އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 79

އަބްދުﷲ ފާރޫގް ހަސަން

3

(15 އޭޕްރީލްގެ އަދަދާ ގުޅޭ)

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވެދާނެ. ޖިހާދުގައި ބައިވެރިވުމުގެ ޝައުޤު އަޅުގަނޑު މާގިނަދުވަހަކު ތަންމަތީގައި އޮތުމުގެ ހުއްދައެއް ނުދޭނެ."

ކުއްލިޔަކަށް ވަރަށްބާރު ވައިރޯޅިޔެއް އަތުވެއްޖެއެވެ. ބަޑިޔެއްގެ އަޑުކަހަލަ އަޑަކާއެކު ދޮރުފަތުގެ ދެފަޅި އެއްފަހަރާ ހުޅުވިއްޖެއެވެ. أميــر يـوسف ބޭރު ބައްލަވައިލެއްވިއިރު ޖައްވު ދިޔައީ ބަނަވަމުންނެވެ. ކަޅުވަމުންނެވެ.

އެތާނގައި އިންނެވި ފަޤީހެއް ވިދާޅުވިއެވެ. "ހީވާގޮތުން މި ޠޫފާން ވަރަށް ނުރައްކާތެރި. ޤުދުރަތުން އެދިވޮޑިގަންނަވަނީ މަނިކުފާނު ދަތުރުފުޅު ލަސްކޮށްލައްވަން ކަމުގައިވެދާނެ!"

أميــر يـوسف ވިދާޅުވިއެވެ. "ޤުދުރަތުން އަޅުގަނޑު އިމްތިހާނު ކުރައްވަނީ ކަމުގައިވެސް ވެދާނެ!"

ޖައްވުގެ އަނދިރިކަން ދިޔައީ ގަދަވަމުންނެވެ. ޠޫފާނުގެ ވައި ހައްތާވެސް ދިޔައީ ބާރުވަމުންނެވެ. ޢަސްކަރީ އޮފިސަރެއް ވަރަށް ބާރަށް ދުވެފައި އައިސް އެތެރެޔަށް ވަދެއްޖެއެވެ. އޭނާ ބުންޏެވެ. "يـاأميــر! އަޅުގަނޑު މިއައީ أميــرالبحـر سيـر بن أبى بـكـر ފޮނުއްވައިގެން. ޠޫފާން ވަރަށް ވަރުގަދަ. މަނިކުފާނު ހުއްދަ ދެއްވައިފިނަމަ ނައުފަހަރުން އަސްތަކާއި ފޯރުމާލާއި އެހެންވެސް ތަކެތި ބާލަންވެގެން."

"ނޫން. އޭނާގެ އަރިހުގައި ދަންނަވާ ޚުދު އަހަރެން އެބަދަމޭ!"

އޮފިސަރު ވަރަށް ބާރަށް ބޭރަށް ނުކުމެއްޖެއެވެ. أميــر يـوسف އޭނާގެ ދަރިކަލުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭރު އޭނާ ދެވަނަފަހަރަށް ހޭފުޅު ނެތެނީއެވެ. أميــر يـوسف ދަރިކަލުންގެ ނިތްކުރިފުޅުގައި އަތްޕުޅު ފިރުންމައިލެއްވުމަށްފަހު ވިދާޅުވިއެވެ. "ދަރިފުޅާ! ބައްޕަ ދަނީ!"

ދަރިކަލުން ލޯފުޅު ހުޅުއްވައިލައްވައިފިއެވެ. ބައްޕާފުޅުގެ އަތްތިލަފުޅުގައި ހިފަހައްޓަވައިފައި ވިދާޅުވިއެވެ. "ބައްޕާފުޅާ! މާތް اللّـه ބައްޕާފުޅު ރައްކާތެރި ކުރައްވާށި! ފަތަޙަ ދެއްވާށި!"

