''ހާސިލުކުރަން ބޭނުންވި ކަންތައް ތެރެއިން ހަމައެކަނި ނުވި ކަމަކީ އިހަވަންދޫން އެންމެ މޮޅަށް ކިޔަވައިގެން ހުރި މީހާއަށް ވުން''މުހައްމާ
ބުދަދުވަހުގެ ރޭ ބައިސްކޯފުން ގެނެސްދިން ނިއުމާގެ ޝޯ ރީލް ޓު ރިއަލްގެ ހާއްސަ މެހެމާނެއް ގޮތުގައި މުހައްމާ ވަނީ ބައިވެރިވެވަޑައިގެން އޭނާގެ ހަޔާތުގެ ގިނަ ތަޖުރިބާތައް ހިއްސާކުރައްވައިފަ އެވެ.
މުހައްމާގެ މަދުރަސީ ހަޔާތުގެ ވާހަކަ ހިއްސާކުރައްވަމުން ވިދާޅުވީ، އަބަދުވެސް މާލެއިން ކިޔަވަން ބޭނުންވެވަޑައިގެންނެވި ކަމަށާއި އެގޮތުން މާލޭގެ ސުކޫލެއްގެ ޔުނިފޯމް ލައިގެން ސުކޫލަކަށް ވަޑައިގަތުމުގެ ފޮނި އުއްމީދު ހަގީގަތަށް ވުމުގެ ފުރުސަތު ފަހިވެގެން ދިޔައީ މާލޭގެ ގެއެއްގައި ކިޔަވަން ހުންނަވަން ފަހިވި ފުރުސަތާ އެކުގައި ކަމަށެވެ.
''ގޭތެރޭގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ކިޔަވަން ވެސް ދާން ޖެހެނީ. ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވެ ފެން އުފުލުމަށް، 7.30އަށް އޮފީހަށް ދާމީހުންނަށް ސައި ހަދައި ދީ އެއްޗެހި ދޮވެ އެއްޗެހި އިސްތިރި ކޮށްދީ ބޫޓު ޕޮލިސް ކޮށްދީ އެހުރިހާ ކަމެއް ކޮށްދެނީ ވަރަށް އުފަލުން.'' މުހައްމާ ފާހަގަކުރެއްވިއެވެ. ކިޔަވަން ދާނެ ވަގުތު ލިބެނީ މަސައްކަތްތަކަށް ދަތި ނުވާނެ ގޮތަށް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ސުކޫލަކަށް ދިއުމުގެ ބަދަލުގައި ކިޔެވުން ހަމަޖެހުނީ މަޖީދުގެ ކުލާސްތަކުން ކަމުގައި ވިދާޅުވިއެވެ. ނަމަވެސް އެހެން އުޅުއްވަމުން ވެސް ސުކޫލަކަށް ވަޑައިގަތުމުގެ އުއްމީދު އެންމެފަހުން ހާސިލުކުރެވި ގުރޭޑް 5 އަށް އެމްއީއެސްއަށް ވެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
''ކިޔެވުމުގެ ތެރެއިން ކަންކަން ކުރުމުގެ ޝައުގު އުފެދެން ފެށީ. އޭރުވެސް ވަކި މީހަކަށޭ ވާނީ އެވިސްނުމެއް ނީނދޭ. ވިސްނުން އިންނަނީ އިހަވަންދޫގަ އެންމެ ރަނގަޅަށް ކިޔަވައިގެން ހުރި މީހާއަށޭ ވާނީ.''
''ހާސިލުކުރަން ބޭނުންވި ކަންތައްތައް ތެރެއިން މުހައްމާއަށް ނުވެ އިންކަމެކޭ އެއީ ބުނެވިދާނެ.'' މުހައްމާ ވިދާޅުވިއެވެ. އޭނާއަށް އެކަން ހާސިލު ނުކުރެވުނީ އެދުވަހު އެގޮތަށް އުޅެން ޖެހުމުން ކަމަށްވެސް ވެދާނޭ ކަމުގައި މުހައްމާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ހިތްވަރު ކުރައްވައި ގޯސްމަގަކުން ނުގޮސް މައިންބަފައިން ނެތިމެ ދުރު ހިލޭ ބައެއްގެ ކައިރީގައި ހުރެ އަމިއްލައަށް ދިރިއުޅުމެއް އުޅޭނެ ގޮތަށް ކަންކަން ކުރައްވާނެ ގޮތް ދަސްވީ އެންމެ ފުރަތަމަ މަންމަމެން އެ ފޮނުއްވެވި ގޭގެ ސަބަބުންނޭ ވެސް ބުނެވިދާނެ ކަމުގައި މުހައްމާ އިތުރަށް ފާހަގަކުރެއްވިއެވެ.
