ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުން ޔާމީންގެ އަނބިކަނބަލުންގެ އޮފީހަށް ގިނަ އަދަދެއްގެ ފައިސާ ގެންދިޔަ

އިބްރާހިމް ޒަކީ

ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގައި، ނާޖާއިޒު ގޮތުގައި ކެންޕޭން އޮފީސްތަކަށާއި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ކެމްޕެއިން އޮފީހަށް ގިނަ އަދަދެއްގެ ފައިސާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ތިލަފުށީ ކޯޕްރޭޝަނާއި ގުޅީފަޅު އިންޑަސްޓްރިއަލް ލިމިޓެޑް އެއްކޮށްލައިގެން އުފައްދާފައިވާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ރާއްޖެެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ، އެ ކުންފުނީގައި ސިއްސައިގެންދާ ވަރަށް ކޮރަޕްޝަންގެ ކަންތައްތައް ހިނގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ތަފާތު އެކި ނަންނަމުގައި, ތަފާތު އެކި އެގްރިމެންޓްތައް ހަދައިގެން ކުންފުނީގެ ތެރޭގައި ވައްކަން ކޮށްފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ އެކުންފުންޏަކީ ބޮޑު އާމަދަނީއެއް ލިބޭ ކުންފުންޏަކަށް ވާތީ، ކުންފުނި ދަރަނިވެރިވެފައި ނުވި ނަމަވެސް ކުންފުނި ހިންގާފައި އޮތީ ވެސް ދުރުރާސްތާ ޕްލޭނަކުން ނޫން ކަމަށެވެ.

އަދި އެފަދަ ކުންފުންޏެއް މާކެޓް ކުރަން ނުޖެހޭ މިންވަރަށް މާކެޓް ކުރަން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި، އެކަމަށް މަހަކު އެތައް ލައްކައެއް ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް 140 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުންޏަށް ވައްދާފައިވާ ކަމަށާއި ބޭރުވާން ނުޖެހޭ އެތައް ހާސް ރުފިޔާއެއް، އިތުރަށް ނެގި މުވައްޒަފުންގެ ސަބަބުން ކުންފުނިން ބޭރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެޕޭސިޓީއަށްވުރެ ކުންފުނީގެ މުއައްޒަފުންގެ އަދަދު އިތުރު ކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުުމުގެ ބަދަލުގައި ކުންފުންޏަށް މަސައްކަތް އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނަ ވިދާޅުވި އެވެ.