"މާތް اللّـه ދަރިފުޅު ރައްކާތެރި ކުރައްވާށި!" أميـر يـوسف އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ބަނދަރުގައިހުރި ނައުފަހަރު ހުރީ ވަރުގަދަ ރާޅުތަކުގެ ހުޅިމަތީގައި ބޮނބިއޮޑިތަކެއްހެން ނަށަނަށައެވެ. ފަޅުވެރީން އުޅެއުޅެތިބީ ނައުފަހަރުގެ ރިޔާތައް ތިރިކުރުމުގެ މަސައްކަތުގައި ހޭބޯނާރައެވެ.
أميـر يـوسف ފެނިވަޑައިގެންނެވުމާއެކު ޢަސްކަރީ އޮފިސަރުންނާއި ދަންނަބޭކަލުންނާއި ޤަބީލާތަކުގެ ޝައިޚުންގެ ޖަމާޢަތެއް އަރިހަށް ޖަމާވެވަޑައިގެންފިއެވެ.

ފަޤީހުންކުރެ އެއްބޭކަލެއް أميــر يـوسف ގެ އަރިހަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "މަނިކުފާނު ޠޫފާނުގެ ބާރު ކުޑަވެލަންދެން މަޑުކުރެއްވި ކަމުގައިވިޔަސް އެއީ މައްސަލައެއް ނޫން."

أميـر يـوسف ދެތިން ފިޔަވަޅެއް ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "އަންދަލުސުގެ މުސްލިމުން ޙިމާޔަތްކުރަން ޤުދުރަތުން އަޅުގަނޑު އިންތިޚާބު ކުރައްވައިފައިވާނަމަ މި ޠޫފާނަކަށް އަޅުގަނޑުގެ މަގަކަށް ހުރަހެއް ނޭޅޭނެ. ކުރީން އަޅުގަނޑު ގަސްދުކޮށްގެންހުރީ ސިފައިންނާއި ހަތިޔާރާއި އެނޫންވެސް ފޯރުމާލު ގެންދާ ނައުފަހަރު ފުރުވައިލުމަށްފަހު އެންމެފަހު ނަވުން ދާންކަމަށް. އެކަމަކު މިހާރު އެންމެ ކުރިޔަށް އިންނާނީ އަޅުގަނޑު ދަތުރުކުމާ ނައު!"

ބާރު ވައިރޯޅިއާއެކު ވިއްސަމުންދާ ލޮނުގެ ސަބަބުން أميـر يـوسف ގެ ހެދުންކޮޅު ދިޔައީ ތެމިފޯވަމުންނެވެ. ކުއްލިޔަކަށް އައްސޭރިޔާ ތަންކޮޅެއް ދުރުން ކަނޑުގެ ސަތުޙު ފާރެއްހެން އުފުލިއްޖެއެވެ. ވަރަށް ނުރައްކާތެރި ބިޔަ ރާޅެއް ނަގާން ފަށައިފިއެވެ.

سيـر بن أبى بـكـر ކަނޑާ ދިމާޔަށް އިޝާރަތްކުރައްވައިފައި ހަޅޭފުޅުލައްވައި ގެންނެވިއެވެ. "ބޭބޭފުޅު ފަހަތަށް ޖެހިވަޑައިގަންނަވާ! އެއަންނަނީ ވަރަށް ނުރައްކާތި ރާޅެއް!"

