ބައްޕަގެ ވިޔަފާރިއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ކުންދްރާ ބުނެފި އެވެ.
ޝިލްޕާގެ ބައްޕަ ނެގިކަމަށް ބުނާ 21 ލައްކަ ރުޕީސްގެ ލޯނެއްގެ މައްސަލައިގައި ޝިލްޕާ އާއި އޭނާގެ ކޮއްކޮ އަދި މަންމަ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ޝިލްޕާ އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަަނީ އޭނާގެ މަރުވެފައިވާ ބައްޕަގެ ވިޔަފާރީގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށާއި އޭގެ އެއްވެސް ފައިނޭންޝަލް މުއާމަލާތެއްގެ މައުލޫމާތެއްވެސް ނޭނގޭކަމަށެވެ. އޭނާގެ އާއިލާއަށް ދައުވާ ކޮށްގެން އުޅޭ މީހާ ދަނީ މީޑިއާގައި ދޮގު ވާހަކަތައް ފަތުރަމުން ކަމަށާއި އެމީހާ ހަމަ އެކަނި ދަންނަނީ އާއިލާގެ ކާރު މެކޭނިކްގެ ގޮތުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޮޓޯމޯބައިލް އެޖެންސީއެއްގެ ވެރިއެއް ކަމަށްވާ ޕަރްހަދް އަމްރާ ވަނީ ޝިލްޕާގެ އާއިލާއަށް ދައުވާކޮށްފައެވެ. އޭނާގެ ދައުވާގައި ބުނެފައި ވަނީ ޖުލައި 2015ގައި ޝިލްޕާގެ ބައްޕަގެ ވިޔަފާރިއަށް އެހީވުމުގެ ގޮތުން ލޯނެއް ދީފައިވާނެ ކަމަށެވެ.
ޕަރްހަދު މީޑިއާއަށް ދިން ބަޔާނުގައި ބުނެފައިވަނީ ހުރިހާ މުއާމަލާތެއް ވެސް ކުރީ ޗެކުން ކަމަށާއި އަދި ޗެކްތައް ހަދާފައިވާނީ ޝިލްޕާގެ ބައްޕަ ސުރެންދްރާ ޝެޓީގެ ކުންފުނި "ކޯގިފްޓްސް"ގެ ނަމުގައި ކަމަށެވެ.