މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއުޒިކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއެކު ރޭ ޔޫތު ސެންޓަރުގައި ބޭއްވި ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އަޑު އައްސަވައި އެ މީހުންނަށް ދަތިވާ ކަންކަން ކޮށްދެއްވުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހުރިހާކަމެއް ކުއްލިއަކަށް ނުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އެންމެ އާދައިގެ ކަންކަމުން ފަށައިގެން ގޮސް ބޮޑެތި ކަންކަން ވެސް ހައްލުކޮށްދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރޭގެ ފޯރަމުގައި ފަންނާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގައި މިޔުޒިކު ކުޅުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ނުލިބުމާއި ބޭރު ގައުމުތަކުގެ މިއުޒިކު ބޭންޑްތައް ގެނެސް، ރާއްޖޭގެ ރިސޯޓުތަކުގައި ޝޯ ބާއްވަމުންދާކަން ފާހަގަކުރިއެވެ.
އަދި ރިސޯޓުތަކުގައި ދިވެހި ފަންނާނުން ޝޯއެއް ބޭއްވި ނަމަވެސް ރިސޯޓުތަކުން އޭގެ އަގުވަޒަން ނުކުރާ ކަމަށާއި ފަންނާނުން ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމާއި އަދި ރާއްޖޭގައި ބާއްވާ ފެއާތަކަށް ސަގާފީ ގްރޫޕްތައް ހޮވާއިރު އިންސާފުން ބޭރުން ކަންކަން ހިނގާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަނެއް ހަދަން މިހާރު ނިންމާފައިވާތީ އޭގެ ތެރެއިން ދިވެހި ފަންނާނުންނަށް ކުރިމަތިވެފައި އޮތް މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.