ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މަޖިލީހުގެ ވަކި އިންސައްތައެއްގެ ކޯޓާ އަންހެނުންނަށް ލިބޭގޮތަށް ހަދަން ޖެހޭ: ޝީދާތާ

މަޖިލީހުގެ ވަކި އިންސައްތައެއްގެ ކޯޓާ އަންހެނުންނަށް ލިބޭގޮތަށް ހަދަން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމުން ފާސްވެގެން ނިކުންނަ ކުދިންގެ ތެރޭގައި އަންހެން ކުދިން ފިރިހެން ކުދިންނަށް ވުރެ ގިނަކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ވޯކް ފޯސް، ސިވިލް ސާވިސް ދާއިރާގައިވެސް ނިސްބަތުން ބަލާއިރު ގިނައީ އަންހެނުންކަމަށާއި ނަމަވެސް ކަން ނިންމާ ނުވަތަ ޕޮލިސީ ލެވަލްގައި އަންހެނުން މަދު ކަމަށް ޝިދާތާ ވިދާޅުވިއެވެ. މިއީ ގައުމުގައި ގާބިލު އަންހެނުން ނެތިގެން ވާކަމެއް ނޫން ކަމާއި ދެ ޖިންސަށް ހަމަހަމަ ފުރުސަތު އޮތް ނަމަވެސް އަންހެނުންނަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސްވަފައި ނެތުމުން ދިމާވާ ކަމެއް ކަމަށް ޝިދާތާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޝިދާތާ ވަނީ ސިޔާސީ މައިދާނުގައި އަންހެނުންގެ ރޯލު ފާހަގަކުރައްވައިފަ އެވެ. އެގޮތުން ޝިދާތާ ވަނީ ސިޔާސީ އެކި ކަންކަމުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރާއި އަންހެނުންގެ ދައުރު ވަރަށް ބޮޑު ކަމަށް ފާހަގަކުރައްވައިފައެވެ. ނަމަވެސް އެކި މަގާމުތަކަށް ކުރިމަތިލުމަށް ކެމްޕެއިނާއި ހަމައަށް ވެސް ވާސިލުވާ އަންހެނުން މަދު ކަމަށް ޝިދާތާ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން ޝިދާތާ ވަނީ ފާއިތުވި ދެ މަޖިލީހުގައިވެސް މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވި ނަމަވެސް އެންމެ 5 މެންބަރުން ތިއްބެވިކަމާއި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި މި އަދަދަށް ވުރެ އަންހެން މެމްބަރުން މަދުވެދާނެކަމަށް ވިދާޅުވެ މަޖިލީހުގެ ވަކި އިންސައްތައެއްގެ ކޯޓާ އަންހެނުންނަށް ލިބޭގޮތަށް ސެކިއުއާ ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.