ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ - 1
ވޯޓުގެ ނަތީޖާތައް އިއުލާންކުރަން ފަށައިފި.
އީސީން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ވޯޓު ލައިފި. މިހާތަނަށް 65.27 ޕަސެންޓް މީހުން ވޯޓުލައިފި. މިހާތަނަށް 178،280 މީހަކު ވަނީ ވޯޓުލާފައި.
523 މަރުކަޒެއްގެ ވޯޓުލުން ބަންދުކޮށް، 53 ފޮއްޓެއްގެ ވޯޓު ގުނުން މިހާރު ވަނީ ފަށާފައި.
އިންޑިއާގެ ޓްރިވެންޑްރަމްގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަންދުކޮށްފި. އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބަހައްޓާފައި ހުރި އެ ފޮއްޓަށް ވޯޓުލުމަށް 442 މީހުން ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް ވޯޓު ލާފައިވަނީ 90 މީހުން.
ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި. ނަމަވެސް ލަހުން ވޯޓުލުން ފެށި ބައެއް ފޮށިތަކުގައި ވޯޓުލުން އަދިވެސް ދަނީ ކުރިއަށް.
6 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. އެގޮތުން ރަށްރަށުގައި ބަހައްޓާފައިވާ ގިނަ ވޯޓު ފޮށިތަކެއް މިހާރު ވަނީ ބަންދުކޮށްފައި.
ސްޓޭޑިއަމް ޓެންޓުގައި ހުރި ފޮއްޓެއް 5 ޖެހުމުން ބަންދުކުރުމުން ބައެއް ފަރާތްތަކުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ އެކަން ހައްލުކުރުމަށް ފުލުހުންނާއެކު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް.
ހަވީރު 5 ޖެހުމާއެކު ކިޔޫތައް ބަންދުކުރަން ފަށައިފި.
ވޯޓުލާ މަރުކަޒުތަކުގައި ހަވީރު 6:00 ގައި ކިޔޫގައި މީހަކު ނެތްނަމަ، ވޯޓުލާ މަރުކަޒު ބަންދުކުުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި.
ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ އެންމެން ވޯޓުލައި ނިމުމުން ވޯޓު ފޮއްޓެއް ބަންދުކޮށްފި. އެނގިފައިވާ ގޮތުގައި އެ ފޮއްޓަކީ ރިސޯޓެއްގައި ބަހައްޓާފައިވާ ފޮއްޓެއް.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ އެ ވޯޓު ފޮއްޓެއް ބަންދުކުރާތާ 30 މިނެޓު ތެރޭގައި.
މި އިންތިހާބުގައި 713 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައި.
މިހާތަނަށް 138،000 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައި. މިހާތަނަށް ވޯޓުލާފައިވާ 138،444 މީހުންގެ ތެރޭގައި ހިމެނެނީ 71،305 ފިރިހެނުންނާއި 67،139 އަންހެނުން.
މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ.
މިހާތަނަށް 138،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި.
މިހާތަނަށް ވޯޓުލާފައިވާ 138،444 މީހުންގެ ތެރޭގައި ހިމެނެނީ 71،305 ފިރިހެނުންނާއި 67،139 އަންހެނުން.
މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ.
ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވޯޓު ލައްވައިފި.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ނުދިއުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.
ވޯޓު ލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވޯޓު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކަންކަން ހިންގުމުގައި ބައިވެރިވެވެނީ ވޯޓުގެ ޒަރިއްޔާއިން ކަމަށް. ވޯޓު ނުދިނުން އެއީ ހައްލެއް ނޫން ކަމަށާއި އޭގެން ނުކުންނާނެ އެއްވެސް ހައްލެއް ނެތް ކަމަށް. ކޮންމެވެސް އެއް ފަރާތަކަށް ވޯޓު ދިނުން އެއީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި ގައުމެއް ބިނާ ކުރުމުގައި ހިއްސާ ވެވޭނީ ވޯޓުގައި ބައިވެރިވެގެން ކަމަށްވެސް ވިދާޅުވި.
