މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ (ސީއައިއެފް)ގެ އަގު 47 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި އަހަރީ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގަކީ 2017 ވަނަ އަހަރަށްވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.
ރާއްޖެއަށް 2017 ވަނަ އަހަރު އިމްޕޯޓުކޮށްފައިވަނީ 38 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓު މުދާ އިތުރުވިއިރު އެކްސްޕޯޓުކުރި މުދަލުގެ އަދަދު ވަނީ މިދިޔަ އަހަރު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ 2017 ވަނަ އަހަރުގެެ ތިން ބިލިއަން ރުފިޔާއަށްވުރެ ނުވަ ޕަސެންޓް ދަށް އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިންނެވެ. އެއީ 18 ޕަސެންޓެވެ. އަދި 17 ޕަސެންޓާއެކު ދެވަނައިގައި ޗައިނާ އޮތް އިރު ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެއީ 13 ޕަސެންޓެވެ.
ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 36 ޕަސެންޓު ފޮނުވާފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. އެއީ 13 ޕަސެންޓެވެ. އަދި ނުވަ ޕަސެންޓާއެކު ތިންވަނައަށް އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.