑައިގެން أميـر يـوسف ގެ އަރިހުގައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ވަރަށް ބާރަށް ވިދާޅުވިއެވެ.

"يـا أميــر! މަނިކުފާނު ވަނީ އިސްލާމްދީނުގެ ދުޝްމިނުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވައިފައި. މާތް اللّـه އަށްޓަކައި ދަންނަވަން. އަޅުގަނޑުމެންގެ ކަނދުރާތައް އިސްލާމްދީނުގެ ބާޣީންނާ ހަވާލުކުރައްވައިފައި ވަޑައިނުގަންނަވާތި! އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ވެރިރަސްކަލާނގެ ރަސްކަންފުޅާ ދެމެދު މުލޫކުއްޠަވާއިފުން ވަނީ ވަރަށް ބޯފާރެއް ރާނުއްވައިފައި. އަޅުގަނޑުމެންގެ ކުރިމަތީން އެފާރު އެއްފަރާތް ކޮށްލަދެއްވާ! ތަކުރާރުކޮށް އެތައްފަހަރަކު އަޅުގަނޑުމެންގެ ޢިއްޒަތާއި މިނިވަންކަން ދުޝްމިނުންނަށް ވިއްކަވައިފައިވާ ބަޔަކާ އަޅުގަނޑުމެން ހަވާލު ނުކުރައްވާ! އެބޭފުޅުން ވަނީ އަޅުގަނޑުމެންގެ މާތް ކާބަފައިކަލުންގެ މަހާނަފުޅުތަކުގެމަތީގައި އެބޭފުޅުން މަޖާކުރައްވާ ހާލިތައް ހައްދަވައިފައި. އެބޭފުޅުންވަނީ އަންދަލުސުގެ މުޖާހިދުންގެ ލޭފޮދު ވިއްކަވައިފައި. އެބޭފުޅުންވަނީ އަންދަލުސުގެ ބިންމަތީގައި މާތް اللّـه ގެ ޤާނޫނު ހިންގުން މަނާކުރައްވައިފައި. އެބޭފުޅުންގެ މަޖާކުރެއްވުމަށާއި އައްޔާޝީ ކަންކަމަށް ބޭނުންފުޅުވާ ވަސީލަތްތައް ހޯއްދެވުމަށްޓަކައި އާއްމުންގެ އަނގަޔަށްލާން އޮންނަ ހިކި ރޮށިކޮޅަށް ދާންދެން ވަނީ ފޭރިވަޑައިގެންފައި. އެބޭފުޅުންގެ އަނބިއަނބިކަނބަލުންގެ އޮރިޔާންކަމާއި ލަދުފުޅު ކުޑަކަން މުޅި ޤައުމަށް އާއްމުކުރެއްވުމަށްޓަކައި އަންދަލުސުގެ މަންމައިންނާއި އުޚުތުންގެ މޫނުފުޅުމަތީން ވަނީ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ބުރުގާ ނޮޅުއްވައިފައި.

