ހއ. ދިއްދޫ

ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް މަގާމުން އިސްތިއުފާދެއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ހއ. ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް، މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އަލީ ހާޝިމް ކައުންސިލްގެ ރައީސްކަމުގެ މަގާމުން އިސްތިއުދާ ދީފައި މިވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އިބްރާހީމް އިސްމާއީލް ކޮށްފައިވާ ޓުވީޓުތަކާ ގުޅިގެން އިބްރާއަށް ހިތްވަރުދީ އަލީ ހާޝިމް މީސް މީޑިއާގައި ވާހަކަދެއްކި މައްސަލަ ހޫނުވެ، ރަށުގެ ގިނަ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އަލީ ހާޝިމް މަގާމުން ދުރުކުރުމަށް ގޮވާލައި ރައްޔިތުން ސޮއިކުރަމުންދާ ޕެޓިޝަނުގައި ބުނެފައިވަނީ އަލީ ހާޝިމްގެ އިތުބާރުނެތް ކަމަށް ފާސްކުރުމަކީ ކައުންސިލުގެ ހަތަރު މެންބަރުންގެ ޒިންމާއެއް ކަމަށެވެ.

އަދި އިސްލާމް ދީނަށާއި ކީރިތި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތަކަށް ފާޅުގައި ހާޝިމް ތާއީދު ކުރަމުން ގެންދާ ކަމަށާއި އެފަދަ މީހުންގެ ދިފާއުގައި ހާޝިމް ވާހަކަ ދައްކައި، އެއީ މޮޅު ބައެއް ކަމަށް ސިފަކޮށްފައިވާކަމަށް ޕެޓިޝަނުގައި ވެއެވެ.

މީގެއިތުރުން ދިއްދޫ ކައުންސިލްގެ ރައީސްކަން ކުރައްވާ ބޭފުޅަކު މިފަދަ ގޮތަކަށް އާއްމުންގެ ތެރޭގައި ފިތުނަވެރިކަން އުފެދޭ ވާހަކަ ދެއްކުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަދި އަލީ ހާޝިމްގެ އެ އަމަލަުތަކުގެ ސަބަބުން ރާއްޖޭގެ ބައެއް ނޫސްތަކުގައި'' ދިއްދޫ ކައުންސިލުގެ ރައީސް'' މި އިބާރާތް ބޭނުންކޮށް ޚަބަރު ޝާއިއު ކުރުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލަދުވެތި ކަމެއްކަމަށް ޕެޓިޝަންގައި ވެ އެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިބުރާ މީސް މީޑިއާގައި ވާހަކަދެއްކުމުން އަލީ ހާޝިމް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި '' އަހަރެން މިހުރީ އިބުރާއާއެކު. މިއީ މިޖީލުގެ އެންމެ މޮޅު މީހުންގެ ތެރެއިން އެކަކު.'' ކަމަށް ބުނެފައެވެ.