މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ

މިޕާޓީއަކީ މަހުޖަނުންގެ ފަހަތުގައި މަސައްކަތްކުރާނެ ޕާޓީއެއްނޫން: ލޭބަރ ޕާޓީ

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ(ލޭބަރ ޕާޓީ) އަކީ މަހުޖަނުންގެ ފަހަތުގައި މަސައްކަތްކުރާނެ ޕާޓީއެއް ނޫންކަމަށް ލޭބަރ ޕާޓީން ބުނެފިއެވެ.

ލޭބަރ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު މައުރޫފު ޒާކިރު ވިދާޅުވީ ލޭބަރ ޕާޓީއަށް ރާއްޖޭގެ މަހުޖަނުންގެ ނުފޫޒު ނުވަންނާނެ ކަމަށާއި އެޕާޓީއަކީ މަހުޖަނެއްގެ ނިވާފަތްގަނޑުގައި އޮވެގެން މަސައްކަތްކުރާނެ ޕާޓީއެއް ނޫންކަމަށެވެ.

އަދި އެޕާޓީ އުފެދިގެން މިހާތަނަށް އައި އިރު ޕާޓީގެ ޖަލްސާއަށް ހަރަދުކޮށްފައިވަނީ ހަތްދިހަ ހާސް ހަތަރު ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ އެޕާޓީއަށް ފައިސާ ހޯދާފައިވަނީ ހެޔޮއެދޭ ފަރާތްތަކުންދިން ފައިސާގެ އިތުރުން ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުން ޗަންދާ ނަގައިގެން ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ޕާޓީއަށް ފައިސާ ހޯދުމަށް ކޮންމެ މަހަކު ކޮންމެ މެންބަރަކުވެސް ފީއެއް ދައްކާގޮތައް ލީޑަރޝިޕުން ނިންމާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ފައިސާ ނަގާނެ ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށާއި ލީޑަރޝިޕް ކޮމެޓީން އަދަދު ކަނޑައެޅުމަށްފަހު މެންބަރުންނަށް އެކަން އަންގާނެ ކަމަށް މައުރޫފު ވިދާޅުވިއެވެ.

އަދި މިއަހަރުގެ ތެރޭގައި ޕާޓީއަށް ދިހަ ހާސް މެންބަރުން ހަމަކޮށް އަންނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޭ ފައިސާ އެޕާޓީއަށް ވެސް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ އެޕާޓީން އެންމެ ބޮޑަށް ވަކާލާތު ކުރާނީ މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ މިނިމަމްވޭޖެއް ކަނޑައެޅުމަށް ވަކާލާތުކުރަނޭ ކަމަށް ވެސް ވިދާޅުވިއެެވެ.