މުނިފޫހިފިލުވުން

''ފްރެންޑްސް'' ރިޔޫނިއަން ސްޕެޝަލް ޝޫޓިންގް އަންނަ ހަފުތާގައި

ފްރެންޑްސް ރިޔޫނިއަން ސްޕެޝަލް އުފެއްދުމުގެ މަސައްކަތް ފެށުމަށް އެންމެ ފަހުން ތައްޔާރުވެއްޖެއެވެ.

ފްރެންޑްސް ރީޔޫނިއަން އަންސްކްރިޕްޓެޑް ސްޕެޝަލް އަކީ އެޗްބީއޯ މެކްސުން މިދިޔަ އަހަރު ލޯންޗްކުރަން ނިންމި ޝޯއަކަށް ވީނަމަވެސް، ޕެންޑެމިކުގެ ސަބަބުން އެކަން ވަނީ މަޑުޖެހިފައެވެ.

އެޗްބީއޯ މެކްސްއިން އަދި މިކަމުގައި އެއްޗެއް ބުނެފައި ނުވި ނަމަވެސް އަންނަ ހަފުތާގެ ތެރޭގައި މި ރީޔޫނިއަން ސްޕެޝަލް ގެ ޝޫޓިންގް ފެށުމަށް ނިންމާފައިވާ ކަމުގެ ހަބަރުތައް މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ބެން ވިންސްޓަން ޑައިރެކްޓްކުރާ މިޔޫނިއަންގައި ފްރެންޑްސްގެ ތަރިންނާއި އެ ޝޯ އުފެއްދި ފަރާތްތައް ކަމުގައިވާ ކެވިން ބްރައިޓް، މާޓާ ކޯފްމަން އަދި ޑޭވިޑް ކްރޭން އާއި ގުޅިގެން ޕްރޮޑިއުސްކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ވޯނާ ބްރޯސްގެ އަންސްކްރިޕްޓެޑް އެންޑް އޯލްޓަނޭޓިވް ޓެލެވިޒަން އަދި ފުލްވެލް 73 ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ.

ފްރެންޑްސް ރިޔޫނިއަން ސްޕެޝަލް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލިސްގައެވެ.

މެތިއު ޕެރީ، ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، ޑޭވިޑް ޝްވިމާ އަދި މެޓް ލި ބްލޭންކް، އޮރިޖިނަލް ސެޓް ކަމުގައިވާ ކެލިފޯނިއާގެ ބާބެންކުގައި ހުންނަ ވޯނާ ބްރޯސްގެ ސްޓޫޑިއޯ 24 ސައުންޑްސްޓޭޖަށް ދިއުމަށް ހަމަޖެހިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ސެޓްގެ ޑިޒައިނާ ގްރެގް ގްރާންޑޭ ވަނީ ވަރަށްފަހުން ފްރެންޑްސްގައި ދައްކުވައިދޭ ނިއު ޔޯކް އެޕާޓްމަންޓު އަދި އެންމެން ދަންނަ ސޯފާ ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ދައްކާލައިފައެވެ.

މި ރިޔޫނިއަން، ފްރެންޑްސްގެ 236 އެޕިސޯޑުތަކާ ގުޅުވާލުމަށް ވަނީ ނިންމައިފައެވެ. 1994-2004 އަހަރަށް ކުރިއަށްދިޔަ އެމީ އެވޯޑް ލިބިފައިވާ އެންބީސީގެ ކާމިޔާބު ސީރީސް ފްރެންޑްސް އަކީ މިދިޔަ އަހަރު ވޯނާ މީޑިއާގެ ސްޓްރީމިންގް ޕްލެޓްފޯމްގައިވެސް އެންމެ ކުރީގައި އުޅުނު ޝޯއެވެ.

ފްރެންޑްސް އަކީ އެތައް ދިވެހީންނެއްގެ އޭރުގެވެސް އަދި މިހާރުގެވެސް އެންމެ މަގުބޫލު އެއް ޝޯ އެވެ.