ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި އެ ޕާޓީގެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ނިމިގެންދިޔަ މަހުގެ 28 ވަނަ ދުވަހު ޕީޕީއެމް އިން ހާއްސަ ގޮތުން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ވާތީ އީސީ އިން އެ ޖަލްސާގައި ނިންނި ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ނިމިގެންދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު ޕީޕީއެމް އިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިންތިހާބުކޮށްފައެވެ.
އޭގެ އިތުރުން ހަތަރު ނައިބު ރައީސުންނާއި ކައުންސިލަށް 30 މެންބަރުން އިންތިހާބުކޮށްފައިވެއެވެ. ކައުންސިލަށް އިންތިހާބުކުރި 30 މެންބަރުންގެ ތެރޭގައި ހިމެނެނީ އަންހެން ދިހަ މެންބަރުންނާއި އާންމު މެންބަރުންގެ ތެރެއިން 20 މެންބަރުންނެވެ.
އެ ކޮންގްރެސް ބޭއްވުމުގެ ފަހުން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަމުންދިޔައީ ކޮންގްރެސް ބާއްވާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ކޮންގްރެސް ބާތިލްކޮށްދިނުމަށް އެދި ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅައިފައެވެ.