ޖުމްހޫރީ ޕާޓީ

އެންއައިސީގެ ކުރީގެ ރައީސް ފަރުހާދު ޖޭޕީއަށް ސޮއިކޮށްފި

2

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީއަށް ފަރުހާދު ސޮއިކުރައްވާފައިވަނީ މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންއައިސީގެ ރައީސްކަމުން ފަރުހާދު ވަކިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު، އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޔޫސުފް މާނިއު މުހައްމަދެވެ. އެންއައިސީގެ ރައީސްކަމުން އޭރު ފަރުހާދު ވަކިކުރި ނަމަވެސް، މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވިއެވެ. އަދި އޭގެ ފަހުން ފަރުހާދު ވަނީ މެމްބަރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.

ފަރުހާދު ވަކިކޮށް ރައީސްކަމުގެ މަގާމަށް މާނިއު އައްޔަންކުރި ނަމަވެސް، އެންއައިސީގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށް ވިދާޅުވެ އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާނިއު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މާނިއު ވެސް ވަނީ ދާދި ފަހުން ޖޭޕީއަށް ސޮއިކުރައްވައިފައެވެ.

ފަރުހާދު އަދި މާނިއު ވެސް އެންއައިސީގެ މެމްބަރުކަމަށް އައްޔަންކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