"ވޯޓު ނުދިނުމަކީ ހައްލެއް ނޫން. ގައުމު ބިނާކުރުމުގައި ހިއްސާއަކަށް ވެވޭނީ ވޯޓު ދީގެން. ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް،" ނަަޝީދު ވިދާޅުވި.
ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި މުޅި ރާއްޖޭގައި ވޯޓުލުމުގެ ކަންކަން ވަރަށް ސުލްހަވެރިކަމާއެކުގައި ކުރިއަށްދާ ކަމަށް. އަދި މާލޭގައިވެސް ވަރަށް ރަނގަޅަށް ވޯޓުގެ ކަންކަން ހިނގަމުން އަންނަ ކަމަށް ވިދާޅުވި.
ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ދައްކާގޮތުން އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށާއި އުންމީދުކުރި ގޮތަށް ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ގިނަ ކައުންސިލްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށް.
"މިއަދު މެންދުރާ ހަމައަށް އައި އިރުގައި އަޅުގަނޑުމެން އެމްޑީޕީއަށް ވަރަށް ބޮޑަށް ސާފު މި ޕާޓީގެ ފުރިހަމަ އަގުލަބިއްޔަތެއް ހުރިހާ ދާއިރާތަކެއްގައިވެސް ހުރިހާ ރަށު ކައުންސިލްތަކެއްގައިވެސް ލިބެމުން އެބަދޭ. ހާއްސަކޮށް ހަތަރު ސިޓީގެ މޭޔަރުކަންވެސް މާލޭގެ މޭޔަރުކަންވެސް އަދި އައްޑޫގެ މޭޔަރުކަންވެސް، އެއްވެސް ދައްޗެއް ނެތް އަޅުގަނޑުމެންގެ އެގްޒިޓް ޕޯލްތައް ވަރަށް ސާފުކޮށް އެބަފެނޭ،" ނަޝީދު ވިދާޅުވި.
އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ހަތަރު ސިޓީގެ މޭޔަރުގެ ގޮނޑިއާއެކު ޖުމުލަ 1000 ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށާއި އެކަން މިއަދުގެ 11 ޖެހިއިރު ވަރަށް ރަނގަޅަށް ސާފުވެގެން ގޮސްފައިވާ ކަމަށް.
އާންމުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ނުކުންނަ އަދަދު މަދު ކަމަށާއި ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ 70 ޕަސެންޓް ނުކުންނަ ކަމަށް. އެހެން ނަމަވެސް ލަފާ ކުރެވެނީ މިފަހަރު އެ އަދަދު ރަނގަޅުވާނެ ކަމަށް. އަދި އަންދާޒާ ކުރާ ގޮތުގައި މިހާރު ހުރިހާ ފޮއްޓަކަށްވެސް 400 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި.
އަމިއްލަ ގޮތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވޯޓު ލައްވައިފި.
އަލްހާން ވޯޓު ލެއްވުމާއެކު މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ބޭފުޅުން ވެސް މިވަނީ ވޯޓު ލައްވާފައި. އަލްހާންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު.
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ތޮއްޖެހިގެން ވޯޓުލާން ދާން މަޑުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި.
އެޗްއާރްސީއެމުން އެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު ވިދާޅުވީ ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި ވޯޓުލުން ފެށިފައިވާ ކަމަށް. އިލެކްޝަން ކޮމިޝަން (އީސީ) އިން ވޯޓުލުމުގެ ކަންކަމަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް. ނަމަވެސް ވޯޓުލާން ވަޑައިގެން މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި ބައެއް ފޮށިތަކުގައި ވޯޓްލާނެ ބަޔަކު ނެތުމުން ވޯޓުލުން ފެށިފައިނުވާ ކަމަށްވެސް ޝަފާތު ވިދާޅުވި.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް އެއީ ހުރިހާ ބޭފުޅުންވެސް ތޮއްޖެހިގެން ވޯޓުލުމަށް ކިޔުގައި ތިބުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ވޯޓުލާން ވަޑައިގެން އެކަންކަން ފުރިހަމަ ކުރުމަށް،" ޝިފާތު ވިދާޅުވި.
