ގާސިމް އިބްރާހިމް

"ޕީއެންސީން އީސީގެ މައްސަލަ ހުށަހަޅައިފިއްޔާ 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް އެކަން ނިންމާނަން"

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރީ ނުކޮށްދިނުމުގެ މައްސަލަ ހުށަހަޅައިފިއްޔާ 24 ގަޑިއިރު ރައްޔިތުންގެ މަޖިލިސް ހުޅުވާފައި ބަހައްޓައިގެން ވިޔަސް އެކަން ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެއްވެސް މީހެއް ނުވަތަ ބަޔަކާ ދޭތެރޭ މުއައްސަސާއަކުން ޒާތީކަމެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

"މިބޭފުޅުން މިތަނަށް ހުށަހަޅައިފިއްޔާ އަޅުގަނޑު 24 ގަޑިއިރު ރައްޔިތުންގެ މަޖިލިސް ހުޅުވާފައި ބަހައްޓައިގެން ވިޔަސް އެކަން ނިންމާނަން. އެއީ އަޅުގަނޑުގެ މަސްއޫލިއްޔަތެއް، އަޅުގަނޑު އެކަން ކުރާނަން. އެއީ ކޮންމެހެން އިންޒާރެއް ދޭކަށެއް ނޫން. އެކަމަކު ޒާތީ ގޮތުން އެގޮތަށް އެއްވެސް މުއައްސަސާއަކުން ވަކި މީހަކާ ދޭތެރޭ ކަންތައް ކޮށްގެންނެއް ނުވާނެ، ބަޔަކާ ދޭތެރޭ ވެސް،" ގާސިމް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމްއާއި އެމްޑީއޭގެ ބައެއް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކުން މަޖިލިސް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ލިބިދާނެ ގެއްލުމަކާ މެދު އެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

"މިއަދު ޕީޕީއެމާއި އެމްޑީއޭގެ ބައެއް މެމްބަރުން އަޅުގަނޑާ ބައްދަލުކުރަން ބޭނުންވެގެން އަޅުގަނޑު ބައްދަލުކުރީ. އެބޭފުޅުންގެ ޝަކުވާއަކީ ތިމަންނަމެންގެ ކެންޑިޑޭޓުން ހޮވައި، ސުޕްރީމް ކޯޓުން މައްސަލަ ނިމިގެންދާ އިރު ތިމަންނަމެންގެ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކޮށްފިއްޔާ، ޓިކެޓް އަތުލައިފިއްޔާ ކިހިނެއްހޭ ހަދަނީ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޕީއެންސީ ރަޖިސްޓަރީ ކުރުމަށް ސައްހަ ފޯމުތަކެއް ހުށަހަޅައިގެން ވެސް އެ ޕާޓީ ރަޖިސްޓަރީ ނުކޮށްދިން ވާހަކަ ވެސް އެ މެމްބަރުން ހިއްސާކުރެއްވި ކަމަށެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީއަށް އީސީ ހާޒިރުކޮށްގެން ވިޔަސް ހައްލު ހޯދަން ޖެހޭ ކަން ވެސް އެ މެމްބަރުން ފާހަގަކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދެން ތިމަންނަމެން ހުށަހަޅައިގެން އުޅޭ ޕާޓީ އެބައޮތޭ. އިލެކްޝަންސްއަށް ހުށަހަޅައިގެން އެބައުޅެމޭ ޕީއެންސީ ކިޔާ ޕާޓީއެއް. އެ ޕާޓީ ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނުވިއޭ. 4000، 5000 ފޯމު ހުށަހަޅައިފީމޭ، އިލެކްޝަންސްއިން ކޮންމެ މީހަކަށް ފޯނުކޮށްފައި އަހަނީއޭ ކޮންމެ ފޯމެއްގައި ތިބޭފުޅާ ސޮއިކުރެއްވިންތޯ. މިހެން ވެގެންނޭ މިދަނީ، އެކަމަކު ތިމަންނާމެން ހަމަ ރަނގަޅަށޭ ފޯމުތައް ހުށަހަޅާފައި އެހުރީ. މިނިވަން މުއައްސަސާގެ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްގެން ނަމަވެސް، ކޮޅެއް ފެންނަން އެބަޖެހެއެއް ނޫންހޭ. އަޅުގަނޑު ދެންނެވިން އާދޭހޭ، އަޅުގަނޑު މިހުރީ ހަމަ ތިކަމަށް އެއްބާރުލުން ދޭން ތައްޔާރަށޭ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އީސީގެ ރައީސް އަހްމަދު ޝަރީފާއި އެ ކޮމިޝަނުގެ މެމްބަރަކަށް ގުޅުއްވި ކަމަށާއި ޕީޕީއެމްއާއި އެމްޑީއޭ މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށެވެ. އަދި އެހެން ކަންތައްކުރަނީ އީސީގެ މެމްބަރުންނަށް ވަގަށް ގޮވުން ފަދަ ކަންތައްތައް ކުރުމުން ކަމަށް ވެސް އެ ކޮމިޝަނުން ވާހަކަދެއްކެވި ބޭފުޅުން ދެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެބޭފުޅުން ދެންނެވި އަޅުގަނޑުމެންނަށް ވެސް ވަގަށް ގޮވައި، މިހެން ކަންތައްކޮށް، އެހެން ކަންތައްކޮށް ހަދަނީއޭ. އެހެން ޕާޓީތައް ރަޖިސްޓަރީކުރަން ހުށަހެޅީމާ ވެސް ކޮންމެ މެމްބަރަކަށް ފޯނު ކުރަންތޯއޭ އެހިން. ބުނީމަ ވިދާޅުވީ ނޫނޭ އެހެނެއް ނޫނޭ އަޅުގަނޑުމެންނާ ދޭތެރޭ ވެސް މިހެން ކަންތައް ކުރެއްވީމައޭ. އަޅުގަނޑު ދެންނެވިން ތިއީ ގޯހެކޭ. ތިކަމެއް ނުކުރެވޭނެއޭ. އެއީ ބަޔަކު ވަގަށް ގޮވީމާ، އެއީ ވަކި މައްސަލައެކޭ. ޕާޓީއެއް ރަޖިސްޓަރީކުރަން ހުށަހެޅީމާ، އެއީ ވަކި ކަމެކޭ،" އޭނާ ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކަށް ވެސް އޮންނަ އުސޫލުން ޕީއެންސީ ވެސް ރަޖިސްޓަރީކޮށްދޭން ޖެހޭނެ ކަމަށާއި ވަކި އިތުރު އުސޫލެއް ގެނެސްގެން އެކަންކަމެއް ނުކުރެވޭނެ ކަމަށެވެ.