ކުޅިވަރު

ބަންގްލަދޭޝް އާއި ނޭޕާލް ބޮޑު މެޗަކަށް

ޑާކާ އިން: އަހުމަދު ޔަޝާއު – ވަން އޮންލައިން

ސާފް ސުޒުކީ ކަޕް 2018 ގެ ގްރޫޕް އޭ ގެ ފަހުމެޗުގައި މިރޭ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އާއި ނޭޕާލް ބޮޑު މެޗަކަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ބަންގްލަދޭޝް ނޭޕާލާއި ދެކޮޅަށް ނިކުންނައިރު އެޓީމުވަނީ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ބޫޓާނާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުވަނީ ފަހު ވަގުތުކޮޅު ކާމިޔާބުކުރި ލަނޑާއެކު ޕާކިސްތާން ބަލިކޮށްފައެވެ. ކުޅުނު ފުރަތަމަ ދެމެޗުން ބަންގްލަދޭޝް މޮޅުވެފައި އޮތްނަމަވެސް، އެޓީމަށް އަދި ސެމީފައިނަލްގެ ޖާގަ ކަށަވަރެއް ނުވެއެވެ.

ނޭޕާލުން ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާނާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުން އެޓީމުވަނީ 0-4 ގެ ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށްފައެވެ. އެހެންކަމުން، މިއަދުގެ މެޗުން މޮޅުވެ 6 ޕޮއިންޓު ހަމަކޮށް، ދެޓީމު ބައްދަލުކުރި މެޗުން އެޓީމަށް ކުރި ލިބޭނެތީ ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު ނޭޕާލަށް ވެސް އެބައޮތެވެ.

ބަންގްލަދޭޝް މިއަދުގެ މެޗުން ބަލިވެއްޖެނަމަ، އެޓީމަށް ސެމީގެ ޖާގަ ލިބޭނީ މިގްރޫޕްގައި މިއަދު ފުރަތަމަ ކުޅޭ މެޗުގައި ޕާކިސްތާން އަތުން ބޫޓާން މޮޅުވެގެންނެވެ. ޕާކިސްތާން އެމެޗުން މޮޅުވެއްޖެނަމަ، އެޓީމާއެކު ސެމީއަށް ދާނީ މިއަދުގެ މެޗުން މޮޅުވާ ޓީމެކެވެ.

މިއަދުގެ މެޗަށް ނޭޕާލް ޓީމު ނުކުންނައިރު އެޓީމުގެ ކޯޗު ބާލް ގޯޕާލް ބުނެފައިވަނީ، އެންމެފަހުން އެޓީމު ކުޅުނު މެޗުގައި ދެއްކިފަދަ ކުޅުމެއް ތަކުރާރުކޮށްފިނަމަ މި މުބާރާތުގައި އެޓީމަށް ބަލިނުކުރެވޭނެ ޓީމެއް ނެތްކަމަށެވެ. އެހެންކަމުން، މިއަދުގެ މެޗުގައިވެސް މުބާރާތް ބާއްވާ ގައުމުގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ބަންގްލަދޭޝް ބަލިކުރެވޭނެ ކަމަށެވެ.

އިންގްލެންޑްގެ އާސެނަލްގެ ޔޫތު ޓީމަށް ކުރިން ކުޅެފައިވާ ބަންގްލަދޭޝްގެ ކޯޗު ޖެމީ ޑޭ މިއަދުގެ މެޗާ ބެހޭގޮތުން ބުނެފައިވަނީ، ފުރަތަމަ ދެމެޗުން އެޓީމު މޮޅުވެފައި އޮތްނަމަވެސް ސެމީގެ ޖާގަ ކަށަވަރު ނުވާކަމަށާއި، ނޭޕާލަކީ ވަރުގަދަ ޓީމެއްކަމަށާއި، މިއަދުގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށާއި، އޭނާގެ ޓީމު ކުޅޭނީ މިމެޗުން މޮޅުވެ ސެމީއަށް ދިއުމަށް ކަމަށެވެ.

ބަންގްލަދޭޝް އާއި ނޭޕާލް ވަނީ މީގެ ކުރިން 6 ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. އޭގެތެރެއިން ހަތަރު ފަހަރު ބަންގްލަދޭޝް މޮޅުވިއިރު، ނޭޕާލް ވަނީ ދެފަހަރު މޮޅުވެފައެވެ. އެންމެ ފަހުން މިދެޓީމު ބައްދަލުކުރި ދެފަހަރުވެސް މޮޅުވެފައިވަނީ ނޭޕާލެވެ. އެއީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރުއެވެ.

ކޮންމެ ގޮތެއްވިޔަސް މިއަދުގެ މެޗަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ދެޓީމަށްވެސް ވަރަށް މުޙިއްމު މެޗެކެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ އިރުއޮއްސި 6 ޖަހާއިރުއެވެ.