އިންޑިއާގެ މަޖިލިސް އިންތިހާބުގައި ކަރީނާ ކަޕޫރު ވާދަކުރަން އުޅޭ ވާހަކަ އޭނާ ދޮގު ކޮށްފިއެވެ.
ހޯމަ ދުވަހު ކަރީނާ ނެރުނު ބަޔާނެއްގައި ބުނީ ކޮންގްރެސް ޕާޓީން ލޮކް ސަބާ އިންތިހާބުގައި ބޯޕާލް ފަރާތުން އޭނާ ވާދަކުރަން އުޅޭ ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އޭނާގެ ފޯކަސް އަކީ ފިލްމު އިންޑަސްޓްރީ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާއަށް އެކަހަލަ އެއްވެސް ހުށަހެޅުމެއްވެސް ހުށަހަޅާފައި ނުވާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީއަށް ވަނީ ސިޓީ އަކުން ކަރީނާ އަކީ ބޯޕާލްގެ ގޮނޑި ކާމިޔާބު ކުރެވޭނެ އެންމެ ވާދަވެރި ކެންޑިޑޭޓްގެ ގޮތުގައި ހުށަހަޅާފައެވެ. މިކަން ކޮށްފައިވަނީ ވިޔަފާރިވެރިއެއް ކަމަށްވާ ޔޮގެންދްރާ ސިންގް ޗޯހާން އެވެ. ޗޯހާން ވަނީ ކަރީނާއަށް ޕާޓީގެ ޓިކެޓް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާގެ ޗީޕް މިނިސްޓަރު ކަމާލް ނާތްގެ އެޕޮއިންޓްމަންޓަކަށްވެސް އެދިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ކަރީނާގެ ފިރިމީހާ، ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންއަކީ އިންޑިއާގެ ކުރީގެ ކްރިކެޓަރު މަންސޫރު އަލީ ޚާން ޕަތޯޑީގެ ދަރިފުޅެވެ. މަންސޫރު އަކީ 1991ވަނަ އަހަރުގެ އިންތިހާބުގައި ބޯޕާލްގެ ގޮނޑިއަށް ވާދަކޮށް އެ އިންތިހާބުން ނާކާމިޔާބުވެފައިވާ މީހެކެވެ.