ގާސިމް އިބްރާހިމް

ގާސިމް އިބްރާހީމް ޕީޕީއެމްގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައިފި

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. ޕީޕީއެމްގެ މެންބަރުންނާ މިއަދު ބައްދަލުކުރެއްވި އިރު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކުގައި މަސައްކަތްކުރާން ތައްޔާރަށް ތިބި ކޮންމެ ބަޔަކާ އެކު ވެސް ކުރިޔަށް ދާން ޖޭޕީ ތައްޔާރު ވެއްޖެ ކަމަށް ގާސިމް އިބްރާހީމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެ ބައްދަލުވުމުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ބައްދަލުވުމުގައި އާމިރުއާ އެކު ޖުމުލަ 15 މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރަސްމީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ކުރިއަށް ގެންދުމުގައި މިނިވަން މުއައްސާތަކުގެ ފަރާތުން ދިމާވާ ޗެލެންޖް ތަކާއި، އިލެކްޝަން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތުން ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ޕީޕީއެމުން ވަކިވެވަޑަގެން އެ ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އިސްވެ ތިއްބަވައިގެން އުފައްދަވަން މަސަކަތް ކުރައްވާ، ޕީޕަލްސް ނެޝަނަލްސް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިމަތިކުރާ ދަތިތަކާބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ.

ނިހާން ވިދާޅުވީ މިއީ ދެބައިމީހުން ގުޅިގެން ކުރިއަށް ދިއުމުގެ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މީގެ އިތުރު ބައްދަލުވުންތައް ބޭއްވިގެންދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