ޝިފާތު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެންމެން އެއް ގަޑިއެއްގައި ނުވަތަ އެއް ވަގުތެއްގައި ވޯޓުލާން ދިއުމަކީ، ބައްޔަށް އިތުރަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެހެންކަމުން އަވަހަށް ވަޑައިގެން ވޯޓުލުމުގެ ކަންކަން ނިންމުމަށް އެދޭ ކަމަށް.
އޭނާ ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑުގެ ދުވަސްވަރަކަށް ވާތީވެ، ރައްޔިތުންގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ބަލި ނުފެތުރޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އެދޭ ކަމަށް. އަދި ވިދާޅުވީ ބައެއް ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި ގައިދުރުކަމެއްނެތި އެއްވެގެން ތިބޭކަން ފާހަގަކުރެވިފައިވާ ކަމަށް. ނަމަވެސް ގިނަ ބޭފުޅުން ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޝިފާތު ވިދާޅުވި.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދު ވިދާޅުވީ މިހާތަނަށް އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ ފަސް މައްސަލައެއް ކަމަށް. އޭގެ ތެރެއިން ތިން މައްސަލައަކީ މިއަދުގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް ކަމަށާއި އެ މައްސަލަތައް ކޮމިޝަނުގައި މަޝްވަރާ ކުރެވި، މައްސަލަތަކާ މެދު ގޮތް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި.
މޫމިނާ ވިދާޅުވީ މިއަދު މާލެ ސިޓީންނާއި އައްޑޫ ސިޓީން ދެ މައްސަލައެއް ހުށަހެޅުނު ކަމަށާއި އެ ދެ މައްސަލަ ކޮމިޝަނުން ބަލައި، މަޝްވަރާ ކުރަމުންގެންދާ ކަމަށް. އަދި އެ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި.
ކަރަންޓީނުގައި ތިބި ފަރާތްތަކާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމުގެ ކަންކަން ކުރެވިފައިވަނީ ވަރަށް ފަހުގެ ވަގުތެއްގައި ކަމަށް ފާހަގަކުރައްވައި މޫމިނާ ވިދާޅުވީ އަދިވެސް އެކަމުގެ އެންމެ ފުރިހަމަ އިންތިޒާމުތައް ހަމަޖެއްސިފައިނުވާ ކަމަށް. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އީސީން އެކަންކަން އަވަހަށް ހަމަޖެއްސުމަށް އޭނާ ވަނީ އެދިވަޑައިގެންފައި.
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލައްވައިފި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. ރައީސް ނަޝީދު ވެސް އިލްތިމާސްކުރެއްވީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނުކުތުމަށް.
މަނީލައުންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވޯޓުލުމުގެ އިންތިޒާމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސާފައި ނުވާ ކަމަށް ޕީޕީއެމުން ބުނެފި.
ރައީސް ޔާމީން ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައި ނުވާ ކަމަށް އެކި މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައި. އަދި އެހެންކަމުން ޕީޕީއެމް ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ވޯޓު ގެއްލޭނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރްގްރެސިވް ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ވޯޓު ލެއްވުމުގެ އިންތިޒާމް ކަރެކްޝަނުން އަދި މިހާތަނަށް ހަމަޖައްސައިދީފައި ނުވާ ކަމަށް. ނަމަވެސް އެއީ ކޮންކަހަލަ އިންތިޒާމެއް ކަމެއް ވިދާޅެއް ނުވޭ.
"ރެޖިސްޓްރީ ކުރެއްވި ކަމެއް ނުކުރާ ކަމެއް އަޅުގަނޑުމެންނަކަށް ސާފެއް ނޫން. އަޅުގަނޑުމެންނަށް އެނގެނީ އެމަނިކުފާނު ވޯޓުލެއްވުމުގެ ކަންކަން ކަރެކްޝަންސް އިން ހަމަޖއްސާފައި ނުވާކަން." އޭނާ ވިދާޅުވި.
އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލާން ރެޖިސްޓްރީ ކޮށްފައިވާ ލިސްޓުގައި ރައީސް ޔާމީންގެ ނަމެއް ނެތް. ވޯޓުލުން ފަދަ ކަންކަމަށް ގައިދީން ގެނައުމަކީ ކަރެކްޝަނުން ކުރާ ކަމެއް ނޫން.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހުމަދު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލުތަކުގައިވެސް ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނޭ ކަމަށާއި ދުރާލައި ރެޖިސްޓްރީވުމަށް މުއްދަތު ދިން ކަމަށެވެ. އަދި ރެޖިސްޓްރީ ކުރުމާއި ނުކުރުން އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށްވެސް ވިދާޅުވި.
ޔުސްރީން ވިދާޅުވީ ވަކި ބޭފުޅަކަށް ވީމަ މާލެ ގެނެސް ވޯޓުލެވޭނެ އިންތިޒާމެއް އެއްވެސް އިރަކު ހަމަޖައްސާފައި ނުވާ ކަމަށާއި އެހެން އަމަލު ކުރަނީ ޖަލުތަކުގައިވެސް ވޯޓުފޮށި ބަހައްޓައިގެން އެއަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖއްސާފައިވުމުން ކަމަށް.
ރައީސް ޔާމީން ވޯޓުލުމަށް ރެޖިސްޓްރީ ކުރެއްވިތޯ ސުވާލު ކުރުމުން ވިދާޅުވީ ވަކި ބޭފުޅެއްގެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއްވެސް ފަރާތަކުން އެއްވެސް ކަމަކާ ގުޅިގެން ވޯޓުލުން ހުއްޓުވައެއް ނުލެވޭނެ ކަމަށާއި އެއީ ކުށެއް ކަމަށް. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، ޖިނާއީ ކުށެއްގެ ގޮތުގައި ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި.
"ވޯޓުލުމުގެ ހައްގަށް އަރައިގަތުމަކީ ގާނޫނީ ކުށެއް. އަޅުގަނޑުމެން އެކަމެއް ޖިނާއީ ކުށެއްގެ ގޮތުގައި ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅާނަން. އެފަދަ އެއްވެސް ޝަކުވާއެއް އޮތްނަމަ، އަޅުގަނޑުމެންނަށް ހުށަހަޅުއްވާ،" ޝަރީފް ވިދާޅުވި.
ޝަރީފް ވިދާޅުވީ ކުރީގެ އިންތިހާބުތަކުގެ މި ގަޑިއާ ހަމައަށް ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ވޯޓުލާފައިވަނީ ކުޑަ ނިސްބަތެއް ކަމަށާއި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް އިލްމާސްކުރާ ކަމަށް. އަދި މީހުން ނެތިގެން ވޯޓުލާން ނުފެށިފައިވާ ރަށްރަށުގައި ވެސް މިހާރު ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި.
ކ. ދިއްފުށީގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުންގެ 710 މީހުންގެ ތެރެއިން 510 މީހަކު އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި.
އެކަމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓީނުގައި ތިބި މީހުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން އެޑްވައިޒަރީ ކޮމިޓީއާ މަޝްވަރާކުރުމަށްފަހު ވަގުތު އިތުރުކޮށްދޭނެ ކަމަށް.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އީސީ ގުޅިގެން ނެރުނު އިންތިހާބާ ގުޅޭ އުސޫލުގައިވާ ގޮތުން އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް އެއް ގަޑިއިރު ހާއްސަކުރާނެ. އެއީ ހަވީރު 5:00 އިން 6:00 އަށް. ކަރަންޓީނުގައި ނެތް މީހުން ހަވީރު 5:00ގެ ކުރިން ވޯޓުލުމަށް ދާން ޖެހޭނެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މާލޭގެ މޭޔަރު ގޮނޑި ވެސް 60 ޕަސަންޓުން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ކާމިޔާބުކުރައްވާނެ ކަމަށް.