މުހައްމާ ވިދާޅުވި ގޮތުގައި މިއަދު އިހަވަންދޫގައި ޑިގުރީ އާއި މާސްޓަ ހަދައި، ޕީއެޗްޑީ ފެންވަރުގެ ކުދިން އެބަތިއްބެވިއެވެ.
''މިހާރުގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް، ނަން ކިޔާކަށް ނެތިން. ވިދާޅުވެއްޖެ، ތިމަންނަ މިއުޅެނީ ފިހާރައެއް ހުޅުވަން ވެގެންނޭ އަންނާށޭ ފިހާރަ ހިންގަދޭން''މުހައްމާ
މުހައްމާގެ ހަޔާތް ދެން ބަދަލުވެގެން އައުމަށް ލިބުނު ފުރުސަތުގެ ވާހަކަ ފެށްޓެވީ ދިރިއުޅުއްވި ގޭގެ ކުރިމަތީ ފަހާ ތަނެއް ހިންގާ މީހެއްގެ ވާހަކައިންނެވެ. މުހައްމާ ވިދާޅުވީ އެފަރާތަކީ މިހާރު ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށާއި ނަމަވެސް އެއީ ކޮން ފަރާތެއް ކަމަށެވެ.
''މިހާރުގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް، ނަން ކިޔާކަށް ނެތިން. ވިދާޅުވެއްޖެ، ތިމަންނަ މިއުޅެނީ ފިހާރައެއް ހުޅުވަން ވެގެންނޭ އަންނާށޭ ފިހާރަ ހިންގަދޭން އަންނަ އަހަރު.'' ނަމަވެސް މި ފިހާރައެއް އޭރު އަދި ހުޅުވޭ ގޮތެއް ނުވި ކަމުގައި ވިދާޅުވިއެވެ. ދެން އެބޭފުޅާ މުހައްމާއަށް ހުށަހެޅުއްވީ ފަހަން ދަސްކުރައްވަން ކަމަށާއި އަދި އެއީ ދުވަހަކުވެސް ކުރެއްވި ކަމެއް ނޫން ކަމަށް އެބޭފުޅާއަށް ދެންނެވި ކަމަށް މުހައްމާ ވިދާޅުވި އެވެ.
ނަމަވެސް ދަސްކުރައްވަން ފެށްޓެވި ކަމަށާއި އަދި 15 ދުވަސްތެރޭގައި އާމްދަނީ ލިބޭ ވަރަށް ފަހަން ދަސްވެ، ފަޓުލޫނު ގަމީސް އެންމެ ރަނގަޅަށް ފަހަން ދަސްވެގެން ދިޔަކަމުގައި ފާހަގަކުރެއްވިއެވެ.
އެހިސާބުން އަމިއްލައަށް މުސާރަ ލިބެން ފެއްޓި ކަމުގައި މުހައްމާ ވިދާޅުވިއެވެ. ''ސުކޫލު ކުއްޖަކަށް ދުވާލަކު 30ރ ލިބެން ފެށީމަ އެއީ ވަރަށް ބޮޑު އެއްޗެކަށް ވެއްޖެ. އެންމެ މަދުން ފަހާ ދުވަހުވެސް 10 އެއް ފަހަން'' މުހައްމާ ވިދާޅުވިއެވެ.
