އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: އީގަލްސް 2-0 ތިމްޕޫ ސިޓީ (ފުލްޓައިމް)

08 Apr 03:59

މިއަދުގެ މެޗުގައި އީގަލްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް.

08 Apr 03:59

އީގަލްސްގެ ތާރީހުގައި އޭއެފްސީ ކަޕުގައި އެޓީމު ކުޅުނު ފުރަތަމަ މެޗު މިވަނީ ކާމިޔާބުކޮށްފައި. އެ ތާރީހީ މޮޅާއެކު ޕްރިލިމިނަރީ ބުރުގެ ދެވަނަ ރައުންޑުގައި އީގަލްސް ދެން ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު.

08 Apr 03:55

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މި މެޗު 2-0ގެ ނަތީޖާއަކުން މޮޅުވީ އީގަލްސް.

08 Apr 03:54

'+90 - އީގަލްސްއަށް ފުރުސަތެއް. އިމްރާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކުރޯ ފޮނުވާލި ބޯޅަ ދިޔައީ ތިމްޕޫ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

08 Apr 03:52

އީގަލްސްގެ އިތުރު ބަދަލެއް. ހަންނަގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ސަމާހް.

08 Apr 03:50

'+90 - އީގަލްސްގެ ބަދަލެއް. ނާއިމްގެ ބަދަލުގައި ކުޅެން ނުކުތީ ޝައިފުﷲ އިބްރާހިމް.

08 Apr 03:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

08 Apr 03:48

'89 - އީގަލްސް އިން ލީޑު ފުޅާކޮށްފި. އީގަލްސްއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނާއިމް.

08 Apr 03:38

'76 - ތިމްޕޫއަށް ހުސް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ޓެންޒިން ނޯބޫ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އީގަލްސް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް. އެ ކޯނަރުން ނެގި ބޯޅަ ނޯބޫއަށް ލިބުނީ އީގަލްސް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި.

08 Apr 03:36

'75 - އީގަލްސް އިން ބަދަލެއް. އުސާމާގެ ބަދަލުގައި ކުޅެން ނުކުތީ އަސްހަދު އަލީ (އަޑުބަރޭ).

08 Apr 03:32

'73 - ހަންނަ ދިން ބޯޅަ، ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އީގަލްސްގެ ނާއިމްއަށް ލިބުމުގެ ކުރިން ކީޕަރު އެންގަވަންގް ކުރިއަށް ނުކުމެ ހޯދައިފި.

08 Apr 03:28

'67 - އީގަލްސް ކީޕަރު ތަހާގެ މޮޅު ސޭވްއެއް. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ތިމްޕޫގެ ޔެޝީ ޑޯޖީ ބޮލުން ފޮނުވާލި ބާރު ހަމަލާ، ކީޕަރު ތަހާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

08 Apr 03:26

'66 - އީގަލްސްއަށް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް. އުސާމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިމްރާން ފޮނުވާލި ހަމަލާ، ތިމްޕޫގެ ކީޕަރު އެންގަވަންގް ޖަމްޕެލް ވަނީ ދިފާއުކޮށްފައި. އިމްރާން ފޮނުވާލި އެ ބޯޅައިގައި ބާރެއް ނެތްކަން ފާހަގަކޮށްލެވޭ.

08 Apr 03:19

'60 - ތިމްޕޫގެ ބަދަލެއް. ޗެންޗޯގެ ބަދަލުގައި ކުޅެން ނުކުތީ ނިމާ ޝެރިންގް.

08 Apr 03:18

'59 - ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ހަންނަ ފޮނުވާލި ހަމަލާ ނޯބޫ ބްލޮކްކޮށްފި.

08 Apr 03:08

'49 - އީގަލަސްއަށް ރަނގަޅު ފުރުސަތެއް. ހަންނަ ދިން ބޯޅައަކުން ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ނާއިމް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

08 Apr 03:03

ދެވަނަ ހާފުގެ ކުޅުން ފަށައިފި.

08 Apr 02:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމުނު އިރު، 1-0ގެ ނަތީޖާއަކުން ކުރީގައި އޮތީ އީގަލްސް.

08 Apr 02:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

08 Apr 02:43

'41 - ތިމްޕޫއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން އޮރްގިޔެން ފޮނުވާލި ބާރު ހަމަލާ ދިޔައީ އީގަލްސްގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް. އޮރިގިޔެންއަށް އެ ބޯޅަ ލިބުނީ އީގަލްސްގެ ކީޕަރު ތަހާގެ ގޯހަކުން.

