އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ރާއްޖެ ޓީވީން އަދުރޭއާ ދެކޮޅަށް ދައުވާކޮށްފި

ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ރާއްޖެ ޓީވީން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ކަމުގެ ތުހުމަތުގައި ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި ނޫސްވެރިޔާ މުހައްމަދު ވިސާމް ހައްޔަރުކުރުމާ ގުޅޭގޮތުން އަދުރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން އަބުރުގެ ދައުވާކޮށްދިނުމަށް އެދި ރާއްޖެ ޓީވީން މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ އަދުރޭގެ އަތުން ބަދަލުގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރީ މާޗު މަހު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ޓީވީއާއި އެ ސްޓޭޝަންގެ ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ ސްޓޭޝަންގެ އަގު ވައްޓާލާފައިވާތީ ކަމަށެވެ.

ނިޝާން ވިދާޅުވީ ފުލުހުންނަށް އިންޒާރު ދީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކީ ރާއްޖެ ޓީވީން ހެދި އެއްޗެއް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވި ކަމަށާއި އެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ އިރުކޮޅެއްގެ ތެރޭގައި އާމިރާއި ވިސާމް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަދުރޭ ދެއްކެވި ވާހަކަތަކުގެ ސަބަބުން ރާއްޖެ ޓީވީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އާމިރާއި ވިސާމްގެ އަބުރަށް އަރައިގެންފައިވާތީ ބަދަލު ހޯދަން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.