ބޮލީވުޑް

ސާރާ އާއި ޝުޝާންތް ޑޭޓް ކުރަނީތަ؟

ފިލްމު ކޭދަރްނާތުން މަގުބޫލުކަން ހޯދި ދެ އެކްޓަރުން ކަމަށްވާ ޝުޝާންތް ސިންގް ރާޖްޕުޓް އާއި ސާރާ އަލީ ޚާން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ކެދަރްނާތުގައި ދެ ތަރިން ކުޅުނު ރޯލަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އެއީ ސާރާގެ ފުރަތަމަ ފިލްމު ކަމުގައިވިއަސް އޭގެ ކުރިން ޝުޝާންތް ވަނީ އެހެން ފިލްމުތަކެއް ކުޅެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާރާ އާއި ޝުޝާންތްއާ ދެމެދު ގާތް ރަހްމަތްތެރިންނަށްވުރެ ގުޅުން ބޮޑެވެ. ނަމަވެސް ސާރާ ވަނީ ޗެޓް ޝޯއެއްގައި އޭނާގެ ކްރަޝް އަކީ ކާރްތިކް އާރްޔަން ކަމުގައި މީގެ ކުރިން ބުނެފައެވެ.

ޝުޝާންތްގެ 33 ވަނަ އުފަންދުވަހު ސާރާ ވަނީ ޝުޝާންތަށް ސަޕްރައިޒެއް ދީފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެ ގޮތުން އެ ސަޕްރައިޒް ދިނުމަށް ސާރާ ވަނީ ދެހްރާދުންގެ ދަތުރު ކުރުކޮށްފައި، ރޭގަނޑު ޝުޝާންތުގެ އެޕާޓްމަންޓަށް ކޭކެއް ހިފައިގެން ގޮސްފައެވެ. އަދި އޭގެ ފަހުން އެރޭ އެދަތަރިން އެކީގައި ކެއުމަކަށް ދިޔަކަމަށްވެސް ވެއެވެ.

ރިޕޯޓްތައް މިހެން ހުރި ނަމަވެސް މިއީ އަދި ތެދުކަމެއް ނޭނގެ އެވެ. ސާރާ އަދި ޝުޝާންތްގެ ފަރާތުންވެސް މީގެ ހަގީގަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝުޝާންތް މިދުވަސްވަރު އުޅެނީ އޭނާގެ ރިލީސްކުރަން އުޅޭ ފިލްމު "ސަންޗިރިޔާ" ގެ ޕްރޮމޯޝަން މަސައްކަތުގައެވެ. އެ ފިލްމުގައި ޝުޝާންތު އާއެކު ބަތަލާއަކަށް ހަރަކާތްތެރިވަނީ ބުމީ ޕެޑްނޭކަރުއެވެ.