أميـر يـوسف ގެ ވަށަވަށައިގެން އެއްވެފައިތިބި މީހުންތައް ބިރުން އައްސޭރީގެ ތިރި ފަރުބަދަތަކާއި އުސް ހިލަހިލަތަކާ ދިމާއަށް ދުވާން ފަށައިފިއެވެ. ނަމަވެސް أميـر يـوسف އެހުންނެވިގޮތަށް ހުންނެވިއެވެ. سيـر بن أبى بـكـر އޭނާގެ އަތްޕުޅުގައި ހިއްޕަވައި ފަހަތަށް ގެންދެވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް أميـر يـوسف ގުޑައިވެސް ނުލެއްވިއެވެ. ޖަހައިފައިހުރި ހިލައެއްހެން ސާބިތުވެވަޑައިގެން ހުންނެވިއެވެ. އޭނާގެ މޫނުފުޅުމަތީގައިހުރީ ހިތްގައިމު ހިނިތުންވެވަޑައިގެންނެވުމެކެވެ. އެބިޔަ ރާޅު އައިގޮތަށްއައިސް އައްސޭރިއަށް ބިންދައިލައިފިއެވެ. ކުދި ފަރުބަދަތަކާއި އުސް ހިލަތައްވެސް ބަނޑުދޮށުލަމުން އެއްގަމަށް އަރާން ފަށައިފިއެވެ. أميـر يـوسف މިހާރު އެހުންނެވީ މޭކަށިފުޅާ ހަމަޔަށް ލޮނުގަނޑުގެ ތެރޭގައެވެ. އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "سيـر! އަޅުގަނޑުމެން މިނުކުންނަނީ رحـيــم ވަންތަ غـفــور ވަންތަ މާތް اللّـه ރުހިވޮޑިގެންނުވާ ނިޔަތެއްގައި ކަމުގައިވާނަމަ އެކަލާނގެ އަޅުގަނޑު މިރާޅުގެ ބަނޑުދަށު ލެއްވުންއެދި ދުޢާކުރަން! އަޅުގަނޑުމެންގެ މަޤުޞަދަކީ އެކަލާނގެ ރުހިވޮޑިގެންވާ މާތް މަޤުޞަދެއް ކަމުގައިވާނަމަ އަޅުގަނޑު މި ޠޫފާނު ދެކެ ޖެހިލުންވެގެން ފަހަތަށް ޖެހުމުގެ ބަދަލުގައި ތަރުޖީހުދޭނީ މިއީ ރަޙުމަތެއް ކަމުގައި ބަލައިގެން ކުރިޔަށްދާން."

އެ ނުރައްކާތެރި ބިރުވެރި ރާޅު މުޖާހިދުގެ ގުބާކޮޅުގައި ބޮސްދިނުމަށްފަހު ފަހަތަށް ދެމިގެންފިއެވެ. މަޑުމަޑުން ޖައްވު ހިމޭންވާން ފަށައިފިއެވެ. އުދަރެހާއި އުޑުމަތި އަލިވާން ފަށައިފިއެވެ. سيـر بن أبى بـكـر އޭނާގެ أميـر ގެ ވަރުގަދަ ޢަޒުމުފުޅާއި ސާބިތުކަން ދެކެވަޑައިގެން ހިނިފުޅު ވަޑުވައިލެއްވިއެވެ. އޭނާގެ ސިފައިންނަށް އަމުރުކުރެއްވިއެވެ. "މުޖާހިދުންނޭ! ނައުފަހަރުގެ ނަގިލި ނަގާ! ރިޔާތައް ކޮށައިލާ! އަހަރެމެންގެ މަންޒިލަކީ ޖަޒީރަތުލްޚަޟުރާއު!"

ދީނުގެ ޢިލްމުވެރިޔެއް ކުރިޔަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "يـاأميــر! މަނިކުފާނަށް ފަތަޙައިގެ މުބާރިކުބާދީ ދަންނަވަން. މިރާޅު މިނެގީ މަނިކުފާނާ އިސްތިޤުބާލުކުރަން!"