يـا أميــر! މަނިކުފާނު އެ އަންދަލުސަކަށް އައު ޙަޔާތެއްގެ މެސެޖު ތިޔަ ދެއްވާ އަންދަލުސުގެ އަހުލުވެރީން ތިބީ އޮރިޔާން ނިވައިނުވެ. ހައިހޫނުކަމުގައި. ކުޑަވެސް އާރެއް ބާރެއް ނެތިފައި. އެބައިމީހުންގެ ހަތަރެސްފައިގައި ވަނީ މުލޫކުއްޠަވާއިފުންގެ އަޅުވެތިކަމުގެ ކަސްތޮޅުއެޅިފައި. މާތް اللّـه އަށްޓަކައި ދަންނަވަން. އަންދަލުސުން ވަކިވެވަޑައިގެންނެވުމުގެ ކުރީން އެ ހިލިހިލާތައް ކޮއްޓަވައިދެއްވާ. މުލޫކުއްޠަވާއިފުންގެ ނަޒަރުގައި އަންދަލުސަކީ ބައެއްގެ ލޮބުވެތި ވަޒަނެއް ނޫން. އަދި ކީއްތޯ މިއީ އެބޭފުޅުންގެ ޝިކާރަ ބިން. އެބޭފުޅުން މަނިކުފާނުގެ ދިދައިގެ ދަށަށް ޖަމާކުރީ އިސްލާމްދީންދެކެ ވެވަޑައިގަންނަވާ ލޯބިފުޅެއްނޫން. އެބޭފުޅުން މަނިކުފާނުގެ އަރިހުން އެހީފުޅަށް އެދިވަޑައިގެންނެވީ އެބޭފުޅުންގެ ޝިކާރަބިމަށް އެބޭފުޅުންނަށްވުރެ އާރާއި ބާރުހުރި ޝިކާރަވެރިޔަކު ވަނުމުން. އެބޭފުޅުން ކަނަކަށްލައްވައި ބައްދަވައިފައިވާ ޝިކާރަ އެހެންމީހަކު ޖަހައިގަނެގެން ގެންގޮސްފާނެތީ. އެބޭފުޅުން ވޭތުވެދިޔަ ތާނގައި ކުރެއްވި ނުބައި ކަންކަމުގެ ބަދަލުހިފާކަށެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އެކަމަކު އެބޭފުޅުން އަމިއްލަފުޅަށް އަޅުގަނޑުމެންގެ ކުރިމަތީން އެއްފަރާތްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ. އެބޭފުޅުންގެ ވެދިޔަތާނގެ ނުބައިކަންކަމަށް ހިތާމަފުޅު ނުކުރައްވާނަމަ އަދި ޤައުމުގެ މުސްތަޤުބަލަށްވުރެ އެބޭފުޅުންގެ ވެރިކަމަށް އިސްކަން ދެއްވާކަމުގައިވާނަމަ އަންދަލުސުގެ މުސްލިމުން އެބޭފުޅުންނާ ހަވާލުކުރެއްވުމަށްފަހު މަނިކުފާނު އެނބުރިވަޑައިގެންނެވުމަކީ މާތް اللّـه ގެ ޙަޟުރަތުގައި މަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެ ކަމެއް.

މީގެ އެތައް އަހަރެއްގެ ކުރީން އަޅުގަނޑު ވަނީ މިއަދު މަނިކުފާނު އެބޭފުޅުންނަށް ތިޔަ ދެއްވާ މެސެޖު އެބޭފުޅުންނަށް އަރުވައިފައި. އެކުށަށް އަޅުގަނޑަށް ލިބުނު އަދަބަކީ އަޅުގަނޑުގެ ޙަޔާތުގެ އެންމެ ޅަނދޮޅު، އެންމެ އުފާވެރި، އެންމެ މުހިންމު ދުވަސްތައް ޤުރުޠުބާއާއި ޠުލައިޠުލާގެ ޖަލުގައި ހޭދަކުރާންޖެހުން. މަނިކުފާނު ތިޔަ ވަޑައިގެންނެވީ އަންދަލުސުގެ މުސްލިމުންނަށް އެހީފުޅުވެދެއްވަން ކަމުގައިވާނަމަ މުލޫކުއްޠަވާއިފުންގެ ކިބައިން އަންދަލުސު ސަލާމަތްކުރެއްވުމަކީ މަނިކުފާނުގެ ވާޖިބެއް. މަނިކުފާނު ވަޑައިގެންނެވީ އެބޭފުޅުންގެ ވެރިކަމުގެ ވެއްޓެމުންދާ ފާރުތައް ވަރުގަދަކޮށްދެއްވަން ކަމުގައިވާނަމަ ޒަލާޤާގެ ފަތަޙައިގެ ނަތީޖާއަކީ ވަގުތީ ކަމެކޭ ދަންނަވާކަށެއް އަޅުގަނޑު ފަހެއް ނުޖެހޭނަން. އަންދަލުސަށް ކުރިމަތިވެފައިވާ ދާއިމީ ނުރައްކަލަކުން އަންދަލުސު ސަލާމަތްކުރުމަށްޓަކައި އަންދަލުސު އެއްބައިކޮށް އެކަތިގަނޑަކަށް ހަދަންޖެހޭ. މުލޫކުއްޠަވާއިފުންގެ ވެރިކަމުގެ ފުރޭތަ އަންދަލުސަށް ސަވާރުވެފައިވާހައި ހިނދަކު އަންދަލުސު އެކަތިގަނޑަކަށެއް ނެހެދޭނެ!"

(ނުނިމޭ)