ދީން

އަނެކުންގެ ލާބައާއި މަންފާ ކުރިޔަށް ނެރުން

އަބްދުﷲ ފާރޫގް ހަސަން

1

ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ އެއް ސިފަޔަކީ އަނެކުންގެ މަންފާއާއި ލާބަޔަށްޓަކައި ތިމާޔަށް ލިބެން އޮންނަ މަންފާ ދޫކޮށްލުމެވެ. އަނެކުންނަށް އިސްކަން ދިނުމެވެ. ތިމާގެ ބޭނުންތަކަށް ވުރެ އަނެކުންގެ ބޭނުންތަކަށް އިސްކަން ދިނުމެވެ. ތިމާ އަމިއްލަޔަށް ތުރާލާއި އުނދަގޫތައް ބަރުދާސްކޮށްގެން އެހެން މީހުނަށް އެހީވެދިނުމެވެ. މިމާތް އިންސާނީ ސިފަ ބަޔާން ކުރެވޭ ލަފުޒުތަކުގެ ތެރޭގައި އީޘާރާއި، ޤުރްބާނީ ފަދަ ލަފުޒުތައް ހިމެނެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުސްލިމުންނަށް މަދީނާއަށް ހިޖްރަކުރުމަށް ހުއްދަ ދެއްވުމާ ގުޅިގެން ކުއްލިޔަކަށް ވަރަށް ގިނަ މުހާޖިރުންތަކެއް މަދީނާއަށް ހިޖުރަކުރެއްވިއެވެ. މުހާޖިރުން މަދީނާއަށް ވަޑައިގަންނަވަމުން ގެންދެވީ ހުސް އަތްޕުޅާއެވެ. މަދީނާގެ އަންޞާރުންނަށް ޖެހިވަޑައިގަތީ އެބޭކަލުންގެ ގެދޮރާއި، ދަނޑުގޮވާމާއި، ބަގީޗާތަކުން މުހާޖިރުންނަށް ބައި އަޅުއްވާށެވެ. ބޭރުފުށުން ބަލާއިރު އެކަމަކީ އަންޞާރުން އުފުއްލަވަން ޖެހިވަޑައިގެންނެވި މަޢީޝީ ބުރައެކެވެ. މަދީނާގައި އޭރު އޮތް ހަމައެކަނި ދަނޑުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް އިޤްތިޞާދަށް ތަޙައްމަލު ނުކުރެވޭފަދަ މައްސަލައެކެވެ. ނަމަވެސް މަދީނާގެ އަންޞާރުން މުހާޖިރުންނާ އިސްތިޤްބާލު ކުރެއްވީ ނުހަނު ދީލަތި އަތްޕުޅުތަކަކާ އެކުގައެވެ. އެހައިމެ މުއްސަނދި ހިތްޕުޅުތަކަކާ އެކުގައެވެ. އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި ވަނީ އެކަން ފާހަގަކުރައްވައިފައެވެ. އަންޞާރުންނަށް ތަޢުރީފު ކުރައްވައި ވަޙީ ކުރައްވައިފައެވެ.

"އަދި އެއުރެންގެ ކުރިމަތީގައި (މުހާޖިރުން މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީގައި) އަލްމަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖްރަކުރި މުހާޖިރުން ދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތިކަމެއް) އެއުރެން (އެބަހީ އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަން ދެއެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައިވީ ނަމަވެސް މެއެވެ. އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ އެއުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ."

އަނެކުންނަށް ޓަކައި ޤުރްބާން ވުމަކީ ވަރަށް މާތް އިންސާނީ ސިފައެކެވެ. މިއީ ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލައެކެވެ. ހެނދުނާއި ހަވީރު އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅޭ މުޢާމަލާއެކެވެ. ތިމާ ފަހަތަށް ޖެހިލައި އަނެކާ ކުރިއަރާނެ ޖާގަދިނުމެވެ. ތިމާ ތަކުލީފު އުފުލައި އަނެކާއަށް އުފަލާއި އަރާމު ހޯދައިދިނުމެވެ. ތިމާގެ ޚަރަދު ކުޑަކޮށްގެން އެހެން މީހުންނަށް އެހީވުމެވެ. ތިމާގެ ވަގުތުގެ ބައެއް ހުސްކޮށްގެން އަނެކުންނަށް ޚިދުމަތް ކުރުމެވެ. ތިމާގެ އަމިއްލަވަންތަކަން ދޫކޮށްލައިފައި އަނެކަކު މައްޗަށް ނެގުމެވެ. ޚުދު ތިމާ ހަނުހުރެފައި އަނެކާއަށް ވާހަކަދެއްކުމުގެ ފުރުޞަތު ދިނުމެވެ. ތިމާގެ ކާރު ދުވާރާ ކައިރިއަށް ޖައްސައިލައި އަނެކާ ކުރިއަރައިގެން އޭނާގެ މަންޒިލަށް ދާނެ ފުރުޞަތު ދިނުމެވެ.

ޝައްކެއް ނެތެވެ. މި ޒާތީ ޤުރްބާނީ ނުވަތަ އީޘާރަކީ ވަރަށް މާތް އިންސާނީ ސިފައެކެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ ގޮތުގައި މި މަތިވެރި އިންސާނީ ސިފަ ލިބިގެންވާ މީހުންނަކީ ފަލާޙާއި ކާމިޔާބީ ލިބޭނެ މީހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