ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ގޮތް ނޭނގޭ މަރުތައް އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ދެއްކެވި ވާހަކަތައް ބެލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުންގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް މީޑިއާއަށް މައުލޫމާތުދީ، ވާހަކަ ދެއްކި މައްސަލަ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް މިއަދު ބޭއްވި އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ސުއޫދުގެ މައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން މާދަމާ މެންދުރުފަހު 2:00އަށް ތާވަލުކޮށްފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ނަންތަކެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮތްކަމަށް ވިދާޅުވެ ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅޭ ހެކި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކުރުމުން އިއްޔެ އޭނާ ވަނީ އެ ކޮމިޝަނާ ހިއްސާކޮށްފައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ދެއްކެވި އެ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.
ސުއޫދުގެ ވާހަކަތަކާ ގުޅިގެން އެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކުރުމަށް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓުން ފުރުސަތު ހުޅުވާލި ނަމަވެސް އެ މައުލުމާތު ސުޕްރީމް ކޯޓާ ހިއްސާ ނުކުރާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެވެ.