މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ

މަޖިލީހުގެ އިންތިޚާބުގައި 15 ދާއިރާއަކަށް ވާދަކުރާނަން: ލޭބަރ ޕާޓީ

ޝަހީދާ އަބްދުﷲ ސައީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 15 ދާއިރާއަކަށް ވާދަކުރާނެ ކަމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ(ލޭބަރ ޕާޓީ) ޕާޓީން ބުނެފިއެވެ.

ލޭބަރ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު މައުރޫފު ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާގެ ތެރެއިން އެޕާޓީން 15 ދާއިރާއަށް ވާދަކުރާނެ ކަމަށާއި މަދުވެގެން ދިހަ ދާއިރާއަށް ވާދަކުރާނެ ކަމަށެވެ.

އަދި 87 ދާއިރާއަށް ޕާޓީގެ ނަމުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށް މައުރޫފު ވިދާޅުވިއެވެ.

ޕާޓީގެ ފިކުރުގައި ތިބި ފަރާތްތަކަށް ޕާޓީގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް އެފަރާތްތަކަށް ފުރުސަތު ދޭނީ ލީޑަޝިޕުގައި މަޝްވަރާކުރުމަށްފަހު، ޕާޓީގެ އަސާސްތަކާއި ޕާޓީގެ އުސޫލުތަކަށް ފުށު ނާރާގޮތެއްގެ މަތިން ކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.

މީގެއިތުރުން 87 ދާއިރާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންނަށްވެސް ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެމީހަކީ މަސައްކަތްތެރިންގެ ހައްގުތަކަށް އިހުތިރާމްކުރާ، އަދި އެހައްގުތަކަށް ފާއިތުވެ ދިޔަތަނުގައި އަރައިގެންފައި ނުވާ ފަރާތްތަކަށް ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެމީހަކަށް ޓިކެޓް ދޭނީ ލީޑަރޝިޕް ކޮމެޓީން މަސްވަރާކުރުމަށްފަހު ކޮމެޓީއަށް ފެންނަ ފަރާތްތަކަށް ކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުންގެ މަޖީލީހުގެ މިލަންދޫ ދާއިރާގެ ޓިކެޓް އެޕާޓީގެ މެންބަރު އަދި ކައުންސިލް މެންބަރ މިލަންދޫ ވެސްޓިން، އާދަމް ޝިފާއުއަށް ދިނުމަށް ލީޑަރ ޝިޕުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.