"އެމްޑީޕީއަށް މަޖިލީހުގެ އިންތިހާބަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރަން. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވޭނެ ކަމަށް. އެމްޑީޕީން މާލޭގެ މޭޔަރުގެ ގޮނޑި 60 ޕަސަންޓުން ކާމިޔާބުކުރެވޭނެކަމުގެ އުންމީދު އެބައޮތް،" ރައީސް ވިދާޅުވި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވޯޓު ލައްވައިފި.
ވޯޓުލެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝަރީފް އެދިވަޑައިގެންނެވީ ރައްކާތެރިކަމާއެކު ވޯޓުލުމަށް.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވޯޓުލައްވައިފި.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވޯޓު ލައްވައިފި. އެދިވަޑައިގެންނެވީ ވޯޓުލުމުގެ ހައްގު ބޭނުންކުރެއްވުމަށް.
ލ. ފޮނަދޫގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ 1620 މީހުންގެ ތެރެއިން މިހާތަނަށް 326 މީހަކު ވަނީ ވޯޓުލާފައި.
ބައެއް ރަށްރަށުގައި ވޯޓުލުން ނުފެށި ވަނީ ވޯޓުލާނެ ބަޔަކު ނެތިގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ.
އިންތިހާބުގައި ވޯޓުލުން ފަށާ ގަޑިއެއްގެ ގޮތުގައި ހެނދުނު 7:00 ކަނޑައަޅާފައިވީ ނަމަވެސް، ހެނދުނު 8:20 ވީއިރު 195 ފޮއްޓެއްގައި ވޯޓުލުން ފެށިފައި ނުވާ ކަމަށް އީސީން ވަނީ ބުނެފައި.
އީސީން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ވޯޓުލުން މިހާރު ކުރިއަށްދާ އިރު، ބައެއް ރަށްތަކުގައި އެކިއެކި ސަބަބުތަކާ ގުޅިގެން ވޯޓުލުން ލަސްވާނެ ކަމަށް. އަދި މިހާރު މޮނިޓަރިންގައިވާ ތ. ވިލުފުށީގައި ވޯޓުލުން ނުފެށި ލަސްވަނީ އޮފިޝަލުން ކަރަންޓީނުވާން ޖެހުމުގެ ސަބަބުން ކަމަށް އީސީން ވަނީ ބުނެފައި.
"ބައެއް ފޮށިތަކުގައި ވޯޓު ލާނެ ބަޔަކު ނެތިގެން ވޯޓު ލާން ނުފެށި،" ޝަރީފް ވިދާޅުވި.
މިހާތަނަށް 2700 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވީ ނަމަވެސް، ކިޔޫތަކުގައި މީހުން މަދުކަން ފާހަގަކުރެވޭ. ވޯޓުލުމުގެ އެންމެހާ ކަމެއް ކުރިއަށްގެންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތުގެ މަތިން ކަމަށް އީސީން ވަނީ ބުނެފައި.
ކަރަންޓީނު ނުވެ، ވޯޓުލާން ރަށްރަށަށް ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކަކަށް ސަމާލުކަން ދޭންޖެހޭ.
ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ލޯކަލް ކައުންސިލުތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައި. ގާނޫނަށް ގެނެވުނު އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ކައުންސިލުތަކުގެ 33 ޕަސަންޓް އަންހެނުން ހާއްސަކުރުން.
މާލޭގެ މޭޔަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު ވޯޓު ލައްވައިފި.
އެމްޑީޕީން ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ވަނީ މިއަދު ހެނދުނު ވޯޓު ލައްވާފައި.
އެ ދެ ބޭފުޅުންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ. އަލްހާން ވާދަކުރައްވަނީ އަމިއްލަގޮތުން.
713 ވޯޓު ފޮށީގެ ތެރެއިން 518 ވޯޓު ފޮއްޓަކަށް ވޯޓުލުން މިހާރު ވަނީ ފެށިފައި.