ގުރޭޑު 9,10 ކިޔެވުމުގެ ހަޔާތް ނިންމަވައިލެއްވީ އަމިއްލަ މަސައްކަތުން ވަރަށް ބުރަކޮށް އުޅުއްވައިގެން ފެހުމުގެ ތެރެއިން ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްއީއެސް ސްކައުޓް ޔުނިފޯމުތަކާއި ލަވަ މުބާރާތުގެ ފިރިހެން ހެދުންތައް އޭރު ފަހައި ދެއްވި ކަމަށާއި، ލަވަމުބާރާތުން މުއާވިޔަތު އެއްވަނައަށް ދިޔަރޭ ވެސް މުއާވިއަތު ލައިގެން ހުރީ މުހައްމާ ފެހި ގަމީހެއް ކަން ފާހަގަކުރެއްވިއެވެ.
އަމިއްލަ ފަހާތަނެއް ސުކޫލުގައި އުޅެއްވަމުން ހުޅުވައިގެން އުޅުއްވި ނަމަވެސް ޖީސީގައި ބައިވެރިވާން ފައިސާގެ ދަތިކަން ކުރިމަތިވިކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މުހައްމާ ކަލޯ ނަން ލިބިވަޑައިގެންނެވީ އިންޓަހައުސް ޓެލެންޓް ޝޯ ކޮމްޕެޓިޝަންގައި ބައިވެރިވެ ދެދުވަހުގެ ޕްރެކްޓިހުން ކުޅުއްވި މުހައްމާކަލޯގެ ހަޔާތުން ދުވަސްތަކެއް ކިޔާ ޑުރާމާއަކުން ކަމަށާއި، އެ ޑުރާމާ ވެގެން މިދިޔައީ މުހައްމާ ކަލޯ އަސްލު މުހައްމާކަލޯއަށް ވެގެން ދިއުން ކަމުގައި ކިޔައިދެއްވިއެވެ. އޭރު އެމްއީއެސް އިން '93-'95 އަހަރުތަކުގައި ގެނެސްދިން ކުރެސެންޑޯ ޝޯއަކީ މާލޭގެ ވަރަށް ގިނަ މީހުން ޝައުގުވެރިކަމާއެކު ބެލި ޝޯއެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޖް ޝޯއިން ފެނިފައި ހުރީމަ ޓީވީ ޝޯ އިން ޒާހިރު ސޯ ދަންމާނުން ފުރުސަތު ދެއްވިކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެންމެ ފުރަތަމަ ޓީވީއަށް އަރަން ބޭނުންވީމަރިޔަމް ނިޝާ ފަދަ ތަރިއަކާއެކުގައި ކަމަށާއި ކަން ދިމާކުރި ގޮތުން އެކަން އެގޮތަށް ވެގެން ދިޔަކަމުގައި މުހައްމާ ފާހަގަކުރެއްވިއެވެ. ''އުއްމީދެއް އޮވެގެން ކަންނޭގެ ކޮންމެ ކަމެއްވެސް ކާމިޔާބު ވަނީ. މުސްތަގުބަލު މިހެން ކުރަހާލެވިފަ ހުންނަ އެކަކުވެސް ނުހުންނާނެ.''
''ސިޔާސީ ދާއިރާއަށް އަންނަން ކުޑަކޮށްވެސް ނުވިސްނަން. ފިލްމީ ދާއިރާގަ ކުރިއަށް ދިޔައީ. ކޮންމެ ކަމެއްގަވެސް އެންމެންގެ މަގުބޫލުކަން ލިބުނީމަ މި ޝައުގުވެރިވަނީ. ފިލްމީ ދާއިރާގަވެސް އުޅުމުގެ ނިޔަތަކު ނޫން ދަންމާނު ޝޯ ހެދީ. އެކަމަކު ރާއްޖޭގެ އެންމެން 11 ޖެހީމަ ޓިއުނު ކޮށްގެން ތިބޭކަމުގެ އިހުސާސު ކުރެވުނީ. އެހެންވީމަ ރައްޔިތުން ނޫނީ އާއްމުން ޝައުގުވެރިވާ ކަމެއް ކުރަން ފުރުސަތު އޮތިއްޔާ ހަމަ ކުރަންވީތާ.'' މުހައްމާ ފާހަގަކުރެއްވިއެވެ.
