އިބްރާހިމް ޒަކީ
ކޮވިޑް 19 އާގުޅިގެން ހެލްތު މިނިސްޓްރީން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް 31 މިލިޔަން ރުފިޔާ ހޭދަކުރި މައްސަލައިގައި، ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކަށް ދައުވާ ނުކުރުމަކީ ޕްރޮސިކިއުޓާ ޖެނެރަލްް (ޕީޖީ) ހުސެއިން ޝަމީމަށް ލިބިގެންވާ އިހުތިޔާރެއް، އަދި ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވެންޓިލޭޓަރު ކޮރަޕްޝަނުގެ މައްސަލައިގައި ހިމެނޭ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަަށް ގެނެސް އެފއިސާ ހޯދުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލައިގެ ބަހުސާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލް އަމަލުކުރަން ޖެހިވަޑައިގަންވާނީ ގާނޫނުގައިވާ ގޮތުގެ މަތީން ކަމަށެވެ.
ގާނޫނުގައި ވާގޮތުގެ މަތީން ކުށެއް ކުރިކަން ޕީޖީއަށް ފާހަގަވުމުން ދައުވާ ނުކޮށް ދޫކޮށްލުމަކީ ޕީޖީއަށް ލިބިވަޑައިގެންވާ ހައްގެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި އެއީ ޕީޖީގެ މުސްތަގިއްލުކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މިއޮތީ ގާނޫނުއަސާސީގައި ވަަރަށް ސާފުކޮށް ލިޔެފައި ގާނޫނުގައިވާ ގޮތުގެ މަތީން އެބޭފުޅާ އަމަލު ކުރައްވަމުން ގެންދަންވަން ޖެހޭނީ މި މައްސަލައަށް ދައުވާ ނުކޮށް ދޫކޮށްލުމަކީ އެބޭފުޅާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއްވެސް ނޫން ބާރެއް ވެސް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން އެ މައްސަލައިގައި 11 ފަރާތަކަށް ދައުވާ ކުރަން ޕީޖީއަށް ދެވަނަ ފަހަރަށް ފޮނުވުމުންވެސް، އެކަމުގައި އެންމެ ފުރަތަމަ ޕީޖީން ނިންމެވި ގޮތަށް ދައުވާ ނުކުރަން ޕީޖީ ހުސެއިން ޝަމީމު ވަނީ ނިންމަވައިފައެވެ.
ޕީޖީ ވިދާޅުވީ އެ މައްސަލައިގައި އޭސީސީން ފޮނުވި މައްސަލައިގައި ދައުވާ ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށެވެ.
މި މައްސަލައިގައި ޕީޖީ ޝަމީމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަންވެސް މަޖިލިސް ރައީސް މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.