ޕްރޮޑިއުސަރު އަދި ޑިސްޓްރިބިއުޓަރެއް ކަމަށްވާ ބާރަތް ޕަޓޭލް ސަނީ ލިއޯނަށް ފިލްމެއްގެ ޚާއްސަ ލަވައެއް ކުޅުމަށް ދިން ފަސް ލައްކަ ރުފިޔާ އަނބުރައި ނުދިން ކަމަށް ޕަޓޭލް ބުނެފި އެވެ.
ފިލްމު "ޕަޓޭލް ކީ ޕަންޖާބީ ޝާދީ"ގައި ހިމަނަން ނިންމި ސަނީ ލިއޯން އެކްޓް ކުރާ ލަވަ ފަހުން ވަނީ ފިލްމުގައި ނުހިމަނާ ގޮތަށް ނިންމައިފައެވެ. ނަމަވެސް އޭރު ވަނީ އެލަވަ ކުޅެން ސަނީ ލިއޯނަށް ފަސް ލައްކަ ރުފިޔާ ދީފައެވެ.
ރިޝީ ކަޕޫރު އާއި ޕަރޭޝް ރާވަލް ލީޑް ރޯލުން ފެންނަ އެ ފިލްމުގައި ސަނީގެ ލަވަ ނުހިމަނަން ނިންމުމުން ދީފައިވާ ފަސް ލައްކަ ރުފިޔާވެސް ސަނީ އަނބުރައި ނުދިން ކަމަށާއި ލަވަވެސް ނުކުޅުނު ކަމަށް ބާރަތް ވަނީ ބުނެފައެވެ.
ނަމަވެސް އިންޑިއާގެ ޓައިމްސް ނިއުސްގައި ސަނީގެ ގާތް ފަރާތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ލަވަ ކުޅެން ސަނީ ވަނީ ތާރީހުތައް ކުރިއާލާ ބުކް ކޮށްފައި ކަމަށާއި ފިލްމު އުފައްދާ ފަރާތުން ވަނީ އެކި ފަހަރު މަތިން އޭގެ ތާރީހުތައް ބަދަލުކޮށްފައި ކަމަށެވެ. އެހެން ކަމުން ފަހުން ސަނީއަށް ހުސްވެފައިވާ ދުވަސްތައް އޭނާ އެހެން ކަންކަމަށް ހަމަޖެއްސީއެވެ. ސަނީ އަކީ އޭނާ ކުރާ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރާ ތަރިއެއް ކަމަށާއި އެގޮތަށް ދުވަސްތައް އެހާ ގިނައިން ބަދަލު ކުރުމަކީ އޭނާގެ މަސައްކަތްތަކަށްވެސް ބުރޫ އަރާނެ ކަމެއް ކަމަށް ސަނީގެ ގާތް ފަރާތުން ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
ބާރަތް ޕަޓޭލް ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވަނީ އެލަވަ ކުޅުމަށް ސަނީއަށް 40 ލައްކަ އިންޑިއަން ރުޕީސް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް ލައްކަ އަކީ ސޮއި ކުރުމުން ދޭން އޮތް ފަސް ލައްކަ ކަމަށެވެ. އަދި ފަސް ލައްކަ ލުކް ޓެސްޓަށް ފަހު އާއި 10 ލައްކަ ރިހާސަލްގައި ދިނުމަށް ހަމަޖެހިފައިވާއިރު އަނެއް 10 ލައްކަ ދޭގޮތަށް ހަމަޖެހިފައިވަނީ ޕްރޮމޯޝަން ތެރޭގައެވެ.
ސޮއި ކުރި ފަސް ލައްކަ ދިނުމަށްފަހު ތާރީހުތައް ފައިނަލް ކުރަން ސަނީއަށް ގުޅުމުން އޭނާ އެއްވެސް ވަރަކަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ވެސް ބާރަތްގެ ބަޔާނުގައި ވެއެވެ.