ބޮލީވުޑް ތަރިން ކަމުގައިވާ ކާޖޮލް އާއި އަޖޭ ދޭވްގަންގެ އަންހެން ދަރިފުޅު ނިޔާސާ ފިލްމީ ދާއިރާއަށް ނިކުންނަން އުޅޭ ވާހަކަ ވަނީ މި ދުވަސްވަރު ދެކެވެން ފަށައިފައެވެ.
ނަމަވެސް ނިއާސާގެ ބައްޕަ އަޖޭ މިވަނީ މިކަން ދޮގު ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަޖޭގެ ރިލީސްވާން އުޅޭ ފިލްމް "ޓޯޓަލް ދަމާލް"ގެ ޕްރޮމޯޝަންގައި އޭނާއަށް އަމާޒުވި ސުވާލަކަށް ޖަވާބުދެމުން ވަނީ މީން ދުވަހަކު ވެސް ނިއާސާ ފިލްމެއް ނުކުޅޭނެ ކަމަށް ބުނެފައެވެ. އަދި މިދުވަސްވަރު ނިޔާސާ ގައުމުން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ކަމަށް ވެސް އަޖޭ ވަނީ ބުނެފައެވެ. އަޖޭ އިތުރަށް ބުނި ގޮތުގައި އަދި އޭނާގެ ދަރިފުޅު ފިލްމު ކުޅުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، ފަހުން އެ ހިޔާލު ބަދަލުވުމަކީވެސް ވެދާނެ ކަމެއް ކަމަށެވެެ.
އަޖޭގެ ފިލްމު "ޓޯޓަލް ދަމާލް"ގެ ޓްރެއިލާ ވަނީ އިއްޔެ ރިލީސްކޮށްފައެވެ. މި ފިލްމުގައި މަދޫރީ، އަނިލް ކަޕޫރު، އަރްޝާދް ވާދޯ، ރިތޭޝް ދޭޝްމުކް، ޖާވެދް ޖެފްރީ އަދި ޖޮނީ ލިވާވެސް ލީޑް ރޯލުން ފެނިގެން ދާނެއެވެ.
މި ކޮމެޑީ ފިލްމުގެ އިތުރުން އަޖޭ އަންނަނީ ބަޖެޓް ފިލްމެއް ކަމަށްވާ "ތަނާޖީ"ގައި ވެސް މަސައްކަތް ކުރަމުންނެވެ.