* * * * * * * * * * *

ހުކުރުވިލޭރޭގެ ފަތިސްދަންމަތިވެގެން އައިއިރު سعد އާއި ميـمــونـة އާ ދެބޭފުޅުން ތިއްބެވީ ކަނޑުގެ އައްސޭރީގައިހުރި ދެބުރި ގެއެއްގެ ހާމަ ފުރާޅުމަތީގައެވެ. އެގެއާ ކައިރީގައި އުސް ހިލަގަނޑެއްގެ މަތީގައި ދުރަށް އަލިދައްކަން ވަރަށްބޮޑު އަލިފާންގަނޑެއް އަންދައިފައި ހުއްޓެވެ. އަނެއްފަރާތުގައިހުރި ކުޑަކުޑަ ކިއްލާއެއްގެ ފާރުމަތީގައި ފާރަވެރީން ދަންމަރު ހިފައިގެން ތިއްބެވެ. سعد އިރުމަތީފަރާތުގެ އުދަރެހަށް އިޝާރަތް ކޮށްލައްވައިފައި ވިދާޅުވިއެވެ. "ميـمــونـة! ބައްލަވާ ފަޖުރު ތަރި އަރާން އުޅެނީ!"

ميـمــونـة ވިދާޅުވިއެވެ. "ކަލާއަށް ޔަގީންފުޅުތޯ މިއަދު އޭނާ ވަޑައިގަންނަވާނެކަން؟"

"އަޅުގަނޑަށް ޔަގީން."

އިރުކޮޅެއްވަންދެން ކަނޑާ ދިމާޔަށް ބައްލަވަން ތިއްބަވައިފައި ދެބޭފުޅުން ވަޑައިގެން ފަތިސްނަމާދު ކުރައްވައިފިއެވެ. އަނެއްކާވެސް ފުރާޅުމައްޗަށް އަރައިވަޑައިގެން އުދަރެހާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ފަތިހުގެ އަލިކަން ގަދަވާން ފެށުމާއެކު ތަރިތައް ފިލާންފަށައިފިއެވެ. ފަތިހުގެ ރަތްވިލާގެ ތެރެއިން އިރުގެ އަލިމޫނު ދައްކައިލައިފިއެވެ. ކަނޑުގެ ލޮނުގަނޑުމަތީގައި އަލިކަމުގެ ރަން ސާލެއް ފެތުރިއްޖެއެވެ. ميـمــونـة ތިރި ބައްލަވައިލެއްވިއިރު ކަނޑުގެ އައްސޭރީގައި އެތައްހާސްބަޔަކު أميـر يـوسف ވަޑައިގަންނަވާ ނަވުގެ ރިޔާކަންވޭތޯ ކަޅިޖަހައިނުލައި އުދަރެހާ ދިމާޔަށް ބަލަހައްޓައިގެން ތިއްބެވެ.

"ميـمــونـة! ميـمــونـة!" سعد އުދަރެހާ ދިމާޔަށް އިޝާރަތް ކޮށްލައްވައިފައި ހަޅޭފުޅުލައްވައިގެންނެވިއެވެ. "އޭނާ ވަޑައިގެންފި! އަންދަލުސު ސަލާމަތްކޮށްދެއްވަން ޤުދުރަތުން ޚިޔާރުކުރެއްވި ބަޠަލު ވަޑައިގެންފި— މިދިމާޔަށް ބައްލަވާ!"

ހިތްފަސޭހަ ވައިރޯޅިއެއް އައިސް ميـمــونـة ގެ ރީތި އިސްތަށިފުޅުތައް އޭނާގެ މޫނުފުޅުމައްޗަށް ވިހުރުވައިލައިފިއެވެ. ميـمــونـة އަވަސްއަވަހަށް އިސްތަށިފުޅު ރީތިކޮށްލައްވަމުން ވިދާޅުވިއެވެ. "ކޮބައިތޯ؟ ކޮބައިތޯ؟"

"ميـمــونـة މިދިމާޔަށް ބައްލަވާ! ސީދާ އަޅުގަނޑުގެ އިނގިލިކުރިޔާ ދިމާޔަށް ބައްލަވާ!"