08 Apr 02:41

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރު އަދި ޕްލޭ އޯފްގައި މިފަހަރު ކުޅޭނީ އެއް ލެގު. މިއަދުގެ މެޗުން މޮޅުވާ ޓީމެއް ޕްރިލިމިނަރީ ބުރުގެ ދެވަނަ ރައުންޑުގައި ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް.

08 Apr 02:36

'34 - އީގަލްސްގެ ހާފުގެ ތެރެއިން އޮރްގިޔޭންއަށް ކުރޯ ކުރި ފައުލަކާ ގުޅިގެން ތިމްޕޫއަށް ހިލޭ ޖެހުމެއް. ނަމަވެސް ހިލޭ ޖެހުމުން ތިމްޕޫއަށް ނުރައްކާކުރެވޭ ގޮތެއް ނުވި.

08 Apr 02:34

'31 - އަރިމަތިން އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ތިމްޕޫގެ ދާވާ ނަގައިދިން ހުރަސް، ނުރައްކާވުމުގެ ކުރިން ކީޕަރު ތަހާ ހޯދައިފި.

08 Apr 02:31

ތިމްޕޫއަށް މެޗުގައި ރަނގަޅު ފުރުސަތެއް ލިބިފައި ނުވާ އިރު، އީގަލްސްގެ ލަނޑަށް ފަހު އެޓީމުގެ ފަރާތުން ވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވޭ.

08 Apr 02:18

މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ އީގަލްސް އިން. އީގަލްސް އިން ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ހުރަސްކުރަމުން ދިޔަ ނަމަވެސް، ތިމްޕޫގެ ޑިފެންޑަރުން ވަނީ ގިނަ ބޯޅަތައް ދިފާއުކޮށްފައި.

08 Apr 02:12

'9 - އީގަލްސް އިން ލީޑު ނަގައިފި. އީގަލްސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހަންނަ. މުހައްމަދު ނާއިމް ދިން ބޯޅަ، ތިމްޕޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަންނައަށް ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

08 Apr 02:11

ތިމްޕޫ ސިޓީގެ ފުރަތަމަ 11:

އެންގަވަންގް ޖަމްޕެލް - ގޯލްކީޕަރު
ޗޮކީ ވަންގްޗުކް
ޔެޝީ ޑޯޖީ
ކެންޗޯ ޓޮބްގޭ
އޯގްޔެން ވަންގްޗުކް ޝެރިންގް
ކިންގާ ރަބްގޭ
ލުންގްޓޮކް ޑަވާ
ޑަވާ ޝެރިންގް
ނިމާ ވަންގްޑީ
ޝެރިން ޑޯޖީ – ކެޕްޓަން
ޓެންޒިން ނޯބޫ

08 Apr 02:10

އީގަލްސްގެ ފުރަތަމަ 11:

މުހައްމަދު ތަހާ - ގޯލްކީޕަރު
އަހްމަދު ނޫމާން (ހެލްމެޓް)
ހުސައިން ސިފާއު ޔޫސުފް (ކުރޯ) – ކެޕްޓަން
އިމްރާން ނަޝީދު
އަބްދުﷲ ސަމީހު މޫސާ
މުހައްމަދު ނާއިމް
ހިސާން ސަލީމް
މުހައްމަދު އޮސާމާ އެލްޝިހީ
ހަސަން ރާއިފް އަހްމަދު (ހަންނަ)
އެލްސަޔެދް މަހްމޫދު އަބްދުލްފައްތާހް
ހައިޝަމް ހަސަން

08 Apr 02:03

މެޗުގެ ކުޅުން ފަށައިފި.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!

މިއަދުގެ މެޗަށް ދެޓީމު ނުކުންނަ އިރު:

  • މިއީ އީގަލްސް އިން އޭއެފްސީ ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރު.
  • ތިމްޕޫ ސިޓީން މީގެ ކުރިން ރާއްޖޭގެ ކްލަބުތަކަކާ ދެކޮޅަށް މުބާރާތުގައި ނުކުތް ނަމަވެސް، ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ.
  • ތިމްޕޫ ސިޓީން ބަދަލު ހިފަން ބޭނުންވާ އިރު، އީގަލްސް އޮތީ ތާރީހީ މެޗުން މޮޅުވުމުގެ އަޒުމުގައި.