ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް މެންބަރުން ހާޒިރުކުރާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ) އުފެއްދުމަށް ހުށަހަޅުއްވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުފެއްދުން ލަސްވަމުންދާ މައްސަލައިގައި އީސީގެ މެންބަރު އިސްމާއީލް ހަބީބު މިއަދު 11:48ގައި އޭނޭއަށް ގުޅުއްވައި ދެއްކެވި ވާހަކައިގައި، ޕާޓީ އުފައްދަން ހުއްދަ ނުދިނުން އެއީ އުސޫލީ މައްސަލައެއް ނޫން ކަމަށާއި ޒާތީ މައްސަލައެއް ކަމަށް ވިދާޅުވެފައިވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމައްސަލައިގައި ހަބީބުގެ އިތުރުން އީސީގެ ހަތަރު މެންބަރުން ވެސް ކޮމެޓީއަށް ހާޒިރުކުރައްވައި ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޓީޑީ އުފައްދަން ބޭނުންވާ ތިންހާސް މެންބަރުންގެ ފޯމު ހުށަހެޅިތާ ސައުވީސް ގަޑިއިރުގެ ތެރޭގައި އެޕާޓީ އުފައްދަން ހުއްދަދިން އިރު ޕީއެންސީ އުފައްދަން ބޭނުންވާ ފަސްހާސް އެއްސަތޭކަ ފޯމު ހުށަހެޅުމުން މިއަދާ ހަމައަށް ޕާޓީ އުފެއްދުމަށް ހުއްދަ ނުދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
އެގޮތުން އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އަމަލުކުރުމަށް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމެޓީއަށް ހާޒިރުކުރުމުން ހަބީބު މިއަދު ދެއްކެވި ވާހަކައަށް ދެކޮޅު ހެދެން ނޯންނާނެ ކަމަށާއި އޭގެ ހެކި އެބަހުރި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
''ޕީއެންސީ އުފެއްދުން ލަސްވާތީ މެންބަރުން އެބަ ސުވާލުކުރޭ ލަސްވަނީ ކީއްވެތޯ. އެކަން ސާފުކުރަން ކޮމިޝަންގެ ރައީސް ޝަރީފަށް އަޅުގަނޑު އެބަގުޅަން ދުވާލަކު ބާރަ ފަހަރުވެސް. އެއްފަހަަރުވެސް ފޯނަށް ޖަވާބު ނުދެއްވައި ހުންނެވުމަށްފަހު ކޮމިޝަންގެ އެސްޖީ ލައްވައި ގުޅުވާފަ އެބަ ވިދާޅުވޭ އަބްދުއްރަހީމް ކައިރީ ބުނާށޭ އެކަންތައް ކުރިއަށް އެބަދެއޭ. އެންމެ ފަހުން މެންބަރު ހަބީބު މިއަދު ގުޅުއްވާފައި ވާހަކަދައްކަވަމުން ވިދާޅުވީ ހުއްދަ ނުދީގެން އުޅެނީ އުސޫލީ މައްސަލައެއް ނުނޭ، ޒާތީ މައްސަލައެކޭ އެއުޅެނީ. މިހެންވީމަ ދެން ފަސް މެންބަރުން ކޮމެޓީގައި ޖަވާބުދާރީ ކުރުވާނަން.'' އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން އަބްދުއްރަހީމް ވަނީ، މީހަކު މީޑިއާގައި ދައްކާ ވާހަކައަކުން އެމީހަކާ މެދު ޒާތީވެ، އެކަމަށް ރައްދުދޭ ބޭފުޅުން ޒިންމާދާރު މަގާމުތަކުގައި ނުތިއްބެވުމަށްވެސް ގޮވާލައްވައިފައެވެ.