ކިރިޔަކިރިޔާ ރޭކާލާހައި ދުރުން ميـمــونـة އަށް ނަވެއްގެ ރިޔާތަކުގެ ލިސާން ފެނިވަޑައިގެންފިއެވެ. سعد ގެ ހަށިކޮޅުގައި ހޭފުޅުވެސް ނެތްކަހަލައެވެ. އޭނާ ހަޅޭފުޅު ލައްވަވަނީއެވެ. "ميـمــونـة! ބާރަށް ހިނިފުޅުވަޑުވާ! އަންދަލުސަކީ މިއަދު ކަލާގެ ވަޒަން. ކަލާގެ އުޚުތުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ. އެއުރެންގެ ޢިއްޒަތާއި ޢިޞްމަތް ރައްކާތެރިކޮށްދެއްވާ އެހީތެރިޔާ ވަޑައިގެންފި. ދެނެއް އެކަކަށްވެސް އަނެކެއްގެ ޢިއްޒަތާއި އަބުރު ވިއްކައެއް ނުލެވޭނެ. މިއަދުން ފެށިގެން އަންދަލުސުގައި އިންސާނިއްޔަތުގެ އައު އުފަންވުމެއް އުފަންވާނެ!"

ميـمــونـة އިންނެވީ އެސްފިޔަފުޅުވެސް ޖައްސަވައި ނުލައްވައި އުދަރެހާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. "ميـمــونـة އަޅުގަނޑު މިދަނީ އޭނާއާ އިސްތިޤުބާލުކުރަން." سعد މިހެން ވިދާޅުވެފައި ވަރަށް ހަލުއިކޮށް ސިޑީން ފައިބައިވަޑައިގެންފިއެވެ. އެއްވެފައިތިބި މީހުންތަކާ ދިމާޔަށް ވަރަށް ބާރަށް ދުވެވަޑައިގެންފައި ވަޑައިގެންފިއެވެ. "އޭނާ ވަޑައިގެންފި! އޭނާ ވަޑައިގެންފި!" سعد ތިރި ފަރުބަދަޔަކަށް އަރައިވަޑައިގަންނަވަމުން ބާރު އަޑުފުޅުން ވިދާޅުވިއެވެ.

އުމުރުފުޅުން ދުވަސްފުޅުވީ މުސްކުޅިފުޅު ބޭކަލެއް މެންދަމުއްސުރެ އެފަރުބަދަމަތީގައި އިންނެވިއެވެ. މުރާބިޠީންގެ ނައުފަހަރު އަދިވެސްހުރީ އެކަލޭގެފާނުގެ ބަލިކަށިފުޅު ނަޒަރު ފޯރާވަރަށްވުރެ މާދުރުގައެވެ. ނަމަވެސް سعد ގެ އަޑުފުޅު އިވިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ސަޖިދަޔަށް ތިރިވެވަޑައިގެންފިއެވެ. އެއީ قـاضى أبـو جـعـفـر އެވެ. އެކަލޭގެފާނު ސަޖިދައިން އިސްތަށިފުޅު އުފުއްލަވައިލެއްވިއިރު މުޅި މޫނުފުޅުހުރީ ކަރުނަފޮދުން ތެމިފޯވެފައެވެ. سعد އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައި ހިފަހައްޓަވައި އެހީތެރިވެވަޑައިގެންދެއްވަމުން ވިދާޅުވިއެވެ. "އޭނާ މިއަދު ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އޮތް!"

