އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަބްދުއްރަހީމްގެ ބަހުގެ ހަމަލާއެއް އީސީއަށް: ހުއްދަ ނުދިނަސް އަމިއްލަ ގޮތުން 87 ދާއިރާއަށް ވާދަކުރާނަން!

ޝަހީދާ އަބްދުﷲ ސައީދު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުދިން ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަމިއްލަ ގޮތުން 87 ދާއިރާއަށް ވާދަކުރާނެ ކަމަށް ޕީއެންސީ އުފެއްދުމަށް ހުށަހަޅުއްވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ނުދިނުމަށް އީސީން މަސައްކަތް ކުރަނީ ޒާތީ ގޮތުން ކަމަށެވެ.

އަދި އިންތިޚާބުގެ ކުރިން ޕީއެންސީ އުފެއްދުމަށް ހުއްދަ ނުދޭނަމަ އަމިއްލަ ހައިސިއްޔަތުން ވިޔަސް ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާނެ ކަމަށެވެ.

''އީސީން ޕީއެންސީ އުފައްދަން ހުއްދަ ނުދިނަސް ޕީޕީއެމް ނުލިބުނަސް ރައީސް ޔާމިނަށް ތާއީދުކުރާ ފަރާތްތަކުން 87 ދާއިރާއަށް ވާދަކުރާނަން. އީސީން މިހާރު ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވޯޓްދިން ނުވަދިހަ ހަ ހާސް މީހުންގެ ހައްގުތައް ނިގުޅައިގަންނަމުން އެދަނީ.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ޕާޓީ އުފައްދަން ހުއްދަ ނުދިނުމުގެ ސަބަބުން މަޖިލީހަށް ވާދަކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާތީ ގާނޫނީ ގޮތުން ދެވެންހުރި ހުރިހާ މަގަކުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އީސީއަށް ހުށަހެޅި ފަސް ހާސް އެއް ސަތޭކަ ފޯމުގައި ސައްހަ ތިން ހާސް ފޯމު ނޯންނަންވީ ސަބަބެއް ނެތް ކަމަށާއި ޕާޓީ އުފައްދަން ހުއްދަ ނުދީ ހިފަހައްޓަނީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކަށް މަޖިލީހުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.