އިސްލާމްދީނުގެ އަސްލު އަމާޒަކީ އިންސާނާގެ ރޫޙާނީ ތަރައްޤީއެވެ. އިންސާނާގެ ކިބައިގައިވާ ރޫޙާނިއްޔަތު ހޭލެއްވެވުމެވެ. އިންސާނާގެ ކިބައިގައިވާ ރައްބާނީވަންތަކަން ދިރުއްވެވުމެވެ. އިންސާނުން ޠާހިރުކުރައްވައި އެބައިމީހުންގެ ހެޔޮކަން އިތުރު ކުރެއްވުމެވެ.
ޙަޤީޤަތުގައި އިންސާނާ މި ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުސީދާ ގޮތުގައެވެ. މިގޮތުން ބަލާއިރު ކޮންމެ އިންސާނަކީ ވެސް އޭނާ އުފަން ކުރެއްވި ޝަޚްޞިއްޔަތުގައި ޠާހިރު، ސާފު މީހެކެވެ. ނަމަވެސް މި ދުނިޔޭގެ ހަލަބޮލިކަމުގެ ތެރޭގައި ދިރިއުޅެމުންދާއިރު އޭނާގެ ބޭރުފުށުގެ ޝަޚްޞިއްޔަތަށް "ހިރަފުސް އަރައި" ކިލަނބުވެއެވެ. މިދެންނެވި "ހިރަފުސް" ފޮޅައިލެވި އަލުން އޭނާ ޠާހިރު ކުރެވި އޭނާގެ ހެޔޮކަމުގެ ބާރު އާލާކުރެވުމަކީ އޭނާ އުފެއްދެވި ފިޠުރީ ޙާލަތަށް އަނބުރާ ގެނައުމެވެ.
ތިމާގެ ނަފުސު ޠާހިރުކުރުމާއި، ތިމާގެ ހެޔޮކަމުގެ ބާރު ދިރުވައި ވަރުގަދަކުރުމަކީ އިންސާނާ އަމިއްލަޔަށް ކުރަންޖެހޭ މަސައްކަތެކެވެ. ތުއްތު ކުއްޖާ އޭނާގެ ފިޠުރަތުގައި ވާނީ ކުރީންވެސް ދެންނެވި ފަދަ ސާފު ގޮތުގައެވެ. އޭނާ އެ ޙާލަތުގައި ހުންނަނީ އޭނާގެ އަމިއްލަ މަސައްކަތެއްގެ ސަބަބަކުން ނޫނެވެ. އޭނާ އުފެއްދެވި ފިޠުރަތުގެ ސަބަބުންނެވެ. ނަމަވެސް އެކުއްޖާ ބޮޑުވެ ތަޞައްރުފު ފުދުމަށްފަހު ރޫޙާނީގޮތުން ސާފުކަމާއި ހެޔޮކަމުގެ މަތީގައި ހުންނަން ބޭނުން ކަމުގައިވާނަމަ އޭނާ އެކަމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭނެއެވެ. އޭނާގެ ގަސްދުގައި، ޚުދު އޭނާގެ އަޒުމާއި، އޭނާގެ އަމިއްލަ ދަހިވެތިކަމުގައި ތިމާ ރޫޙާނީ ތަރައްޤީގެ އުސްމިންތަކަށް އަރަން ހިންމަތް ކުރަން ޖެހޭނެއެވެ. އިސްލާމްދީން އިންސާނާގެ ކިބައިން ބޭނުންވާ ރޫޙާނީ ތަރައްޤީއަކީ މިގޮތުން އޭނާ ކުރާ މަސައްކަތުން ޙާޞިލުކުރާ ރޫޙާނީ ތަރައްޤީއެވެ. ސަލާމަތްކަން ލިބިގެންވާ ހިތެއް ހޯދައިގަތުމަކީ އެއީއެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަން އެދިވަޑައިގެން ދުޢާކުރައްވާ ކަންކަމުގެ ތެރޭގައި އެކަލޭގެފާނުގެ ހިތްޕުޅުގައި އަލިކަން ލެއްވުން ހިމެނެއެވެ. ހަމައެފަދައިން އެކަލޭގެފާނުގެ އެކިއެކި ޞަޙާބީންނަށްވެސް އެބޭކަލުންގެ ފާފަ ފުއްސެވުމަށާއި، އެބޭކަލުންގެ ހިތްޕުޅު ޠާހިރު ކޮށްދެއްވުން އެދިވަޑައިގެން ދުޢާ ކޮށްދެއްވައެވެ. ލުޤްމާން ޢަލައިހިއްސަލާމްގެ ބަސްފުޅެއްގައި ވެއެވެ. އަރަހުށި މާތްﷲ މަރުވެފައިވާ ބިން ވާރޭގެ ޒަރީޢާއިން ދިރުއްވާ ފަދައިން ޙިކުމަތުގެ ނޫރުން ހިތްތައް ދިރުއްވައެވެ.
ރޫޙާނީ ތަރައްޤީއަކީ މިއީއެވެ. އިސްލާމްދީނުގެ ޙަޤީޤީ މަޤްޞަދަކީ އިންސާނާގެ ރޫޙާނީ ތަރައްޤީއެވެ. ރޫޙާނީ ތަރައްޤީއިން މަޙްރޫމުވެއްޖެ މީހަކީ އިސްލާމްކަމުގެ ނިޢުމަތުންވެސް މަޙްރޫމުވެއްޖެ މީހެއް ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.