ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
އިރުތިޝާމް ޖޭޕީއަށް ސޮއިކުރައްވާފައިވަނީ މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
އިރުތިޝާމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތިންވަނަ ޔޫތު މިނިސްޓަރެވެ. އިރުތިޝާމް ޔޫތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އަހްމަދު ޒުހޫރަށް ފަހުއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފަހުގެ ޔޫތު މިނިސްޓަރެއްގެ ގޮތުގައި ހުންނެވީ އިރުތިޝާމެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް ޖޭޕީއާ ވަނީ ގުޅިވަޑައިގެންފައެވެ. އިރުތިޝާމްގެ އިތުރުން މަލީހުއާއި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ރައީސް ސޯލިހުގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަކީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދަކީ ވެސް ޖޭޕީގެ މެމްބަރެކެވެ.