''ޖަލަކީ އެންމެ ބޮޑު ފިލާވަޅު. މުޖުތަމައުގަ އުޅެންވީ ގޮތާ، ސިޔާސީ ވުމުގަވެސް، ގައުމުގެ ކަންކަން ދާ ގޮތް އިހުސާސުކޮށްލަން ލިބުނު''ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ
2000 ވަނަ އަހަރުގައި ކުރެއްވީ އެންމެ ހިތި ތަޖުރިބާ ކަމުގައި މުހައްމާ ފާހަގަކުރައްވައެވެ.
''ސަބަބު އެކި މީހުން މާނަ ކުރާނީ އެކިގޮތަށް، ފައިސާ ޖަހައިގެން މުހައްމާ ދިޔައީ 4 އަހަރަށް ޖަލަށް. އެނގިހުރެ ނޭނގުމުގެ ގާނޫނެއް! މި އަންނަނީ ސިޔާސީ ވިސްނުން. އެނގިހުރެ ނޭނގުން މިއަދު ސިޔާސީ ގާނޫނަކު ނޯންނާނެ، މިއަދު އެ ގާނޫނު ބާތިލު. މިއަދު ޖެހިގެން ހުރިގޭގައި ގޯސްކަމެއް ކުރެއޭ ކިޔާފަ މަ ކުށްވެރިއެއް ނުވޭ.'' މުހައްމާ ވިދާޅުވިއެވެ.
2000 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އޮންނެވީ އެކަނި ގޮޅިއެއްގައި ކަމަށާއި، ބައްޕަ ނިޔާވެގެން ދިޔައީވެސް ޖަލުގައި އޮންނަވަނިކޮށް ކަމަށް މުހައްމާ ވިދާޅުވިއެވެ. އެދުވަހު ކަރެކްޝަނަށް ގުޅައި ކަންކަން ކުރުމުގެ ގާބިލުކަންވެސް އާއިލާއަށް ނޭނގުނީކަމުގައި ގަބޫލު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
''ޖަލަކީ އެންމެ ބޮޑު ފިލާވަޅު. މުޖުތަމައުގަ އުޅެންވީ ގޮތާ، ސިޔާސީ ވުމުގަވެސް، ގައުމުގެ ކަންކަން ދާ ގޮތް އިހުސާސުކޮށްލަން ލިބުނު'' މުހައްމާ ވިދާޅުވިއެވެ.
ސިޔާސީ ހަޔާތަށް ނުކުމެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި، 2008 ގައި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވިއިރު އެބޭފުޅާގެ ފަހަތްޕުޅުގައި މަސައްކަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ހިއްޕެވިކަމުގައި ވިދާޅުވިއެވެ.
ގާސިމަށް ވޯޓު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުނީ ކުޑަދުވަސްކޮޅަކު ކަމަށާއި، ނަމަވެސް ޕީޕީއެމް އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ރަށަކުން ގާސިމް ބޮޑު މެޖޯރިޓީއެއް ހޯއްދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއަށްފަހު 2009 ވަނަ އަހަރުގެ މަޖިލީހުގެ ގޮނޑިއަށް މުހައްމާ ވާދަކުރެއްވުމަށް ރަށުގެ އިސް ވިޔަފާރިވެރިއެއް އެދިލެއްވި ކަމަށާއި އިހަވަންދޫ ދަރިއަކު މެންބަރެއްގެ ގޮތުގައި ނުހުންނާތީ އެކަން ހާސިލުކުރުމަށް ޖުމްހޫރީ ޕާޓީ ޓިކެޓުގައި ނުކުންނެވި ކަމުގައި ވިދާޅުވިއެވެ. އެފަހަރު ވަރަށް ކުޑަކުޑަ ފަރަގަކުން ބަލިވުމުން ދައްކައިދިނީ ރައްޔިތުންގެ ލޯތްބެއް މުހައްމާއަށް އެބަ އޮތް ކަމާއި އެހެން ކަމުން އެކަން ހާސިލުކުރުމުގެ ނިޔަތެއް އޮވެ ދެވަނަ ފަހަރު 2013ގައި ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.