މުނިފޫހިފިލުވުން

އޮސްކާގެ އެންމެ ގިނަ ނޯމިނޭޝަންތައް "ރޯމާ" އާއި "ދަ ފޭވަރިޓް"އަށް!

އަހުމަދު ޖައިޝަން

ފިލްމު އިންޑަސްޓްރީގައި ދޭ އެންމެ ބޮޑު އެވޯޑް ކަމަށްވާ އޮސްކާ ނުވަތަ އެކެޑެމީ އެވޯޑްސްގައި މިފަހަރު އެންމެ ގިނަ ނޯމިނޭޝަންތައް، ނެޓްފްލިކްސްގެ "ރޯމާ" އަދި "ދަ ފޭވަރިޓް"އަށް ލިބިއްޖެ އެވެ.

ނުވަދިހަ އެއްވަނަ އެކެޑެމީ އެވޯޑްސްގެ ނޯމިނޭޝަންތައް ވަނީ އިއްޔެ އިއުލާނުކޮށްފައެވެ. އެގޮތުން ރޯމާ އާއި ދަ ފޭވަރިޓް ވަނީ 10 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އެ ދެ ފިލްމަކީވެސް ކުރީގެ ދިރިއުޅުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕީރިއަޑް ޑްރެމެޑީއެކެވެ. އެއީ ޑްރާމާ ކޮމެޑީ އެވެ.

އަލްފޮންސޯ ކޫޣޯން ޑައިރެކްޓުކުރި ރޯމާ އަކީ 70ގެ އަހަރުތަކުގައި މެކްސިކޯގެ މެދު ފަންތީގެ އާއިލެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

އަށާރަވަނަ ގަރުނަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދަ ފޭވަރިޓް އަކީ ރާނީންގެ މެދުގައި ހިނގާ ތަޅާފޮޅުންގަނޑެއް ކޮމެޑީ ޑްރާމާއެއްގެ ގޮތުގައި ދައްކުވައިދޭ ފިލްމެކެވެ.

އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އެންމެ މޮޅު ފިލްމުގެ އެވޯޑަށް އެ ދެ ފިލްމުވެސް ވަނީ ނޯމިނޭޓް ވެފައެވެ. އެ ކެޓަގަރީގައި "ބްލެކް ޕެންތާ" އާއި "ބޮހީމިއަން ރެޕްސޮޑީ" އާއި "ބްލެކްލެންސްމެން" އާއި "ގްރީން ބުކް" އާއި "އަ ސްޓާ އިޒް ބޯން"ގެ އިތުރުން "ވައިސް" ވަނީ ހިމެނިފައެވެ.

އެންމެ މޮޅު ފިލްމުގެ ކެޓަގަރީގައި މާވެލްގެ ބްލެކް ޕެންތާ ހިމެނުމުން އެ ފިލްމު ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ. އެއީ މިހާތަނަށް އޮސްކާ އެވޯޑްސްގައި އެއްވެސް ސުޕަހީރޯ ފިލްމެއް އެފަދަ އެވޯޑެއްގައި ހިމެނިފައި ނުވުމުންނެވެ.

މިއަހަރުގެ އޮސްކާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 24 ގައެވެ.