މިނިސްޓަރު އިމްރާން އަބްދުﷲ

ޖަމިއްޔާތަކަށް ޚާއްސަކޮށްގެން ބާއްވާ "ހަވެލި ފޯރަމް" މިއަހަރުގެ މާޗު މަހު ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

މަދަނީ ޖަމިއްޔާތަކަށް ހާއްސަކޮށްގެން ބާއްވާ ''ހަވެލި ފޯރަމް'' މިއަހަރުގެ މާޗު މަހުގެ 16-17-18 ގައި ބާއްވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ ޖަމިއްޔާތަކަށް ހާއްސަަކޮށްގެން މިއަހަރުގެ މާޗު މަހު ބާއްވާ ފޯރަމް އޮންނާނީ ދަރުބާރުގޭގައި ކަމަށާއި އެ ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފޯރަމް ބާއްވަނީ ތިން މަގުސަދެއްގައެވެ. އޭގެ ތެރޭގައި ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް މަގު ފަހިކޮށްދިނުމާއި ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމާއި ހުރިހާ ޖަމުއިއްޔާތައް ގުޅުވާލަ ދޭނެ ނެޓްވޯކެއް ގާއިމް ކުރުމާއި އަދި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ ގުޅުވާލަދޭނެ ޕްލެޓްފޯމެއް ގާއިމު ކުރުން ހިމެނޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިފެއާގައި ބައިވެރިވުމަށް މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ފެއާގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ސްޓިއަރިންގް ކޮމިޓީގެ މެންބަރު މައީދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

މައީދު ވިދާޅުވީ ފެއާގައި ވީލް ޗެއާގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަ އިރު، އިވުމާއި ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށްވެސް ފެއާގައި ބައިވެރިވެވޭ ގޮތަށް ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށެވެ.

ފޯރަމެއްގެ ގޮތުގައި ކުރިއަށްދާ މިފެއާގައި ޖަމުއިއްޔާތަކުން ކުރާ މަސައްކަތްތައް ވިޔަފާރި ކުންފުނިތަކަށް ދައްކުވައިދީގެން މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކެއް ހަމަޖެއްސުން ވެސް މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށް މައީދު ވިދާޅުވިއެވެ.

ފޯރަމްގައި ބައިވެރިވުމަށް އާއްމުކޮށް ހުރިހާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ އިރު ކޮންމެ ޖަމިއްޔާއަކަށް ހިލޭ ސްޓޯލެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ސްޓޯލްގައި އެ ޖަމިއްޔާއިން ކުރާ މަސައްކަތްތައް ދައްކައިދޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފެއާގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ.