އިބްރާހިމް ޒަކީ
ޕީޕީއެމްގައި އިސްކޮށް އުޅުވި ބައެއް ބޭފުޅުން، މިހާރު އުފައްދަން މަސައްކަތްކުރާ، ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ، 3000 ފޯމުގެ ތެރޭގައި ޕީޕީއެމްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތައްވެސް ހިމެނޭ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ޕީއެންއެސް އަށް މެންބަރުން ހަމަނުވެގެން ރަޖިސްޓްރީ ކުރުން ލަސްވާ މައްސަލައިގައި، އެ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ކަންބޮޑުވާކަން ފާޅުކޮށް، އިލެކްޝަން ކޮމިޝަން ކުއްވެރި ކުރަމުން ދަނިކޮށް، "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، ޕީޕީއެމްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކެއް، ޕީއެންސީ ގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކޮށްފިނަމަ ވާނީ ބޮޑު ވައްކަމަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ ނަމުގައި ޕީޕީއެމްގެ މެންބަރަކަށްވާންއެދި ފޮނުވާފަހުރި ފޯމްތަކެއް ޕީއެންސީގެ ނަމުގަ ރެޖިސްޓްރީ ކޮށްދިނީމަ އަޅުގަނޑުމެން ވައްކަމެއްނޫންތޯ އެކުރީ. އެހެންވީމަ އެކަންކަންބަލާނެ ނޫންތޯ؟ މީ ވަރަށްބޮޑު އަމާނާތެއް،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ، ޕީއެންސީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމު ތަކުގެ ތެރޭގައި، ޕީޕީއެމްގެ މެންބަރަކަށްވުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ އިތުރުންވެސް، ވަރަށްބޮޑެތި މައްސަލަތައްހުރި ފޯމުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި، މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމުތަކާއި، ފިންގާޕްރިންޓްގެ މައްސަލަހުރި ފޯމުތަކާއި، އައިޑީކާޑު މައްސަލަ އާއި ސޮއިގެ މައްސަލަތަކާއި ތާރީހު ދިމާނުވުމުގެ މައްސަލަތައްހުރި ފޯމުތައް ހިމެނެ އެވެ.
ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ، އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްްރަހީމް އަބުދުﷲ އަށް ދިނުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށް ކޮމިޝަނަށް ހުށަހަޅަންޖެހޭ ތިންހާސް މީހުން ހަމަ ކުރަން، 4000 ފޯމު ހުށަހެޅިއެވެ. ނަމަވެސް އޭގެ ތެރެއިންވެސް 3000 ސައްހަ ފޯމު ހަމަ ނުވުމުން އިތުރަށް 1100 ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅައިފަ އެވެ.