ޖުމްހޫރީ ޕާޓީ

ހެންވޭރު ދެކުނު ދާއިރާއަށް އިރުތިޝާމް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ އިރުތިޝާމް ދާދި ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

އިރުތިޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާގެ ކާފާފުޅު ހާޖީ އެދުރުގެ ދޮން ސީދީ އަކީ ވެސް މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ މަޖިލީހަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަން ހާމަކުރެއްވުމަކީ އެއީ އެބޭފުޅުން ބޭނުންވާ ގޮތް ކަމަށާއި ޕާޓީގެ ޓިކެޓް އެއްވެސް ފަރާތަކަށް ދިނުމަށް ކައުންސިލުން އަދި ނިންމާފައި ނުވާ ކަމަށެވެ.