* * * * * * * * * * *

ޖަޒީރަތުލްޚަޟުރާއު ދިހަވަރަކަށް ދުވަސް ވަންދެން ވެފައިއޮތީ އަންދަލުސުގެ މުސްލިމުންގެ ސަމާލުކަން އެންމެބޮޑަށް ހުއްޓިފައިވާ މަރުކަޒު ކަމުގައެވެ. އެމުއްދަތުގެ ތެރޭގައި މުރާބިޠީންގެ ސިފައިންގެ ބާރަހާސް މީހުން ވަނީ އެރަށަށް އައިސްފައެވެ. އެބައިމީހުންގެ އަސްތަކާއި ހަތިޔާރާއި ސިފައިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ޢަސްކަރީ ފޯރުމާލު މުރާކިޝުން ވަރަށްގިނަ އަދަދަކަށްވަނީ ގެނެސްފައެވެ. ޖަޒީރަތުލްޙަޟުރާއުގެ ކަމުވޮށީން أميـر يـوسف އެރަށުގެ ގަވަރުނަރުގެ ގަނޑުވަރުގައި ހުންނަވަން ތަކުރާރު ކުރައްވައި އެދިވަޑައިގެންނެވިއެވެ. ނަމަވެސް أميــر يـوسف ހުންނަވަން ނިންމެވީ ހާމަ މައިދާނެއްގައިހުރި ފޭލިގެއެއްގައެވެ. އެމަނިކުފާނުގެ ސިފައިންނާ އެކުގައެވެ. މުލޫކުއްޠަވާއިފުންގެ ސަފީރުންނާއި ޢިލްމުވެރީންނާއި ޖިހާދުގައި ބައިވެރިވާން އަންނަ އެތައްބަޔަކު ބައިބަޔަށް އޭނާގެ އަރިހަށް އަންނަމުން ދިޔައެވެ. މުލޫކުއްޠަވާއިފުންގެ މަންދޫބުންނަށް އެހެންމީހުނާ ވަކީން أميـر يـوسف ގެ ފައިންޕުޅު ފެނިވަޑައިގެންނެވުމުގެ ނަސީބު ލިބިވަޑައިގެންފިނަމަ އެއްބޭފުޅެއްގެ މަންދޫބުން އަނެއްބޭފުޅަކާ ދެކޮޅަށް ޝަކުވާގެ ދަފުތަރުތައް ހުޅުވައިލައްވައެވެ. أميــر يـوسف އެފަދަ ބޭފުޅުންގެ ދޫފުޅުތައް ބަންދުކުރައްވަން ވިދާޅުވެއެވެ. "އަޅުގަނޑު މިއައީ މިތާނގެ ވެރީންގެ އަރައިރުންތައް ހަމަޖައްސާކަށެއް ނޫން! ހަނގުރާމަޔާ ބެހޭގޮތުން އެއްވެސް މަޝްވަރާއަކާއިގެން ވަޑައިގެންނެވި ކަމުގައިވާނަމަ އަޅުގަނޑު މިހިރީ އަޑުއަހާން ތައްޔާރަށް! ތިޔަބޭފުޅުންގެ ރަސްރަސްކަލުންގެ ނިޔަތް ރަނގަޅުފުޅުކަން ނުވަތަ ނޫންކަން އަޖުމަ ބެލޭނެ ދުވަސްއޮތީ މާދުރަކު ނޫން. ދާދިއަވަހަށް ހަނގުރާމައިގެ މައިދާނުގައި ރަނާއި ސުވާސާއާ ވަކިވެ އެނގޭނެ." ރަސްރަސްކަލުންގެ މަންދޫބުން އަޅުއްވާ ވެދުމާ ބެހޭގޮތުން ވިދާޅުވެއެވެ. "ތިޔަ ތަކެތި ގެންދަވާ! އަޅުގަނޑުގެ ރުހުން ހޯއްދެވުމަށްޓަކައި އަޅުގަނޑަށް ހަދިޔާ ދެއްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެ. މާތް اللّـه އާއި އެކަލާނގެ ރަސޫލާއާމެދު ތިޔަބޭފުޅުންގެ أميـر ންގެ މުޢާމަލާ ރަނގަޅު ކަމުގައިވާނަމަ އަޅުގަނޑަކީ ގާތް މިތުރަކު ކަމުގައި ފެނިވަޑައިގަންނަވާނެ. އެބޭފުޅަކީ އިސްލާމްދީނާއި މުސްލިމުންގެ ބާޣީއެއް ކަމުގައިވާނަމަ މުޅިން ބިން ފުރައިލެވޭހައި ފައިސާ ދެއްވިކަމުގައިވިޔަސް އަޅުގަނޑު ރުއްސައެއް ނުލެއްވޭނެ!"

(ނުނިމޭ)