އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމި ނިންމުން އެ ކޮމިޝަނުން ބާތިލްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން އެ 12 ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމަންދެނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހްމަދު އަކްރަމް "ވަން"އަށް ވިދާޅުވީ 12 މެންބަރުންގެ ގޮނޑިއާ މެދު އިތުރު ނިންމުމެއް މިއަދު ބޭއްވި ބައްދަލުވުމުގައި ނުނިންމާ ކަމަށާއި އިތުރަށް އެކަމާ ގުޅޭ ނިންމުމެއް އެ ކޮމިޝަނުން ދެން ނިންމާނީ ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެންބަރުން ސޮއިކުރައްވާ، އިދިކޮޅު ޕާޓީތަކާ ގުޅުމުން ސުޕްރީމް ކޯޓުން ވަނީ އިންތިހާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްހެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ކަނޑައަޅައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އޭގެ ފަހުން 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމައިފައެވެ.