ޓުވީޓާގައާއި ފޭސްބުކްގައި ދިވެހި މަސްވެރީންގެ ނަމުގައި ހިއްސާ ކުރާ ފޮޓޯ ތަކާއި ވީޑިއޯތައް ތަފާތެވެ. އެ ވީޑިއޯތަކާއި ފޮޓޯތަކުން ލިބޭ މެސެޖުތައް ވެސް ތަފާތެވެ. ތިމާވެށްޓާ ގުޅުން ހުންނަ މައްސަލަ ތަކާއި ކަނޑުފަޅުގެ ދިރުމަށް ހޭލުންތެރިކުރުވުމުގެ އިތުރުން މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުކުރުވަން އޭގެން ބުނެދޭ ގޮތް އަދި ވަކީން ތަފާތެވެ.
ދިވެހި މަސްވެރީން އެންޖިއޯގެ ރައީސް، ގެމަނަފުށީ "ގެލެރީ ވިޝަން" ދޯނީގެ މަސްވެރިޔާ އަހުމަދު ޝާފިއު ބުނީ މަސްވެރިކަމާއި ކަނޑުފަޅުގެ ވެށްޓާ ގުޅުން ހުރި ވީޑިއޯ ތަކާއި ފޮޓޯތައް ލަނީ މީހުންގެ ހިތް އެ ދާއިރާއަށް ލެންބުމަށާއި ޝައުގުވެރިކަން އިތުރުކުރުމަށް ކަމަށެވެ.
"އަސްލު މަސްވެރިކަމަކީ ވަރަށް ސަޅި އަދި މޮޅުކަމެއް. ރާއްޖޭގެ ހަގީގީ ރީތިކަން ވެސް އޮތީ މޫދު އަޑީގައި. މަތީން އަޅުގަނޑުމެންނަށް މި ފެންނަނީ ކުޑަ ތަންކޮޅެއް." ޝާފިއު ބުންޏެވެ.
ޝާފިއު އެ ބުނީ ރަނގަޅު ވާހަކައެކެވެ. ދިވެހި މަސްވެރީންގެ މީސް މީޑިއާ ފޮޓޯތަކުން އޭނާ އެ ބުނާ މެސެޖުތައް ލިބެ އެވެ. ކަނޑު އަޑީގެ އާދަޔާ ޚިލާފު ރީތިކަން ބަލައިލުމުގެ ޝައުގުވެރިކަން އެ ފޮޓޯތަކާއި ވީޑިއޯތަކުން އުފައްދަ އެވެ. ކަނޑުފަޅުގެ ވެށީގެ މުއްސަނދިކަން އޭގެ ފުރިހަމަކަންމަތީ ދެމެހެއްޓުމުގެ ބޭނުންތެރިކަން އޭގެން ދައްކައިދެއެވެ. ތިމާވެށްޓާއި ކަނޑުފަޅުގެ ދިރުމަށް ލޯބިކުރުމުގައި މަސްވެރީން ތިބީ އެހެން މީހުންނަށް ވުރެ މާބޮޑަށް ވެސް ކުރީގައިކަން ޔަގީންކޮށްދެއެވެ. ދިވެހި މަސްވެރީންގެ ކޮންމެ ފޮޓޯއެއް އަދި ކޮންމެ ވީޑިއޯއަކުން ވެސް ލިބެނީ މުހިންމު މެސެޖެކެވެ.
އެންމެ ފަހުން އިއްޔެ ދިވެހި މަސްވެރީން ހިއްސާކުރި ވީޑިއޯއިން ފެންނަނީ ވެލައެއް ގަޔާ ގާތްކޮށްލައި ބޮސްދޭ މަންޒަރެވެ. އެ ވީޑިއޯ އަކީ ގެމަނަފުށީ ބޭރު ކަނޑުއޮޅީގެ އަޑީން ނަގާފައިވާ ވީޑިއޯއެއް ކަމަށް ވީޑިއޯގައި ވެލާގައި ބޮސްދޭ، ގެލެރީވިޝަން ދޯނީގެ އުމުރުން 20 އަހަރުގެ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުންޏެވެ.
"ވީޑިއޯ ނެގީވެސް އަހަރެން އަމިއްލައަށް. ގޯޕްރޯއެއް ބޭނުންކޮށްގެން. ކަނޑު އަޑީގައި މި ފަދަ ފޮޓޯ އަދި ވީޑިއޯ ނެގުމަކީ ވަރަށް ކުރާހިތްވާ ކަމެއް." ސާޖިން ބުންޏެވެ.
މި ޓުވީޓާގައި ވީޑިއޯއަށް ކޮމެންޓު ކޮށްފައިވާ ބައެއް މީހުން ބުނެފައި ވަނީ ކަނޑުގެ ދިރުންތަކަށް ގޯނާ ނުކުރުމަށެވެ. ސާޖިން އެއަށް އެއްވެސް ގޯނާއެއް ނުކުރެ އެވެ. ވަރަށް ލޯބިން ބޮސްދެނީ އެވެ. ދައްކުވައިދެނީ ގާތްކަމެވެ.