ގިނަ ވޯޓު ފޮށިތައް ކައިރީ ކިޔުތަކުގައި މީހުން މަދުކަން ފާހަގަކޮށްލެވޭ. 400 އަށްވުރެ ގިނަ މީހުން ވޯޓުލާން ޖެހޭ ބައެއް ފޮށިތަކަށް ވޯޓުލާފައިވަނީ 20 ވަރަކަށް މީހުން.
އެމްޑީޕީން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވޯޓު ލައްވައިފި.
އަނަސްގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ.
އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ހެނދުނު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ތ. ވިލުފުށީގެ ދެ ފޮށީގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް.
ވިލުފުށީގައި އީސީގެ އޮފިޝަލުން ކަރަންޓީނު ވާން ޖެހުމުގެ ސަބަބުން ވޯޓުލުން ފެށުމުގެ ގަޑި ލަސްކުރުމަށް އީސީން ކުރިން ނިންމި. އޭރު މާލެއިން އެރަށަށް އޮފިޝަލުން ފޮނުވުމަށް ނިންމި ނަމަވެސް ފަހުން މާލެއިން އޮފިޝަލުން ނުފޮނުވައި، އެރަށުން އޮފިޝަލުން ހޯދައި ވޯޓުލުން ފެށުމަށް ވަނީ ނިންމާފައި.
މިދުވަސްކޮޅު އަތޮޅުތެރެއިން ކޮވިޑުގެ ހާލަތު އެންމެ ގޯސް އަތޮޅަކީ ޅ. އަތޮޅު. ހާއްސަކޮށް ނައިފަރުން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވޭ.
ޝަރީފް ވިދާޅުވީ ޅ. ހިންނަވަރު އަދި އެ އަތޮޅު ނައިފަރުގައި ވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް.
713 ވޯޓު ފޮށީގެ ތެރެއިން 261 ވޯޓު ފޮއްޓަކަށް ވޯޓުލުން ފެށިގެން މިހާރު ދަނީ ކުރިއަށް.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން އެސްއެމްއެސް އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި.
އެސްއެމްއެސް މެދުވެރިކޮށް: VR (NIDNo) ޖެހުމަށްފަހު 1414
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން "ވަން"އަށް ވިދާޅުވެފައިވަނީ މި އިންތިހާބަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޮފިޝަލުން ހޯދުން ކަމަށާއި ނަމަވެސް އެކަން ވެސް ހައްލު ކުރެވިއްޖެ ކަމަށް.
އޮފިޝަލުން ހޯދުން އެއީ މިފަހަރު އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ޗެލެންޖު.އީސީގެ ރައީސް އަހުމަދު ޝަރީފް
ވޯޓުލާ ބައެއް މަރުކަޒުތަކުން ވޯޓުލުން އަދި ފެށިފައެއް ނުވޭ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ވިދާޅުވީ ވޯޓުލުން ފެށުން ލަސްވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ވޯޓުލުން ކުރިއަށްގެންދަންޖެހޭތީ ކަމަށް.
އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ރަށްރަށަށް ކަރަންޓީން ނުވެ، ވޯޓުލުމަށް ދަތުރުކުރެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހުއްދަދީފައި. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އެ ހުއްދަ ދީފައިވަނީ ހާއްސަ ފިޔަވަޅުތަކަކާއެކު.
ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ވޯޓުލުން ފެށިފައި.
އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށް. އޭގެ އިތުރުން ކަރަންޓީނު އަދި އައިސޮލޭޝަނުގައި ތިބޭ ފަރާތްތަކަށް ހަވީރު 5:00 އިން 6:00 އަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައި.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
އެންމެ ފުރަތަމަ މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، އެ އިންތިހާބު މި ބާއްވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބެވެ،
މި އިންތިހާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިގެންވެއެވެ.
މި އިންތިހާބުގައި 700 އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 7000 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.
ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި މިއަދު ހެނދުނު 7:00ގައި ވޯޓުލުން ފެށޭނެއެވެ. އެކި ސަބަބުތަކާ ގުޅިގެން ބައެއް ރަށްރަށުގައި ވޯޓުލުމުގެ ގަޑި ވަނީ ފަސްކޮޮށްފައެވެ.